ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެމެރިކާގައި ގައުމީ ވެކްސިން ކެމްޕޭނެއް

އެމެރިކާގައި މިއަދު ކޮވިޑް ވެކްސިން ދޭން ފަށާނެ އެވެ. ގައުމީ ބޮޑު ކެމްޕޭނެއް ގޮތަށް ހިންގާ މި ޕްރޮގްރާމްގައި، ވެކްސިން އުފުލައި ރައްދު ކުރަން ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.

މިޝިގަންގައި ހުންނަ ފައިޒާ ފެކްޓަރީ ހުރީ ގާޑްކޮށްފަ އެވެ. މުޅި ތަނުގައި ޑްރައި އައިސް އެވެ. ފެކްޓަރީ ތެރޭގައި ހިންގަމުން ދަނީ ވެކްސިންދޭ މަރުކަޒުތަކަށް އެޑްރެސްކޮށް ވެކްސިން ޕާރުސަލް ކުރުމުގެ މަސައްކަތްތަކެވެ.

އެމެރިކާ އަކީ މުއްސަނދި ގައުމެއް ނަމަވެސް، ފައިޒާ ބަޔޮންޓެކް ވެކްސިން، ރައްކާތެރި ކަމާއެކު އުފުލުން ފަސޭހަ ކަމަކަށް ނުވެ އެވެ. އެއީ ވެކްސިން ބަހައްޓަންޖެހޭ ފިނިހޫނުމިނުގެ ސަބަބުންނެވެ. ފައިޒާ ބަޔޮންޓެކް ވެކްސިން ބެހެއްޓުން ރަނގަޅު ފިނިހޫނު މިނަކީ "މައިނަސް 70 ޑިގްރީ ސެލްސިއަސް" އެވެ. މަންޒަރު ދުށް މީހަކު ސްކައި ނިއުސް އަށް ބުނި ގޮތުގައި، ވެކްސިން އުފުލާ މީހުން އިރުކޮޅަކާ ދެއަތް ފޮޅާލައި ފިނިގަދަ ވެގެން ތެޅިފޮޅިގަނެވެ.

އެއާޕޯޓަށް ވެކްސިން ޓްރަކްތައް ދާއިރެއްގެ އިންތިޒާރުގައި، ފެޑެކްސް އާއި ޔުނައިޓެޑް ޕާސަލް ސާވިސް ފަދަ މުދާ އުުފުލައިދޭ އޭޖެންޓުން ފޫގަޅައިގެން އެބަ ތިއްބެވެ. އެމީހުންގެ ޒިންމާ އަކީ ވެކްސިން ޑެލިވަކުރަންޖެހޭ ތަނަކަށް ސިކުންތެއް ވެސް ލަސްނުކޮށް ގެންގޮސްދިނުމެވެ.

އާންމުންނަށް ވެކްސިން ދިނުމަށް ހޮސްޕިޓާތައް ވަނީ ތައްޔާރީ ހާލަތުގަ އެވެ. ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި، ކިތަންމެ ފުރިހަމައަށް ތައްޔާރުވި ނަމަވެސް، މިއީ މަސްތަކަކަށް ދިގުދެމިގެން ދާނެ ބުރަ މަސައްކަތެކެވެ. މުޅި އެމެރިކާއަށް ވެކްސިންދީ ނިމޭނެ ތާރީޚެއް ވެސް ނޭގެ އެވެ.

ވެކްސިން ދެވޭނެ ކަމަށް ބެލެވޭ ރޭޓަށް ހުއްޓުމެއް ނައިސް ކުރިއަށް ދިއަ ނަމަވެސް، ސިއްހީ އޮފިޝަލުން ބުނަނީ، އަންނަ އަހަރުގެ މާޗް މަސް ނިމެއްވާއިރަށް އާބާދީގެ 30 ޕަސެންޓަށް ވެސް ވެކްސިންދީ ނިމޭނެކަމާ މެދު ޝައްކު ކަމަށެވެ.

ރޮއިޓާސުން ނެގި ޚިޔާލު ބެލުމުގެ ވޯޓަކުން ދައްކާ ގޮތުގައި، ވެކްސިންގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދާ މީހުން ގިނަ އެވެ. މިއީ ވެސް އެމެރިކާ އަށް ދިމާވާނެ ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ. ވެކްސިންދޭން ނަގާ މުއްދަތު އިތުރުވާނެ ސަބަބެކެވެ.