ހަބަރު

އެމްއެމްޕީއާރްސީ ބަންދުކޮށްފައިވާތީ އެމްޑީޕީ ކަންބޮޑުވެއްޖެ

Oct 21, 2015
2

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ފުލުހު ބަންދުކޮށްފައިވާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެމްއެމްޕީއާރްސީ އަށް ސިފައިންނާއި ފުލުހުން ވަދެބަލައި ފާސް ކުރުމަށްފަހު އެތަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިއަ ހުކުރު ދުވަހުގެ ރޭގަ އެވެ.

އެމްޑީޕީން ބަޔާނެއް މެދުވެރިކޮށް މިރޭ ބުނީ ސިންގަޕޫރުގައި މިއަދު ފަށާ އައިޓީބީ އޭޝިޔާ ފެއާގައި ބައިވެރިވާން އެމްއެމްޕީއާރްސީ ދިޔައީ ރޭގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އާންމު ގޮތެއްގައި ތިން ހަތަރު ދުވަސް ކުރިން ރާއްޖޭގެ ސްޓޯލް ތައްޔާރު ކުރާ ކަމަށާއި އެ ކުންފުނި ހިންގުމާއި ހުރިހާ މަސައްކަތެއް ހުއްޓިފައިވާތީ ހިތާމަ ކުރާ ކަމަށެވެ.

އެމްއެމްޕީއާރްސީ ބަންދުކޮށްފައިވާތީ ޓޫރިޒަމް ޕްރޮމޯޓުކޮށް އިޝްތިހާރުކުރުމުގެ މައި ކުންފުނީގެ މަސައްކަތް ހުއްޓިފައިވާކަމީ ބޮޑު މައްސަލައެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އެމްއެމްޕީއާރްސީ ބަންދުކޮށްފައިވާއިރު އެތަނުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ޕާސްޕޯޓް ހިފަހައްޓައި ގެ ބަލައި ފާސް ކުރުމުގެ އިތުރުން ފުލުހަށް ހާޒިރުކޮށް ތިން ފަހަރެއްގެ މަތިން ވަނީ ސުވާލުކޮށްފައެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި އެމްޑީޕީ ކަންބޮޑުވި އިރު ރާއްޖެއަށް ޓޫރިސްޓުން ނައުމަށް ގޮވާލާ އެ ޕާޓީ އަބަދުވެސް އަޑުހަރު ކުރެއެވެ.