އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ 281 ފަރާތެއް ނަން ހިމެނޭ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ދެންމެ އާންމުކޮށްފި އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓް އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފަ އެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓްގައި 281 ނަމެއް އޮތް އިރު ކުރިން އެ ކޮމިޝަނުން ހާމަކުރި ގޮތުގައި އެ ލިސްޓްގައި އޭރު އޮތީ 267 ނަމެވެ.
ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް އާންމުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އެއްކޮށްލައިގެން އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއެކުގައެވެ. މި ރިޕޯޓްގައި މިހާރުގެ ވަޒީރުންނާއި ކުރީގެ ވަޒީރުން އަދި މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީން މެންބަރުކަން ކުރެއްވި ބޭފުޅުން އަދި ބައެއް ކުންފުނިތައްވެސް ހިމެނެއެވެ. އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި އެހެން ބައެއް ކޯޓްތަކުގައި ފަނޑިޔާރުން ކުރެއްވި ބޭފުޅުންވެސް ހިމެނެއެވެ.
ލިސްޓްގައި އެމްޑީޕީގެ މެންބަރުންގެ ތެރެއިން ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ޕާލަމަންްޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރެވެ.
ލިސްޓުގައި ހިމެނޭ ޕީޕީއެމް / ޕީއެންސީގެ މެމްބަރުންގެ ތެރޭގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އާއި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ފަރެސް މާތޮޑާ ދާއިރާގެ މެމްބަރުން ހުސެއިން މުހައްމަދު ލަތީފް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫންގެ އިތުރުން މެމްބަރު އިބްރާހިމް ރިޒާ ހިމެނެ އެވެ.
ލިސްޓުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރޭގައި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ހިމެނި ވަޑައިގަންނަވަ އެވެ.
މިނިވަން މެމްބަރުންގެ ތެރެއިން ލިސްޓުގައި ހިމެނުނު ބޭފުޅުންގެ ތެރޭގައި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ. އެމްޑީއޭއަށް ނިސްބަތްވާ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ ނަން ވެސް އެ ލިސްޓުގައި ވެއެވެ.
މިހާރު ކެބިނެޓް މިނިސްޓަރުންގެ ތެރެއިން ހިމެނިވަޑައިގަންނަވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ނަމެވެ. ރައީސް ޔާމީންގެ ދެކަނބަލުންނާއި އެމަނިކުފާނުގެ ކެބިނެޓްގެ ވަރަށް ގިނަ ބޭފުޅުންގެ ނަން ލިސްޓްގައިވެއެވެ. ރައީސް ޔާމީންގެ ދެ ނާއިބު ރައީސުން ކަމަށްވާ އަބްދުﷲ ޖިހާދާއި އަހުމަދު އަދީބުގެ ނަން ހިމެނިފައިވާއިރު މިހާރުގެ އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތުގެ ނަންވެސް ލިސްޓްގައި އެބައޮތެވެ.
އަދި ސޯޝަލް މީޑިއާގެ ބައެއް އެކްޓިވިސްޓުންނާއި އައްޑޫގެ އިންތިހާބީ މޭޔަރު އަލީ ނިޒާރުވެސް ހިމެނިވަޑައިގަންނަވައެވެ.
ލިސްޓްގައި ނަން އޮތް ވަރަށް ގިނަ ބޭފުޅުން ގެންދަވަނީ ތުހުމަތު ދޮގު ކުރައްވާ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައިނުވާ ކަމަށް ވިދާޅުވަމުންނެވެ.