ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެމެރިކާގައި ކޮވިޑް ވެކްސިން ދޭން ފަށައިފި، ފުރަތަމަ ޝޮޓް ނަރުހަކަށް

އެމެރިކާގައި އާންމުކޮށް ކޮވިޑް ވެކްސިން ދޭން ފަށައި، ލޯންގް އައިލޭޑް ޖުވިޝް މެޑިކަލް ސެންޓަރުގެ ނަރުހެއް ކަމަށްވާ ސެންޑްރާ ލިންޑްސޭގެ ކޮނޑަށް ފުރަތަމަ ކަށި ހަރައިފި އެވެ.

އެމެރިކާގައި ގައުމީ ކެމްޕޭނެއް ގޮތުގައި ރައްޔިތުންނަށް ވެކްސިން ދޭން ފަށާފައި ވާއިރު، ލިސްޓްގެ ކުރީގައި ތިބީ ބަލި މީހުން ގާތު މަސައްކަތް ކުރާ ސިއްހީ އޮފިޝަލުންނާއި ބަލީގައި ބޮޑުވަރު ވެދާނެ ކަމަށް ބެލެވޭ ދޮށީ އުމުރު ފުރައިގެ މީހުންނެވެ.

ސެންޑްރާ ލިންޑްސޭ އަށް ވެކްސިން ދިނުމުން، މީޑިއާއަށް އިޝާރާތްކޮށް ބުނީ، އެހެން ވެކްސިނެކޭ މިވެކްސިނެކޭ ތަފާތެއް ނެތް ކަމަށެވެ. ވެކްސިނަށް އޭނާ އިތުބާރު ކުރާ ކަމަށާއި އެހެން މީހުން ވެސް އިތުބާރު ކުރަން އެދޭ ކަމަށެވެ.

ސެންޑްރާ އަށް ވެކްސިން ދިން ތަނުން ރައީސް، ޑޮނަލްޑް ޓްރަމްޕް ޓްވީޓާއަށް ބޯ ދިއްކޮށްލައްވައި މަރުހަބާ ވިދާޅުވި އެވެ. އެމެރިކާއަށް އަދި މުޅި ދުނިޔެއަށް ވެސް ތަހުނިޔާ ވިދާޅުވި އެވެ.

އެމެރިކާގައި ވެކްސިން ދޭން ފެށުމާ އެކު ރައީސް ޓްރަމްޕް ތަހުނިޔާ ދަންނަވް ކުރެއްވި ޓްވީޓް

އެމެރިކާގައި އާންމުކޮށް އަދި އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) ހުއްދަ ދީފައި ވަނީ ފައިޒާ-ބަޔޮންޓެކް ވެކްސިނަށެވެ. މިއީ ގަދަ ފިނީގައި ބަހައްޓަން ޖެހޭ އިންޖެކްޝަނަކަށް ވާތީ އުފުލައި ގެންގުޅުން އެމެރިކާއަށް ވެސް ވަނީ ދަތި ކަމަކަށް ވެފަ އެވެ.

ކޮވިޑްގައި މަރުވާ މީހުން އެމެރިކާގައި އިތުރުވަމުން އަންނައިރު ވެސް ފަރުވާ ލަސްވާ ސަބަބު އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ކޯފާ އިސްކުރައްވާފަ އެވެ. ގައުމުގެ ރައީސަށް ވެސް އެފްޑީއޭއިން އެއްބާރުލުން ނުދެއްވާ ކަމަށް ވިދާޅުވި އެވެ. ކޮވިޑާ ގުޅިގެން އެމެރިކާގައި 300،000 މީހުން ވަނީ މަރުވެފަ އެވެ.