ޕްރޮމޯޝަން

އައިޕެޑް ފަދަ ވަސީލަތްތަކުން ގިޔާސުއްދީންގައި ކިޔަވައިދޭން ފަށަނީ

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި އައިޕެޑް ފަދަ އިންފޮމޭޝަން ޓެކްނޮލޮޖީ އާލާތްތައް ބޭނުންކޮށްގެން ކިޔަވައިދޭން ފެށުމަށް ދިރާގާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޒަމާނީ ތައުލީމީ ނިޒާމްގައި މުޅި ދުނިޔޭގައި ވެސް މަޝްހޫރު ވަމުން އަންނަ ބްރިން ޔުއާ އޯންޑް ޑިވައިސް (ބީއޯވައިޑީ) ޕްރޮގްރާމް ގިޔާސުއްދީން ސްކޫލްގައި ފެށުމަށް އެ ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ޕްރިންސިޕަލް ތޯހާ ސަލީމް އެވެ. އަދި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިސްމާއިލް ރަޝީދު އެވެ.

ސޮއިކުރެއްވުމަށްފަހު، އިސްމާއިލް ވިދާޅުވީ ތަޖުރިބާ ކުރުމުގެ ޕްރޮގްރާމެއްގެ ގޮތުގައި ގިޔާސުއްދީން ސްކޫލުން ފަށާ މި ޕްރޮގްރާމަކީ ސްކޫލްތަކަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ.

"މީގެ ސަބަބުން ޓީޗިން އެއިޑު ހެދުމަށް ފަސޭހަ ވެގެންދާނެ.ޓެކްނޮލޮޖީގެ މިފަދަ އިނޮވޭޓިވް ޕްރޮގްރާމެއް ފެށި ކަމަށްޓަކައި ޝުކުރު ދަންނަވަން،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިރާގުން މި ޕްރޮގްރާމް ހިންގުމަށް ގިޔާސުއްދީން ސްކޫލަށް ހިލޭ ހައިސްޕީޑް އިންޓަނެޓުގެ ހިދުމަތް ދޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ގިޔާސުއްދީންގެ ޕްރިންސިޕަލް ތޯހާ ވިދާޅުވީ ފުރަތަމަ މި ޕްރޮގްރާމް ފަށަނީ ތަޖުރިބާ ކުރުމަށް ކަމަށެވެ.

"އަމިއްލަ ޑިވައިސް ގެނެސް ސްކޫލްގައި ކިޔަވައިދޭން ފަށާއިރު، މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެން. ކުދިންނަށް ވަދެވޭނީ ވަކި ސައިޓް ތަކަށް. މިއީ ރާއްޖޭގައި މުޅިން އަލަށް ފަށާ ކަމެއް،" ތޯހާ ވިދާޅުވި އެވެ.