ވިޔަފާރި

ވީއައިއޭގެ އިސް މަގާމަކަށް އިންޑިއާ މީހެއް

Dec 15, 2020
17

ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އޮޕަރޭޝަނަލް އެންޑް ރެޑިނަސް އެއާޕޯޓް ޓްރާންސްފާ (އޯރަޓް) ޑައިރެކްޓަރުގެ މަގާމަށް މަންޖޫ ޗެރިއަން ހަމަޖައްސައިފި އެވެ.

އޯރަޓް ޑައިރެކްޓަރުގެ ޒިންމާއަކީ ޓާމިނަލް އާއި ރަންވޭ އާއި އެއާޕޯޓު މުޅި އޮޕަރޭޝަނަށް ވަމުންދާ ތައްޔާރީތައް ދުވަހުން ދުވަހަށް ބަލައި، މެނޭޖުކޮށް ވިލަރެސް ކުރުމެވެ. މިއީ އެމްއޭސީއެލް އަށް އަަލަށް ހަމަޖެއްސި މަގާމް އެކެވެ. ނަމަވެސް ކުރިން މި ކަންތައް ބަލަހައްޓަމުން ދިޔައީ އެ ކުންފުނީގައިި މަސައްކަތް ކުރަމުންދިޔަ ދިވެހިންނެވެ.

އިންޑިއާގެ ރައްޔިތެއް ކަމަށްވާ މަންޖޫ އޯރަޓް ޑައިރެކްޓަރުގެ މަގާމަށް އައްޔަން ކުރިކަން އަންގައި އެ ކުންފުނިން ނެރެފައިވާ އިންޓާނަލް މެމޯއެއްގައިވާ ގޮތުން، އޯރަޓް ޑައިރެކްޓަރުގެ މަގާމަށް އައްޔަން ކުރި ޗެރިއަންއަކީ އެއާޕޯޓް މެނޭޖުމަންޓާއި އޯރަޓް ދާއިރާގައި އިންޑިއާ އާއި ބަހުރެއިން އެއާޕޯޓުގައި 22 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ.

އޭނާ އެންމެ ފަހުން މަސައްކަތް ކުރައްވާފައިވަނީ ބަހްރެއިން އެއާޕޯޓްސް ކޮމްޕެނީގެ އޯރަޓް ޕްރޮގްރާމް މެނޭޖަރެއްގެ ގޮތުގައި ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެމްއޭސީއެލް ޒަމާނީ ބަދަލުތައް ގެނެސް، ތަރައްގީ ކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންދާ ވަގުތެއްގައި ޗެރިއަންގެ އިލްމާއި ތަޖުރިބާގެ ބޭނުން އެ ކުންފުންޏަށް ފައިދާކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ސަރުކާރަށް އެންމެ ބޮޑު އާމްދަނީއެއް ވައްދާ އެއް ކުންފުނި ކަމަށްވާ އެމްއޭސީއެލްގެ ބައެއް މަގާމުތަކަށް ބަދަލު ގެންނަމުންދާއިރު، އެ ކުންފުންޏަށް މި އަހަރު ވަނީ އާ ސީއީއޯއެއް ވެސް ހަމަޖައްސާފަ އެވެ. އެ ކުންފުންޏަށް ހަމަޖައްސާފައިވަނީ އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ ގޯޑަން އެންޑްރޫ ސްޓުއާޓް އެވެ. އޭނާ ވެސް މީގެ ކުރިން ބަހްރެއިން އެއާޕޯޓުގައި މަސައްކަތް ކުރައްވާފައިވެ އެވެ.