ބޮލީވުޑް

"ޖަލްތޭ ދިޔޭ" ސަލްމާން އާއި ސޯނަމްގެ އެންމެ ރީތި ލަވަ

Oct 22, 2015

އަންނަ މަހުގައި ރިލީޒްކުރާ ސަލްމާން ޚާނާއި ސޯނަމް ކަޕޫރުގެ "ޕްރޭމް ރަތަން ދަން ޕާޔޯ"ގެ "ޕްރޭމް ލީލާ" އާއި ޓައިޓަލް ލަވަ "ޕްރޭމް ރަތަން ދަން ޕާޔޯ" މިހާތަނަށް ރިލީޒްކޮށް، ބޮޑު ތަރުހީބެއް ލިބިފައިވާއިރު ތިން ވަނަ ލަވަ "ޖަލްތޭ ދިޔޭ" އިއްޔެ ވަނީ ރިލީޒްކޮށްފަ އެވެ.

މީގެކުރިން ރިލީޒްކޮށްފައިވާ ދެލަވަ އާއި ހިލާފަތް "ޖަލްތޭ ދިޔޭ" އިން ސަލްމާން އާއި ސޯނަމް ވަރަށް މިޒަމާނީ ގޮތެއްގައި އެކަކު އަނެކަކަށް ރޮމޭންސްކުރާތަން ފެނިގެންދާއިރު، ލަވައަށް ޑެކަރޭޓްކުރުމަށް 7000 ދިޔާ ބޭނުންކޮށްފައިވެ އެވެ.

އިރްޝާދް ކާމިލްގެ ލަވަޔަކަށް ހިމޭޝް ރޭޝަމިޔާ މުއިޒިކް ހަދާދީފައިވާ މިލަވަ ކިޔައިދީފައިވަނީ އަންވެޝާ އާއި ވިނީޝާ ސިންގް އާއި ހަރްޝްދީޕް ކޯރް އަދި ޝަބާބް ސަބްރީ އެވެ.

ސޯނަމް މަޑު ދަނބު ކުލައިގެ ސާޅީއެއްގައި ފެނިގެންދާ މިލަވައިގައި ޕްރޭމްގެ ރޯލުން ފެނިގެންދާ ސަލްމާން އަށް އޭނާގެ ހިތުގައިވާ ލޯބި ބުނެދޭން މަސައްކަތްކުރަމުންދާއިރު، ސަލްމާން ފެނިގެންދަނީ ކޮންމެވެސް ކަމަކާއި ހާސްވެ، ސޯނަމް ދެކެ ލޯބިވިޔަސް އޭނާ އާއި ދުރަށް ދާން މަސައްކަތްކުރާ ތަނެވެ.

ސަލްމާން ޑަބަލް ރޯލުން ފެނިގެންދާ މިފިލްމުގައި ފެނިގެންދާނީ ޕްރިންސެއްގެ ރޯލުންނާއި ސްޓްރީޓް ފައިޓަރެއްގެ ރޯލުންނެވެ.

"މައިނޭ ޕިޔާރް ކިޔާ" އާއި "ހަމް އާޕްކެ ހޭ ކޯން" އަށް ފަހު އަނެއްކާވެސް ޕްރޭމްގެ ރޯލުން ސަލްމާން ފެނިގެންދާ މިފިލްމަކީ ޑައިރެކްޓަރު ސޫރަޖް ބަރްޖަތްޔާ އެވެ.

މިފިލްމުގެ މިހާރު އާންމުކޮށްފައިވާ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ސޫރަޖް ބަރްގަތްޔާގެ ކުރިން ނިކުތް ފިލްމުތަކަށް ލިބުނުވަރުގެ ބޮޑު ކާމިޔާބީއެއް މިފިލްމަށް ލިބޭނެ ކަމަށް އުންމީދުކުރެ އެވެ.

ސަލްމާން ވަނީ މީގެކުރިން ބަރްޖަތްޔާގެ "ހަމް ސާތް ސާތް ހޭ" އާއި "މެއިނެ ޕިޔާރް ކިޔާ" އަދި "ހަމް އާޕްކޭ ހޭ ކޯން" އިން ފެނިގެން ގޮސްފަ އެވެ.

ސަލްމާން އާއި ސޯނަމްގެ އިތުރުން މުހިންމު ރޯލުތަކުން އަނޫޕަމް ކޭރް އާއި ނީލް ނިތިން މުކޭޝް އާއި އަރްމާން ކޯލީ އަދި ސްވަރާ ބާސްކަރާއި ދީޕަކް ޑޮބްރިޔާލް ފެނިގެންދެ އެވެ.