ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިސްޓް އެރައިވަލް

ބޯޑަރު ހުޅުވިފަހުން އައި ފަތުރުވެރިންގެ ތެރެއިން ޕޮޒިޓިވްވީ 228 މީހުން

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އޭގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 228 މީހުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ގިނަ ދުވަސްތަކަކަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. މިދިޔަ މުއްދަތުގައި ރާއްޖެއަށް 103،557 ފަތުރުވެރިން އައިސްފައިވެއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 228 މީހުން ކަމަށެވެ. އެއީ ރާއްޖެ އައި މީހުންގެ 0.2 އިންސައްތައެވެ.

އެ މިނިސްޓްރީން ބުނީ ފަތުރުވެރިއެއްގެ ކިބައިން އެހެން މުވައްޒިފަކަށް ބަލި ޖެހިފައިވާކަންވެސް މިހާތަނަށް އެނގިފައިނުވާ ކަމަށެވެ. އަދި ގެސްޓް ހައުސް ހިންގާ ރަށްރަށުގައިވެސް އެއްވެސް ރަށެއްގައި ފަތުރުވެރިއެއްގެ ސަބަބުން އައުޓް ބްރޭކެއް އައިސްފައިއެއް ނުވާ ކަަމަށެވެ. އަދި ޕޮޒިޓިވްވި ފަތުރުވެރިއެއްގެ ސަބަބުން އެއްވެސް މުވައްޒިފަކަށްވެސް ބަލި ޖެހިފައިނުވާ ކަމަށެވެ.

ރިސޯޓްތަކާއި ގެސްޓްހައުސްތައް ހުޅުވާލި ފަހުން މަސްތަކެއް ފާއިތުވެދިޔައިރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެފައިވަނީ ހުރިހާ ދާއިރާތަކެއް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ސަބަބުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި މާދަމާ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގެސްޓްހައުސްތަކާއި ހޮޓާތައް ހުޅުވާލުމުގެ ހުއްދަ ދޭން ނިންމާފައިވާއިރު ރައްކާތެރިކަމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.