ބޮރޫޝިއާ ޑޯޓްމަންޑް

ޑޯޓަމުންޑް ބަލިވުމުން ޕްރެޝާ ބޮޑު ވެއްޖެ

އަމިއްލަ ދަނޑުގައި، ސުޓްޓްގާޓް އަތުން 5-1 ގެ ބޮޑު ނަތީޖާ އަކުން ބުރޫޝިއާ ޑޯޓްމުންޑް ބަލިވުމުން، އެ ޓީމުގެ ކޯޗް ލޫސިއަން ފާވްރް އަށް ޕްރެޝާ ބޮޑު ވެއްޖެ އެވެ.

މެޗުން ބަލިވެ، ޑޯޓްމުންޑް ވަނީ ބުންޑެސް ލީގާގެ ތަވާލުގެ ފަސް ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެ ޓީމުގެ ފޯވަޑް އާލިންގް ހާލޭންޑް އަށް އަނިޔާވި ފަހުން، ބުންޑެސްލީގާގައި އެންމެ ފަހުން ކުޅުނު ދެ މެޗުން އެ ޓީމަށް ލިބުނީ އެއް ޕޮއިންޓެވެ.

ސީޒަންގައި އަމިއްލަ ދަނޑުގައި ތިން ވަނަ ފަހަރަށް ބަލިވުމުން، އެ ޓީމު ވަނީ މިދިޔަ ސީޒަންގައި ހޯމް ދަނޑުގައި ވީ ބައްޔާ އެއް އަދަކަށް މި ސީޒަންގައި ބަލިވެފަ އެވެ.

މި ނަތީޖާ އާއެކު ސްވިސް ކޯޗްގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އޭނާ މަގާމުގައި ބެހެއްޓުމާ މެދު ޑޯޓަމުންޑުގެ މެނޭޖުމެންޓުން ވަރަށް ކައިރިން ހާލަތު ބަލަމުން ދާނެ އެވެ.

ސުޓްޓްގާޓުން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ، ކޮންގޯގެ ސިލަސް ވަމަންގިޓުކާ އެވެ. އަނެއް ތިން ލަނޑު ކާމިޔާބު ކުރީ ފިލިޕް ފޮސްޓާ، ޓޮންގީ ކްލީބެލީ އަދި ނިކޮލަސް ގޮންޒާލޭޒް އެވެ. ޑޯޓަމުންޑްގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ޖިއޮވާނީ ރޭނާ އެވެ.