ހަބަރު

ޗައިނާ ދަރަންޏާ ގުޅިގެން އަނެއްކާވެސް ކޯޅުމަކަށް

Sep 17, 2020
5

ކުރީގެ ސަރުކާރުގައި ރާއްޖޭގައި ހިންގި ބިޔަ މަޝްރޫއުތަކަށް ޗައިނާ އިން ދީފައިވާ ލޯނުތަކާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި އަނެއްކާ ވެސް ތުހުމަތުތައް ބަދަލުކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއިން ލޯނު ނަގައިގެން ހިންގާފައިވާ ސިނަމާލެ ބްރިޖު ފަދަ މަޝްރޫއުތަކާ ގުޅޭގޮތުން ބީބީސީގައި ޝާއިއު ކޮށްފައިވާ ރިޕޯޓަކަށް ވާހަކަ ދައްކަވަމުން، އަބަދުވެސް ޗައިނާގެ ދަރަންޏާ ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ދީފައިވާ ލޯނުތަކާއި ސަރުކާރުގެ އެކި ކުންފުނިތަކަށް ދީފައިވާ ލޯނުތަކާއި ދިވެހި ސަރުކާރުން ގެރެންޓީ ދީގެން އަމިއްލަ ކުންފުނިތަކަށް ދީފައިވާ ލޯނުތަކުގެ ޖުމްލަ އަދަދު 3.1 ބިލިއަނަށް އަރާ ކަމަށެވެ.

ނަމަވެސް، އަގު ބޮޑުކޮށްގެން މަޝްރޫއުތައް ހިންގާފައިވާ ކަމުގެ ތުހުމަތު ތަކުރާރު ކުރައްވަމުން ނަޝީދު ވިދާޅުވީ ލިޔެކިއުމުން ފެންނާން އޮތީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ޗައިނާ އާއި ރާއްޖޭގެ ޕާޓްނަރުން ގުޅިގެން ވަރަށް ގިނަ ރަށްރަށުގައި ހޮޓާތައް ތަރައްގީކުރަމުން އަންނަ ކަމަށާއި އެކަމާ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"މިއީ ވަރަށް ސާފުކޮށް ފެންނަން އޮންނަ ކަމެއް. މިވަރުގެ އިންވެސްޓްމަންޓްތަކަށް ދިވެހި ޕާޓްނަރުންނަށް ފައިސާއެއް ނުލިބޭނެ. އެހެންވެ ޗައިނާގެ ޕާޓްނަރުން މި ރަށްތަކުގެ [ހިއްސާ] ހަމަ ކޮންމެ ވަގުތަކު ވެސް ގަނެފާނެ. މި ރަށްތައް އެ [ޗައިނާގެ ޕާޓްނަރުންނަށް] ވަރަށް އަވަހަށް އެއްކޮށް ލިބިގެންދާތަން އަޅުގަނޑަށް އެބަ ފެނޭ،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް ނަޝީދުގެ ވާހަކަތަކާ ގުޅިގެން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް ބީބީސީއަށް ވިދާޅުވީ ޗައިނާ އިން ލޯނު ދެނީ ވަކި ކަމަކަށް ޝަރުތުކޮށްފައި ނޫން ކަމަށާއި ލޯނު ނަގާ ގައުމަކުން ނުރުހޭ ކަމަކަށް މަޖުބޫރު ނުކުރާނެ ކަމަށެވެ.

އަދި ރައީސް ނަޝީދު ކުރައްވާ ތުހުމަތުތައް ސަފީރު ވަނީ "ހިޔާލީ" ވާހަކަތަކެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

"ޗައިނާ އިން ދިވެހިރާއްޖެ އަށް އަދި ތަރައްގީވަމުން އަންނަ އެހެން ގައުމަކަށް ވެސް އެ ގައުމަކުން ނޭދޭ ކަމަކަށް މަޖުބޫރެއް ނުކުރަން،" ސަފީރު ވިދާޅުވި އެވެ.

ޗައިނާގެ ކުންފުނިތަކުން ކުރާ އިންވެސްޓުމަންޓުތަކުގައި ބަދަލުގައި ރާއްޖޭގެ ރަށްތަކެއް ޗައިނާގެ އަތްދަށަށް ގެންދާ ތުހުމަތުތަކަށް އިޝާރާތް ކުރައްވަމުން ސަފީރު ވިދާޅުވީ މިއީ ވިޔަފާރީގެ ބޭނުން ނޫން އެހެން ނިޔަތެއްގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކެއް ނޫން ކަމަށެވެ.

"މަޖިލީހުގެ ރައީސަށް ފަހަރެއްގައި ރަނގަޅު މައުލޫމާތު ލިބިވަޑައިގެންފައި ނުވަނީ. ލޯނުތައް މި ދެނީ ޝަރުތެއް ކޮށްފައެއް ނޫން. އެކަން އެހެންނެއް ނުހިނގާ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެހެންނެއް ނުވާނެ، " ސަފީރު ވިދާޅުވި އެވެ.

ބީބީސީއާ ވާހަކަ ދައްކަވަމުން ކުރީގެ ސަރުކާރުގެ ފަރާތުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ ނަޝީދު ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، އެކަމުގެ ބޭނުމަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުން ކަމަށެވެ.