އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައި ތިއްބެވި ބޭފުޅުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އިސް ސަފުގައި ވަރަށް ގިނަ ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ފެންމަތިކޮށް ފަޅާއަރުވާލީ އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން ނިޔާޒު އެވެ. އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓެއް ހަދައި އެ ރިޕޯޓް ނެރުމާ އެކު ނިޔާޒު ވަނީ މަގާމުން ދުރުކޮށްފަ އެވެ.
އެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނެ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓް އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފަ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓްގައި 281 ނަމެއް އޮތް އިރު ކުރިން އެ ކޮމިޝަނުން ހާމަކުރި ގޮތުގައި އެ ލިސްޓްގައި އޭރު އޮތީ 267 ނަމެވެ.
އެ ލިސްޓް އާންމުކުރަން ބައެއް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމުން ގޮވާލަމުންދާއިރު މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ އެ ލިސްޓް މިވަގުތު އާންމުކުރުން ރަނގަޅު ނޫން ކަމަށް ވިދާޅުވަމުންނެވެ. އަދި އެ ލިސްޓް އާންމުކުރަން ގޮވާލުން ޒިންމާދާރު ނޫން ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވަ އެވެ. ނަމަވެސް އެ ބޭފުޅުންނަކީ ކުރިން ހިޔާނާތުގެ ލިސްޓް އާންމުކުރަން ޖެހޭ ކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅުންނެވެ.
ނިޔާޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަށް ވެސް އަދި ޕީޕީއެމް އަށް ވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އިންސާފުވެރި ކަމާއެކު ބަލައި ރައްޔިތުންނަށް އިންސާފު ހޯދައި ދެވިދާނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.
"މި ފައިސާގައި ޖެހިފައި ތިބި މީހުން މި ދެ ޕާޓީ [އެމްޑީޕީ އާއި ޕީޕީއެމް]ގެ އިސް ސަފުގައި އެހާމެ ގިނަ،" ނިޔާޒު ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމަށް މަޖިލީހުގެ 241 ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ ތެރެއިން ނަގާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ މަސައްކަތް ފަށާފަ އެވެ. ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ ލިސްޓްގައި ހިމެނޭ ބޭފުޅުންގެ މައްސަލަތައް ނިމިފައި ނުވި ނަމަވެސް އެ ބޭފުޅުން މަގާމުތަކުން ވަކިކުރަން ކޮމިޓީން މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށް ވިދާޅުވެ ހުށަހެޅުމެއް ހުށަހަޅުއްވާފަ އެވެ. ޖޮއިންޓް ކޮމިޓީން އެސެޓް ރިކަވަރީ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރުމުން އެގޮތަށް އަމަލުކޮށްދިނުމަށް ހުށަހަޅާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
"ތަހުގީގު ކުރިއަށް ދިޔަ ނަަމަވެސް ނުވަތަ ޕްރޮސެކިއުޝަންގެ މަރުހަލާ ކުރިއަށް ދާއިރު ވެސް ކަރެކްޓިވް އެކްޝަން ނަގަންޖެހެއޭ ތަހުގީގު ކުރިއަށް ދާއިރު ވެސް. ކޮންމެހެން ހުކުމް އަންނަންދެން މަޑުކުރާކަށް ނުޖެހޭނެއޭ ބައެއް ކަންކަމުގައި. މިސާލަކަށް ބޮޑު މަގާމެއްގައި ހުރި މީހެއް ނަމަ މަގާމުން ވަކިވެސް ކުރޭ" އީވާ ވިދާޅުވި އެެވެ.
އީވާގެ ހުށަހެޅުއްވުމަށް އެމްޑީޕީގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ތާއީދު ކުރައްވާފަ އެވެ.
ހިސާން ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ފައިސާ ލިބިފައިވާ މީހުންގެ ތަހުގީގު ނުނިމޭ ކަމަށް ބުނެ މަގާމުތަކުން ވަކިކުރުން ވަރަށް ބޮޑަށް ލަސްވެއްޖެ ކަމަށެވެ. އެބޭފުޅުން މަގާމުތަކުގައި ތިބުމުން މައްސަލަ އަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށްވެސް ވިދާޅުވި އެވެ.
"ހިޔާނާތުގެ ފައިސާ ލިބިފައިވާ މީހުން އެ މަގާމުތަކުގައި ތިބުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭ ކަމެއް ނޫން،" ހިސާން ވިދާޅުވި އެވެ.
ހިސާން އިތުރަށް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓްގައި ހިމެނޭ ބައެއް ބައެއް ބޭފުޅުންނަށް ހިޔާނާތުގެ ޖިނާއީ ދައުވާ ނުކުރެވުނު ނަމަވެސް އެބޭފުޅުންނަށް ލިބުނު ފައިސާ ދައުލަތަށް ހޯދުން އަވަސް ކުރަންޖެހޭ ކަމަށެވެ.