ހަބަރު

ފްލެޓުގެ ކުލަ ބަދަލު ކޮއްލިޔަސް ވައުދު ފުއްދި ކަމަކަށް ނުވާނެ: ޝިޔާމު

ފްލެޓުގެ ކުލަ ބަދަލު ކޮއްލުމަކީ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުން ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

ޓުވީޓާ މެދުވެރިކޮށް އެ މަނިކުފާނު މިހެން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފުލެޓު ތަކުގެ ކުލަ ރީނދޫ ކުލަޔަށް ބަދަލުކުރާ ކަމުގެ ޝަކުވާ ގިނަ ފަރާތް ތަކަކުން ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ޝިޔާމު ވަނީ ހިޔާ މަޝްރޫއުގެ ދަށުން ރައީސް ޔާމީނު އަޅުވައި ދެއްވި ފުލެޓުގެ ކުލަ ބަދަލު ކޮށްލުމުން ރައީސް އިބުރާހީމް މުހައްމަދު ސޯލިހުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުނީ ކަމަށް ވާނެ ތޯ ސުވާލު އުފައްދަވާފަ އެވެ. އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ ކުލަ ބަދަލު ކުރަން ނޫންކަމަށާއި ރައްޔިތުން ބޭނުން ވަނީ ވީހާ ވެސް އަވަހަށް ފުލެޓުގެ ހައްގުވެރިންނަށް އެ ތަންތަނަށް ވަދެވޭނެ ގޮތް ވުންކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި ހިޔާ ފްލެޓުތަކުގެ ކުލަ ރީނދޫ ކުލަ އަށް ބަދަލު ކުރަމުންދާ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން އެޗްޑީސީ އިން ރޭ ބުނީ މި ފްލެޓުތަކުގައި ލަމުން ދަނީ އޮރެންޖު ކުލަ އަށް ކަމަށެވެ.