ދުނިޔެ

އެމެރިކާ އިން އެއް ބިލިއަން ޑޮލަރުގެ ހަތިޔާރު މޮރޮކޯއަށް ވިއްކަނީ

އިޒްރޭލާ އެކު ގުޅުން ބަދަހިކޮށްގެން މޮރޮކޯ އަށް ލިބޭނީ ކޮންއެއްޗެއް ތޯ ސުވާލުކުރެވެ އެވެ. އެމެރިކާގައި އުފައްދާ ޒަމާނީ ހަތިޔާރު ލިބުމާއި ޚިޔާލުތަފާތުވެފައި ހުރި ބިންތައް މޮރޮކޯ ކޮޅަށް ފައްސިޔަވުމަކީ މި ސުވާލަށް ފުދޭ ޖަވާބެކެވެ.

އެމެރިކާ އިން މޮރޮކޯއާ އެކު ހަދާ ޑީލާ ބެހޭ ގޮތުން، ތަންކޮޅެއް ފުނުގައި ހިނގާ ކަންކަން އެނގޭ މީހަކު ބުނި ގޮތުގައި، ރައީސް ޓްރަމްޕް މިހާރު ވަނީ މިކަން ކުރި އަށް ގެންދިއުމަށް އަންގަވާފަ އެވެ.

މޮރޮކޯ އިން ގަންނަ ހަތިޔާރުތަކުގެ ތެރޭގައި، އަމިއްލައަށް ތަންދޮރު ހޯދަން ދަންނަ މިސައިލާއި، ލޭޒާ ގައިޑެޑް މިސައިލް އަދި ޑްރޯން ވެސް ހިމެނެ އެވެ. ހަތިޔާރު ލިސްޓްގެ ތަފްސީލް އަދި މުޅިން ހާމަ ނުކުރި ނަމަވެސް، މި ލިސްޓަށް އިޒްރޭލުގެ ރުހުން ވެސް ވަނީ ލިބިފަ އެވެ. އިޒްރޭލުގެ ރުހުމާ ނުލައި އެމެރިކާ އިން މެދުއިތުމަތީ ގައުމަކަށް ހަތިޔާރު ނުވިއްކަ އެވެ.

މެދުއިރުމަތީ ގައުމު ތަކުން އިޒްރޭލާ އެކު ގުޅުން ރަނގަޅުކުރުމަކީ ފަލަސްތީނަށް ކަމުދާ ކަމެއް ނޫނެވެ. ފަލަސްތީނުން ވަނީ މި އެއްބަސްވުމަށް ވެސް ނުރުހުން ފާޅުކޮށްފަ އެވެ.

ޓްރަމްގެ ޒައާމަތުގައި އިޒްރޭލާ އެކު ގުޅުން ގާއިމްކުރި އަރަބި ގައުމުތަކަކީ ބަހްރޭން، ސޫދާން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ. އަނެއްކޮޅުން ބޫޓާނުން ވެސް ވަނީ އިޒްރޭލާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފަ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސް ދޫކުރައްވައި ނިކުމެވަޑައިގަތުމުގެ ކުރިން ހަތިޔާރު ވިއްކުން ހުރީ މެކުހަށް ޖައްސަވާފަ އެވެ. ޔޫއީ އަށް އޯޑަރެއް އަދި ޓައިވާނަށް ޑެލިވާކުރަން އޮތް އޯޑަރެއް ވެސް އަދި އޮތީ އެވެ.