ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑުގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭން އެދިއްޖެ

އަވަށްޓެރި ސްރީލަންކާގެ މުސްލިމުންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދީ، ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އަންދާލަމުންދާތީ، އެ ބަލީގައި މަރުވާ މުސްލިމުންގެ ހަށިގަނޑު ރާއްޖެއަށް ގެނެސް ވަޅުލައި ދިނުމަށް ލަންކާ ސަރުކާރުން އެދިއްޖެ އެވެ.

މިދިއަ ހަފުތާގައި އެ ބަލި ޖެހިގެން ލަންކާގައި މަރުވި 19 މުސްލިމުންގެ ހަށިގަނޑު އަންދާލަން ނިންމާފައި ވާއިރު، ލަންކާ މުސްލިމުން ދަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ.

އެ ކަންބޮޑުވުންތަކާއެކު، ލަންކާގައި ކޮވިޑު ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖޭގެ ވަޅުލުމަށް ދިވެހި ސަރުކާރުން ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ލަންކާގެ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

މިގޮތުން، ދިވެހި ސަރުކާރުގެ ހުށަހެޅުމާއެކު، އެކަން ކުރެވިދާނެ ގޮތުގެ އުސޫލުތަކެއް އެކުލަވާލަން ލަންކާގެ ހެލްތު މިނިސްޓްރީން އަންގާފައިވާކަމަށް ލަންކާގެ ޕަބްލިކް ހެލްތު ސާވިސަސްގެ ޑިރެކްޓާ ޖެނެރަލް ޑރ. ހޭމަންތަ ހޭރަތު ވިދާޅުވި އެވެ.

"މިކަން ކޮށްދޭން ރާއްޖޭން ހުށަހަޅާފައިވަނީ، އެއީ ޖަޒީރާ ގައުމަކަށްވެފައި، އަޅުގަނޑުމެންނަށް މި ދިމާވާ މައްސަލަ ރާއްޖެއަށް ދިމާނުވާތީ. ހަށިގަނޑުތައް ވަކި ރަށެއްގައި ވަޅުލައި ދޭން ދިވެހި ސަރުކާރުން ހުށަހަޅާފައި ވަނީ،" ޑރ. ހޭރަތު ވިދާޅުވި އެވެ.

ދިވެހި ސަރުކާރުގެ ހުށަހެޅުމާމެދު ގޮތެއް ނިންމޭނީ، އެކަމުގައި ހުރި ޕްރެކްޓިކަލް ކަންތައްތައް ބެލުމަށްފަހު ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

ނަމަވެސް، އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ބަލީގައި މަރުވާ ލަންކާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖޭގައި ވަޅުލާދިނުމަށް އެދިފައިވަނީ ލަންކާ ސަރުކާރުންނެވެ.

އަދި ލަންކާ ސަރުކާރުގެ އެ އެދުމާމެދު ދިވެހި ސަރުކާރުން މިހާތަނަށް ވަކި ގޮތެއް ނިންމާފައިވާނުވާކަމަށް އަވަސް އަށް ވަނީ އެނގިފައި އެވެ.

މިދިއަ އޮކްޓޯބަރު މަހުން ފެށިގެން، ލަންކާގައި ކޮވިޑް-19 އިގެ ކޭސްތައް އިންތިހާއަށް އިތުރުވެފައިވާއިރު، އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 29،300 އަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން 142 މީހަކު ވަނީ މަރުވެފައި އެވެ.

ކޮވިޑުގައި މަރުވާ މީހުން ވަޅުލުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވެސް ބުނެފައި ވީނަމަވެސް، ބަލި ޖެހިގެން މަރުވާ މީހުން ހަށިގަނޑު ވަޅުލުމުން، ބިންގަނޑަށް އެ ބަލި ފެތުރި، ބޯފެނުގެ ޒަރިއްޔާއިން އެހެން މީހުނަށް ބަލި ޖެހޭނެކަމުގެ ބިރު ފަތުރާފައިވަނީ، ރައީސް ގޮތާބޭ ރާޖަޕަކްސައަށް ތާއީދުކުރާ ހަރުކަށި ފިކުރު ބުޑިސްޓު މޮންކުންކަމުގެ ތުހުމަތު ވަނީ އަމާޒުވެފައި އެވެ.

ލަންކާ ސަރުކާރުގެ އެ ނިންމުމާ ދެކޮޅަށް ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތްތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ގާތްގަނޑަކަށް 21 މިލިއަން މީހުންގެ އާބާދީގައި، 10 ޕަސަންޓް މުސްލިމުން ދިރިއުޅޭ ލަންކާގައި، ދީނީ އުސޫލުތަކާއި އާދަކާދައަށް ސަރުކާރުން ފުރަގަސްދީފައިވާކަމަށް ބުނެ، ލަންކާގައި ލަންކާގެ ބައެއް ސިޔާސީ ޕާޓީތަކުގެ ފާޑުކިޔުންވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.