ބޮލީވުޑް

ޕެންޝަން ފައިސާ އަމީތާބް ގަބޫލެއްނުކުރި

Oct 22, 2015
1

މެގަސްޓާ އަމީތާބް ބައްޗަން އާއި އާއިލާގެ މެމްބަރުންނަށް އުއްތަރް ޕްރަދޭޝްގެ ސަރުކާރުން ޕެންޝަންގެ ގޮތުގައި ދޭން ނިންމި ފައިސާ ނުދޭން އަމީތާބް ގޮވާލައިފި އެވެ.

ޕެންޝަންގެ ގޮތުގައި 50،000 ރުޕީޒް ކޮންމެ މަހަކު، އުމުރު ދުވަހަށް އަމީތާބް އާއި އަންހެނުން ޖާޔާ ބައްޗަން އާއި ފިރިހެން ދަރިފުޅު އަބީޝޭކް ބައްޗަން އަށް އުއްތަރް ޕްރަދޭޝްގެ ސަރުކާރުން އެކުލަވާލި އެންމެފަހުގެ ޕެންޝަން ސްކީމުން ލިބެނީ އެމީހުންނަށް އެސްޓޭޓުންދޭ އެންމެ ޝަރަފުވެރި އެވޯޑް "ޔާޝް ބާތީ ސައްމާން" އެވޯޑް ލިބިފައިވާތީ އެވެ.

ޕެންޝަންގެ ފައިސާގެ ގޮތުގައި ދޭ ލާރި އަމީތާބްގެ އާއިލާގެ ކޮންމެ މެމްބަރަކަށް ދޭން ސަރުކާރުން ނިންމުމުން ގިނަބަޔަކު އަމީތާބް އާއި ދެކޮޅަށް ޓްވިޓާގައި އަޑުއުފުލަމުން ދަނިކޮށް ވަނީ އުއްތަރް ޕްރަދޭޝްގެ ސަރުކާރަށް އެފައިސާ ކޮންމެވެސް ޗެރިޓީ އަކަށް ނުވަތަ ބޭނުންޖެހިފައިވާ މީހުންނާއި ފަގީރުންގެ ޗެރިޓީ އަކަށް ދިނުމަށް އެދިފަ އެވެ.

މިކަމާއި ގުޅޭގޮތުން އަމީތާބް ނެރުނު ބަޔާނެއްގައި ވަނީ އުއްތަރް ޕްރަދޭޝްގެ ސަރުކާރުން އޭނާ އާއި އޭނާގެ އާއިލާއަށް "ޔާޝް ބާތީ ސައްމާން" ލިބިފައިވާތީ، އެއާއިލާގެ ކޮންމެ މެމްބަރަކަށް ޕެންޝަންގެ ގޮތުގައި 50،000 ރުޕީސް ދޭން ނިންމުމުން އެކަމަށް އިހްތިރާމްކުރާ ކަމަށާއި ނަމަވެސް އޭނާގެ އާއިލާއަށް ދޭން ނިންމާފައިވާ ފައިސާ ކޮންމެވެސް ޗެރިޓީ އަކަށް ނުވަތަ ބޭނުން ޖެހިފައިވާ ފަރާތްތަކަކަށް ދިނުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެއް ކަމަށް އަމީތާބް ނެރުނު ބަޔާނުގައިވެ އެވެ.

މީގެއިތުރުންވެސް އަމީތާބްގެ ބަޔާނުގައި ވަނީ ޕެންޝަންގެ ފައިސާ ބޭނުންޖެހިފައިވާ މީހުންނަށް ދިނުމަށް އެދި ސިޓީފުޅެއް ޗީފް މިނިސްޓަރަށް ފޮނުއްވާނެ ކަމަށްވެސް ބުނެފަ އެވެ.