ވާހަކަ

ލޯބިން ބުނެލަން

(13 ޑިސެމްބަރ 2020 އާ ގުޅޭ)

"ޔެސް... މީ އަހަންނޭ... އައި އޭމް ހިއާ... ކެންއާއެކު... އެއީ ހުވަފެނެކޭ." ކެންޒާ ހިއްލާލައި ބައްދާލަމުން ލައިތު ބުންޏެވެ.

"މިތަނުން ދާން ހިނގާ." ލައިތުގެ އަތުގެތެރެއިން ރައްކާތެރިކަން ލިބުނު ހިނދު ކެންޒާއަށް ބުނެވުނެވެ.

"ކޮންތާކަށް ދާން ބޭނުމީ." ލައިތު އަހާލިއެވެ.

"މިތަނުން ދާން ބޭނުމީ." ކެންޒާ ބުންޏެވެ.

"އޯކޭ... އޯކޭ..." ލައިތު އަވަސް އަވަހަށް ބުނެލިއެވެ. އޭނާ މާދަމާ މާލެދާން ދަތުރު ހަދާނެއެވެ.

ކެންޒާއަށް ހަމަހޭވެރިކަން ލިބުމާއެކު އޭނާގެ ރުއިން ވެސް ހުއްޓިއްޖެއެވެ. އެހެންވިޔަސް ލައިތުގެ އަތުގެ ތެރެއިން ދުރަކަށް އޭނާ ނުދިޔައެވެ. އިރުއަރަން ކައިރިވެފައި ވަނިކޮށް ލައިތަށް ނިދުނީ ވެސް ކެންޒާ ހޭލާ އޮއްވައެވެ. އޭނާ މަޑުމަޑުން ލައިތުގެ އަތުގެ ތެރެއިން ދުރަށް ޖެހިލީ ދެނެވެ. ހަފަރާތުން އައިސް ފިކުރުތަކުގެ ތެރޭ އޭނާ ބައްދާލައިފިއެވެ.

* * * * *

ކައިވެނީގެ ވާހަކަ އަޑުއިވުމުން ލައިރާއަށް ފުރަތަމަ ވެސް ކުރެވުނީ ޝަކުވާއެވެ. ކެންޒާ ފެނިއްޖެކަން އެނގިގެން އޭނާ ހުރީ ލައިތުމެން ގާތަށް ދާން ނުހަނު ބޭނުންވެފައެވެ. ނަމަވެސް ބައްޕަގެ އެދުމާ ޚިލާފުނުވެވުނީއެވެ. ކެންޒާގެ ހާލާމެދު ވިސްނާ ފިކުރުކޮށްކޮށް ލައިރާގެ ހާސްކަންވަނީ އިތުރެވެ. ލޮލަށް ކެންޒާ ނުފެންނަނީސް އޭނާއަށް ހަމަޖެހުމެއްނެތްކަން ޒުބިން ގާތު ވެސް ލައިރާ ބުންޏެވެ. ފޯނުކުރިޔަސް ކެންޒާއާ ބައްދަލުކޮށްދޭން ލައިތު ދެކޮޅުހެދިއެވެ.

"ޔަގީންތަ އަންނަނީކަން." ޝަކުވާ ކުރަމުން ދެކޮޅަށް ހިނގަހިނގާ ހުރެފައި ކުއްލިއަކަށް ހުއްޓި، ލައިރާ އެނބުރިލީ ސޯފާގަ ތިބި ޖިނާނާއި ޒުބިންއަށެވެ.

"މާމައާއި މަންމަ ކެންގެ ވާހަކަދައްކަން މިހާރުވެސް ތިބީ. އައި އޭމް ޝުއާ... އެންމެން އަންނަނީކަން، ބައްޕަ ކުއްލިއަކަށް ފުރައިގެން އެދިޔައީ އެމީހުންގެ މެރިއޭޖަށް، ދޮން ދޭބަލަ މަންމަ ކައިރިއަށް... މާމައަށް ފޮޓޯދައްކާތީ ދުށީން." ޖިނާނު ބުންޏެވެ.

"ފޮޓޯއޭ... ކެންގެ... ހިނގާ..." މަޑުކުރުމެއްނެތި ލައިރާ އަވަސްވެގަތެވެ. އޭނާގެ ފަހަތުން ހަލުވިކޮށް ޖިނާނު ނުކުތެވެ. އަނބިމީހާގެ ހަރަކާތްތަކުން ހިނިއައި ނަމަވެސް އެ ހިނިތުންވުން ޒުބިންގެ ތުންފަތުން ނުހަނު އަވަހަށް ފިލައިފިއެވެ. ލައިރާ ފަދައިން އުދާސްތައް ބޭރުނުކުރި ނަމަވެސް، އޭނާ ވެސް ކެންޒާއާ މެދު ކަންބޮޑުވެ ހާސްވެފައިވެއެވެ. ކެންޒާގެ ޚަބަރެއް އެނގެން ޒުބިން ވެސް ބޭނުންވެއެވެ. ހިތުގެ އަޑިން ކެންޒާއާއި ލައިތަށް ކައިވެނީގެ ތަހުނިޔާކިޔުމަށް ވެސް އޭނާ އެދެއެވެ.

ހަރުކޮށް އަންނަ ދެބެން ފެނި ސަރަފީނާއަށް އެމަންޒަރު ދައްކާލީ ކަސްތޫރީއެވެ. ލައިރާ އައިގޮތަށް މަންމަގެ ގާތު ސޯފާގައި އިށީނެވެ. ސިކުންތެއް ވެސް ބޭކާރުނުކޮށް ކެންޒާއާއި ލައިތު ކައިވެނިކުރީތޯ އޭނާ ސުވާލުކުރިއެވެ. ކަސްތޫރީއާއި ސަރަފީނާ އެކަކުއަނެކަކަށް ބަލާލިއެވެ. ދެން ސަރަފީނާ އެނބުރިލީ ލައިރާއާ ދިމާއަށެވެ. ކެންޒާ ގޮވައިގެން އެންމެން މާލެ އަންނަކަން ސަރަފީނާ ޔަގީންކޮށްދިނެވެ. ކެންޒާގެ ހާލު ރަނގަޅެއްނޫނޭ ސަރަފީނާ ބުނެލިއެވެ.

"ކެންއަށް ކިހިނެއްވީ؟ އެމީހާގެ ގޭގަތަ ކެން ގޮސްގެން ގެންގުޅުނީ." ލައިރާއަށް އެނގިފައި އޮތް މިންވަރުން އޭނާ ހާލަތު ދެނެގަނެވޭތޯ އުޅުނެވެ. ސަރަފީނާ މަޑުމަޑުން ބޯޖަހާލީއެވެ. ދުރުގައި ހުރެ ވެސް ފަރުޒީނު އައީ އަސަދާއި ޢާއިލާއަށް ހުރިހާކަމެއް އޮޅުންފިލުވާދެމުންނެވެ.

"ބައްޕަ އެދުނީ އެއްވެސް ކުއްޖަކު ކެންއާ ސުވާލުނުކުރަން، ކުއްލިގޮތަކަށް ލައިތު ކައިވެނި ކުރަން ނިންމިޔަސް، އެ ނިންމުން ރަނގަޅު، ކެންއާ ވަކިވުމުގެ ޚިޔާލެއް ލައިތުގެނެތް، އެ ދެމީހުން ދުރުކުރާކަށް މިޢާއިލާއިން ވެސް ބޭނުމެއްނުވޭ، ކެންއަށް ބޭނުންވަނީ ލޯތްބާއި އަޅާލުން." ސަރަފީނާ ވިސްނައިދޭ ފަދައަކުން ވާހަކަދެއްކިއެވެ.

"މާމައަށް އެނގޭ ލައިއަށް ވަރަށް ކަމުދާ ކުއްޖެއްކަން ކެންޒާއަކީ."

"އާން މާމާ، އަހަރުތަކަކަށްފަހު ލިބުނު ވަރަށް ރަނގަޅު ރަޙުމަތްތެރިއެއް ކެންއަކީ، ލައިކް އަ ސިސްޓަރ." ލައިރާ ބޯޖަހާލަމުން ބުންޏެވެ.

"ކެންއަކީ ގާތްކުއްޖެއް، ރަނގަޅުކުއްޖެއްކަން ފުރަތަމަ ބައްދަލުވި ދުވަހުވެސް އެނގުނު... މިހާރު އެއީ ލައިތުގެ އަންހެނުން، ހުރިހާ ގޮތަކުންވެސް މިގޭ ކުއްޖަކަށް ވެއްޖެ، ކެންޒާއެކޭ އެހެންކުދީންނެކޭ މާމަ ތަފާތެއްނުކުރާނަން، އަހަރެމެން އެ ދެކުދީންނާ ބައްދަލުކުރަންވާނީ ހިނިތުންވެފައިވާ މޫނަކައިގެން، ކައިވެނީގެ ތަހުނިޔާއާއި ކެންޒާ މިގޭގައި ދިރިއުޅެން އަންނާތީ އެކަމާ ގުޅުވާ ހޫނު މަރުޙަބާއެއް ކިޔަންވާނެ، އެކަމަކު ބުނަން، އެހާބޮޑުވަރު ނުކުރާތި، ލައިތު ގަޔާނުވެދާނެ... އެ ދެކުދިން އެކުގައި ފެންނާނެކަން އެނގުނީއްސުރެ އަހަރެން މިހުންނަނީ އުފަލުން." ކަސްތޫރީ ހިނިތުންވިއެވެ.

"ކޮންއިރަކު އަންނަނީ؟ އަޅުގަނޑު މިހާރުމި ޕްލޭންތައް ފަށަނީ." ޖޯޝާއެކު ލައިރާ ބުނެލިއެވެ.

ލައިތުމެން އަންނަނީ ކޮންއިރަކުކަން އެނގުމުން ދާން ވެގެން ތެދުވެފައި ވެސް ލައިރާ އަލުން އިށީނެވެ. މަންމައަށް ބަލާލަމުން ކައިވެނީގެ ފޮޓޯތައް ބައްޕަ ނުފޮނުވާހޭ އަހާލިއެވެ. އެއާއެކު ސަރަފީނާ އަވަހަށް ފޯނު ނެގިއެވެ. ކެންޒާއާއި ލައިތު ކައިވެނި ހެދުމުގައި ފެންނަލެއް ހިތްގައިމުކަން ސަރަފީނާ ފާހަގަކުރިއެވެ.

"މީ ކެންތަ ހަމަ؟" އުފާވުމުގެ ބަދަލުގައި ފޮޓޯގަނޑަށް ބަލަން ލައިރާއަށް އިދެވުނީ އަޖައިބުވެފައެވެ.

"ކެން! ކިހިނެއްވެފަ ތިއިނީ؟" ހިތާހިތުން ލައިރާއަށް ސުވާލުކޮށްލެވުނެވެ. ޚިޔާލުކުރެވުނު ގޮތާއި ފޮޓޯއިން ކެންޒާ ފެނުމުން ހިތަށް ސިފަކުރެވުނު ގޮތް އުޑާބިމާހާ ތަފާތެވެ. ކެންޒާއަށް އަނިޔާއެއްލިބިފައި ނުވެޔޭ ބުނާތީ އަޑުއިވިފައި ވިޔަސް އެކަން ޤަބޫލުކުރަން ލައިރާއަށް ދަތިވެއްޖެއެވެ. މަންމަގެ ފޯނުން ކައިވެނީގެ ފަހަރަކު ފޮޓޯއެއް ލައިރާ ބަލަމުންދިޔައެވެ.

* * * * *

އިރުއޮއްސުމާ ކައިރިވެފައި ވަނިކޮށް ގެއިން ފޮނުވި ދެ ކާރުގައި ލައިތުމެން އަތުވެއްޖެއެވެ. ކޮންމެވެސް ކަމަކާ ކެންޒާ ހާސްވެފައި ހުރިކަން އެނގޭތީ ކާރުން ފޭބިއްސުރެ ލައިތު ހުރީ އަނބިމީހާގެ އަތުގައި ހިފާލައިގެންނެވެ. ފަރުޒީނާއި އަސަދު ކުރިއަށް ތިބެ ޕޯޓިކޯގެ ހަރުފަތްތަކުން އެރިއެވެ. ކެންޒާ ގޮވައިގެން ލައިތު އެރީ އެމީހުންގެ ފަހަތުންނެވެ. ގޭގެ ދެ ޚާދިމަކު ނުކުމެ ކާރުން ލަގެޖުތައް ބޭލުމުގައި އުޅެއެވެ.

ބޮޑުކޮޓަރިތެރޭ ސޯފާތަކުގައި ތިބި އެންމެން ދޮރުކައިރިއަށް ޖަމާވިއެވެ. ގާތްގާތުގައި ތިބި ލައިތާއި ކެންޒާ ފެނުމުން އެކުދީންނާ ފުރަތަމަ ވެސް ބައްދަލުކުރީ ކަސްތޫރީއެވެ. އެ ދެމަރިންގެ ގައިގާ ކަސްތޫރީ ބައްދާލީ ނުހަނު ލޯބިންނެވެ. ކެންޒާގެ ކޯތާފަތުގައި ފިރުމާލުމާއެކު ލުއި ހިނިތުންވުމެއް ކަސްތޫރީ ބަދަލުކޮށްލިއެވެ.

"ހުރިހާކަމެއް ވެސް ދެން އިރާދަކުރެއްވިއްޔާ ރަނގަޅުވެދާނެ." ތުންފަތުގައިވި ހިނިތުންވުމާއެކު ކަސްތޫރީގެ ނަޒަރު ކެންޒާއާއި ލައިތަށް ދަތުރުކޮށްލިއެވެ. މަޑުމަޑުން އެ ދެކުދީންގެ ކޮނޑުގައި ފިރުމާލައި އެތެރެއަށް އައުމަށް ބުންޏެވެ.

އިސްޖަހާލައިގެން ބަސްމަދުވެފައި ހުރި ކެންޒާއަށް އެތަނުގައި ލައިރާއާއި ޒުބިން ހުރިކަން ފާހަގަވީ ހެނެއް ހިޔެއްނުވެއެވެ. އެއަށްވުރެ އޭނާ ހުރީ ހާސްވެފައެވެ. ނަމަވެސް އެ ނުތަނަވަސްކަމަށް ލައިރާ ފުރުޞަތެއް ނުދިނެވެ. އެންމެން ހައިރާންކޮށްލާފައި ލައިރާ އައިސް ބައްދާލީ ކެންޒާގެ ގައިގައެވެ. ލައިތަށް ހަރަކާތެއް ކޮށްލާކަށް ނޭނގުނެވެ. އޭނާގެ އަތާއި ކެންޒާގެ އަތް ވަތްކެއްނުވެއެވެ. ލައިރާގެ ގައިގާ ބައްދާލަން ނުކެރިފައި ކެންޒާ ހުރީއެވެ. ލައިރާ ރޮއިފާނޭ އެކަކުވެސް ހިޔެއްނުކުރެއެވެ. ހަޤީޤަތުގައި އޭނާގެ އަމިއްލަ ނަފްސު ނުހިފެއްޓުނީއެވެ.

"ކެން..." ރޮވިފައިވާ އަޑުން މަޑުމަޑުން ލައިރާ ގޮވާލިއެވެ.

ރޯން ވެސް ނުކެރިފައި ކެންޒާ ހުރި ފަދައެވެ. ކުށުގެ އިޙްސާސެއްގައި ބަނދެވިފައި ހުރި ފަދައެވެ. ލައިރާގެ އެކުވެރިކަމާއި ގާތްކަން ލިބުމުން އުފާވީ ނަމަވެސް ކެންޒާއަށް ރަނގަޅު ރަޙުމަތްތެރިއަކަށް ނުވެވުނޭ ހިތުގައިވިއެވެ. ސިއްރުކޮށްދޭން އެއްބަސްވެފައި ވެސް އެ ސިއްރުތައް ހާމަކުރީ ޚުދު ކެންޒާކަން ހަނދާނެއްނުނެތެވެ.

"ލައި..." ޒުބިން ކައިރިއަށް ޖެހިލައި ލައިރާގެ ބުރަކަށީގައި ފިރުމާލިއެވެ. ލައިތުއާ ދެމީހުން އެކަކުއަނެކަކަށް އަވަސް ނަޒަރެއް ބަދަލުކޮށްލުމާއެކު ބޯޖަހާލީ ކޮށްލި ސަލާމެއް ފަދައިންނެވެ. ޒުބިންގެ ނަޒަރު ބޮޑުކޮޓަރިއަށް ކެންޒާ ވަނީއްސުރެ އެހެން ދިމާއަކަށް ދީލައިނުލައެވެ. ކެންޒާއާ މެދު ކަންބޮޑުވެގެން އެންމެންނަށްވުރެ ބޮޑަށް ހާސްވެ ރުއި މީހަކީ ލައިރާކަން ޒުބިންއަށް އެނގެއެވެ. ކެންޒާ ފުރައިގެން ދިއުމުގެ ކުރީން އޭނާއާމެދު ކަންތައްވީ ކިހިނެއްކަން ނޭނގޭ މީހަކު އެގެއަކުނެތެވެ.

ދުރަށް ޖެހިލައި ލޯ ފުހެލާފައި އަވަހަށް އަންނާށޭ ބުނެ ކެންޒާގެ އަތުގައި ލައިރާ ހިފާލިއެވެ. ދެން ވެސް ކެންޒާއަށް ބަހެއް ނުބުނެވުނެވެ. ކެންޒާގެ ދެފަރާތުގައި އަތުގައި ހިފާލައިގެން ލައިރާއާއި ލައިތު ތިބެ ސޯފާތަކާއި ދިމާއަށް އައެވެ. ނަމަވެސް ލައިތުގެ އަތަށް ކެންޒާ ބާރުކޮށްލުމާއެކު އެ ހަރަކާތް ލައިތު ދެނެގަތެވެ. މާމައަށް ގޮވާލައި ކެންޒާ ގޮވައިގެން ކޮޓަރިއަށް ދިއުމުގެ ހުއްދައަށް ލައިތު އެދުނެވެ. އަރާމުކޮށްލުމަށްފަހު އެންމެންނާ ބައްދަލުކުރަން ލައިތު ޚިޔާލު ފާޅުކުރިއެވެ. ފަރުޒީނު އެ ޚިޔާލަށް އެއްބަސްވެ މަންމައާ ލޮލުން ސިއްރު މެސެޖެއް ބަދަލުކޮށްލިއެވެ.

"ކެން ވަރުބަލިވެފަ ހުންނާނީ، ދޭ ދެކުދީން... ކޮޓަރި ވެސް ސާފުކޮށްފަ ހުންނާނީ." ކަސްތޫރީ ބުނެލިއެވެ.

އެ ދެމަފިރިންނަށް ފުރުޞަތު ދީފައި ޢާއިލާގެ އެހެން މެންބަރުން ޖަމާވީ ސޯފާތަކަށެވެ. އެންމެންނަށް ވެސް ހާލަތު އެނގިފައި އޮތުމުން އެއްވެސް ކަމަކަށް ކެންޒާއަށް ބާރުއަޅަން ބޭނުންނުވަނީއެވެ. އެލެވޭޓާއަށް އެރުމާއެކު ލައިތުގެ ކޮނޑުގައި ކެންޒާ ލައްވެލިއެވެ. އޭނާ ފުންނޭވާއެއް ލިއެވެ.

"ކެން... އޯކޭތަ؟" ގަޔާ ކައިރިކޮށްލަމުން ލައިތު އަހާލިއެވެ. ކެންޒާ މަޑުމަޑުން ބޯޖަހާލީއެވެ.

ލައިތުގެ ކޮޓަރިއަށް އައިސް ވަދެވުމުން ކެންޒާގެ ނަޒަރު ހުރިހާ ދިމާއަކަށް ހިންގާލެވުނެވެ. އެ ކޮޓަރިއަށް އޭނާ ވަންފަހުން އެތައް އަހަރެއް ފާއިތުވެފައިވާ ކަހަލަ އިޙްސާސެއް ކުރެވުނެވެ. ގާތްކަމަށްވުރެ ނަފްސަށް ވެރިވީ ބީރައްޓެހިކަމެވެ. ލައިތުގެ ކުދިކުދި ގޯނާތަކާއި ސަމާސާތަކުން ކެންޒާ ލަދުންނާއި، ރުޅިންނާއި، އުފަލުން ހީނ އުޅުނު ހަނދާން އާވިއެވެ. ހަޔާތަށް ބިންދާލާނެ ރާޅުގެ ނުރައްކާކަމުގެ އިންޒާރެއްގެ ހިލަން އޭރަކުނެތެވެ. ތަސައްވުރު ވެސް ނުކުރެވޭފަދަ ބޮޑު މުސީބާތަކާ ދުވަހަކުވެސް ކުރިމަތިލާން ޖެހިދާނޭ ހީކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ. ލައިތަކީ ދުނިޔެކަމުގައި ޤަބޫލުކުރެވުނު ހިނދު އެ ދުނިޔެ ފުނޑުފުނޑުވުމުން ކެންޒާއަށް ވާނީ ކިހިނެއް ހެއްޔެވެ. ދިރިހުންނަން އޭނާ މަސައްކަތް ކުރިއެވެ. ހާލަތާ ކުރިމަތިލާ ސާބިތުވެ ހުންނަން ހިތްވަރު ވެސް ލިއެވެ. ނަމަވެސް ކެތްކުރަން ދަތިވީއެވެ. ސަލާމަތުގެ އައްސޭރިއެއް ހޯދާހޯދާ ވަރުބަލިވީއެވެ. ހައްޔަރުން ސަލާމަތްވުމަށް ފަސޭހަ މަގު ޚިޔާރުކުރީ އެކަމުގައި ހުރި ނުބައިކަން އެނގިހުރެއެވެ. އެހިސާބަށް އޭނާ ގެންދިޔަ މީހަކީ މިފްރާހެވެ. އޭނާގެ ހުރިހާ އެއްޗެއް ފޭރިގަތީއެވެ. ކެންޒާއަށް ދުނިޔެއާ ކުރިމަތިލައި، އަލުން ދިރިއުޅެން ބިރުގަންނަ ވަރަށް ނަފްސު ބަލިކަށީވީއެވެ. ދެކޮޅު ހަދާފައި ވެސް މިފްރާހުއާ އަމިއްލަ ނަފްސު ހަވާލުކުރީ ޚުދު ކެންޒާ އަމިއްލައަށޭ ޤަބޫލުކުރެވޭތީއެވެ. އޭނާގެ ވަށައިގެން ބައްދަމުން އަންނަ ކުށްވެރިކަމުގެ އިޙްސާސަކީ އެއީއެވެ.

* * * * *

ކެންޒާއަށް ދިރިއުޅުމުގެ ދުވެލި ލަސްވެ މަޑުޖެހިފައިވާ ކަހަލައެވެ. މާލެ އައިފަހުން ދެ ދުވަސްވީއެވެ. ކެންޒާއާ ވާހަކަދައްކަން މަސައްކަތް ނުކުރާ މީހަކު ޢާއިލާގެ ތެރޭގައި ނެތެވެ. އެކަހެރިކަމަށް ކެންޒާ ހޭނިފައިވާ ކަހަލައެވެ. ކޮޓަރިން ނުކުންނަނީ ކާގަޑިތަކުގައި އެކަންޏެވެ. މީހަކަށް ފެންނަން އޭނާ ނޭދެއެވެ. ލައިރާއަށް އެ ކޮޓަރިއަށް އަންނަން ނުކެރިފައި ހުރީ ލައިތު އެކަމަށް މަނާކުރާ ވަރުންނެވެ. އެންމެންގެ ތެރޭގައި ވެސް ދެކެވެނީ ކެންޒާގެ ވާހަކައެވެ. ކަސްތޫރީއާއި އަސަދުމެންގެ ދެމަފިރިންނާއި ފަރުޒީނު ދިރިއުޅޭ ފަންގިފިލާގައި މަޝްވަރާތައް ކުރިއަށް ދެއެވެ. ނަފްސާނީ އެހީތެރިކަން ކެންޒާއަށް ހޯދާދިނުމާމެދު ފަރުޒީނު ޚިޔާލު ފާޅުކުރިއެވެ. އެތަނުން އެކަކަށް ވެސް ކެންޒާއާ ވާހަކަދައްކާނޭ ގޮތެއް ނޭނގެއެވެ. ބުނެވޭ އެއްޗަކުން ކެންޒާގެ ހާލަތު ގޯސްވެދާނެތީ އެންމެން ވެސް ކަންބޮޑުވެއެވެ.

ރޭގަނޑުގެ ވަގުތެވެ. ބެލްކަނީގައި ހުރެފައި ލައިތު އައިސް ކޮޓަރިއަށް ވެނެވެ. އުދާސްކަން ބޮޑު ރެއަކަށް ވާތީ ހޫނު މަޑުކުރުމަށް ލައިތު ވެސް ގަސްދުކުރީ ފެންވަރާލައިގެން ނިދަން އޮށޯންނާށެވެ. އޭރު އަދި ކެންޒާ ފާޚާނާއިން ނުނިކުމެވެ. ލައިގެން ހުރި ކަނޑުނޫކުލައިގެ ޓީޝާޓު ބާލައި ވަށިގަނޑަށް ވައްޓާލާފައި ލައިތު އައިސް ޓަކިޖެހީ ފާޚާނާ ދޮރުގައެވެ. ސިކުނޑި މަސައްކަތްކުރީ ޓަކި ޖެހުނު ފަހުންނެވެ. މަޑުކޮށްލާފައި އެނބުރިލަން އުޅެނިކޮށް ކެންޒާ ދޮރުހުޅުވިއެވެ. ދޮރުފަތް ދުރުކޮށްލެވިފައި ހުރިއިރު އެ ދޭތެރެއިން ކެންޒާ ބޯއަރިކޮށް ބަލާލިއެވެ. އެމޫނުގައި ވިދާ ފެންތިކިތައް އެކި ދިމާއިން ފައިބަމުންދެއެވެ. ވަގުތުކޮޅަކަށް ހަރަކާތެއްކުރަން ނޭނގިފައި ލައިތަށް ހުރެވުނެވެ. ހިތުގެ ހިނގުން އަވަސްވެލިއިރު، ދޮރުފަތުގެ ފަހަތުގައި ފޮރުވިފައިވާ މަންޒަރު ބެލުމަށް ލައިތުގެ ހިތް ޝައުގުވެރިވެލީ ނުހަނު އަވަހަށެވެ. ޙިއްސުތަކަށް އެނގުންވާން ފެށިއެވެ.

"އަހަރެން ވަންނަންތަ؟" މޭގައި އެއްއަތުން ފިރުމާލަމުން ދޮރުކަނީގައި އަނެއްއަތް ވިއްދާލައި ކުރިއަށް ހަށިގަނޑު ޖައްސާލެވުނީ އޭގެ އަމިއްލަ ޒާތުގައި ކަހަލައެވެ.

ބުނަންވީ ކީކޭކަމެއް ކެންޒާއަށް ނުވިސްނުނެވެ. ދޮރުފަތް ހުޅުވައެއް ވެސް ނުލެވުނެވެ. ގަނޑުވެފައި ހުރެވުނީއެވެ. ލައިތުގެ ދެ ލޮލުން އޭނާ އެދެނީ ކޮންކަމެއްކަން ކެންޒާގެ ހިތް ފަހުމްކޮށްދިނެވެ. ކަޅުކޮފީ ކުލައިގެ ދެ ކަޅިއަށް އަރާ ފައިބާ ކުލަތަކަކީ ކެންޒާ ދަންނަ ބަހުރުވައެކެވެ. އާނއެކޭ ބުނެ ހާމަވެފައިވާ ލައިތުގެ މޭގައި ފޮރުވިލަން ހިތް ގޮވާލި ނަމަވެސް ސިކުނޑި ދިނީ އިންޒާރެކެވެ. ފިރިމީހާކަން އެނގޭއިރު ވެސް އެ ފިރިމީހާގެ ގޮވާލުމަށް ޖަވާބެއް ނުދެވުނީތީ މޭގައި ގަދަ ރިހުމެއް އުފެދުނެވެ. ދެމެދުގައި އޮތޯ ފުން ލޯތްބަކަށް ވިޔަސް މީ ކޮންކަހަލަ ދުރުކަމެއް ހެއްޔެވެ.

"އިޓްސް އޯކޭ... އަވަސްކޮށްލައިގެން ނުކުމޭ." ލައިތު ބުނެލިއެވެ. އޭނާ އެނބުރި ކޮޓަރިތެރެއަށް އައީއެވެ. އެނދުގެ ފައިލާކޮޅުގައި ހުރި ލައުންޖުގައި އިށީނދެ ފައިގެ ދެފަރާތުން ގޮނޑީގައި ދެއަތް ވިއްދާލިއެވެ. އެނދުދަށާއެކު އަޅާފައި އޮތް ރަގަށް ނަޒަރު ހުއްޓާލައިގެން އޭނާ އިނެވެ.

ގައި ހިއްކަން ހުރެފައި އިސްތަށިގަނޑު ތެމިދާނޭތީ އަޅާފައި އޮތް "ޝަވާކެޕް" ކެންޒާ ނެގިއެވެ. އެ ހުންނަންވާ ތަނުގައި އަޅުވާލުމާއެކު ފާޚާނާގައި ހުރި ލޯގަނޑުން އަމިއްލަ ހަށިގަނޑަށް ކެންޒާ ބަލާލިއެވެ. އެ ހަށިގަނޑަށް ލައިތު ޝައުގުވެރިކަން އުފެދިދާނެތޯ ސުވާލު ކޮށްލެވުނެވެ. ދެއަތަށް ހުއްޓި ހަށިގަނޑަށް ކެންޒާ ބެލިއެވެ. އޭނާއަށް ލައިތު ހިތްހަމަޖައްސައި ދެވިދާނެބާއެވެ. ލައިތު އުންމީދުކުރާފަދަ ތަޒާކަން އެ ހަށިގަނޑުގައި މިހާރު ވެސް އެބަހުރިބާއެވެ. އުނުގައި ތުވާލި އަނދެލުމާއެކު ނިދަން ލާން ނެގި ޓީޝާޓު ކެންޒާގެ ގަޔަށް މަހާލީ އިންތިހާއަށް މާޔޫސްވެފައި ހުރެއެވެ. ފާޚާނާއިން ނުކުމެ "ވޯކިން ވޯޑްރޮބް" ތެރޭ މަޑުކޮށްލައިގެން ހުރެ އޭނާ ހަރުވާޅުލިއެވެ. ކޮޓަރިއަށް ނުކުތީ ދެނެވެ. ލައިތަށް ކެންޒާ ފެންނައިރަށް ތެދުވިއެވެ. ފެންވަރާލައިގެން މިއަންނަނީއޭ ބުނެ ކެންޒާގެ ގާތުން އަޅާފައި އޭނާ ހިނގައްޖެއެވެ.

ލައިތު ފާޚާނާއިން ނުކުމެގެން އައިރު ކެންޒާ އޮތީ އެނދަށް އަރައެވެ. ދިގު ރެއަކަށްވާނޭކަން ކެންޒާއަށް އެނގެއެވެ. ނިދަން ބޭނުންވެ ނުނިދުމަކީ ވެސް ތަކުލީފެކެވެ. ޚިޔާލުތައް އަތްނުފޯރާހާ ދުރަށް ދިއުމާއެކު ހިތްބިރުގަތުން އާދައަކަށް ވެފައިވެއެވެ. ލައިތު އައިސް އެނދަށް އެރިއެވެ. މަރާލެވިފައިވާ ދެ ލޯ ކެންޒާ ނުހުޅުވިއެވެ. މަޑުމަޑުން އައިސް އަރިއަކަށް އޮތް ކެންޒާގެ ފަހަތުން ލައިތު ބައްދާލައިފިއެވެ. އެއްފަރާތަކަށް ގަތާފައި އޮތް އިސްތަށިގަނޑު ކޮނޑުމަތިން ކުރިމައްޗަށްވާހެން އެއްފަރާތްކޮށްލުމާއެކު ކެންޒާގެ ކަނދުރާގައި ލައިތު ބޮސްދީފިއެވެ. ތުންފަތް ޖައްސާލައިގެން އޮވެ ވަރަށް ލޯބިވެޔޭ އޭނާ ބުނެލިއެވެ. ކެންޒާގެ އަތްފައި ފިނިވާ ގޮތްވިއެވެ. މިނޫނީ ލައިތުގެ ބީހުން އިޙްސާސްވެ ކެންޒާ ޖެހިލުމެއްނުވެއެވެ. ގާތްކަމަށް ލައިތު ގޮވާލައިފިނަމަ ނޫނެކޭ މިހާތަނަށް ބުނެފައެއްނެތެވެ. ނަމަވެސް ކެންޒާގެ ހިތުގެ ހިނގުން އަވަސްވަމުން އައީ އެ ބީހުންތަކަށް އެދިގެންނެއްނޫނެވެ. މަރުޙަބާކިޔުމެއްނެތިއެވެ. ކޮނޑުގައި ހިފައި ލައިތާ ދިމާއަށް ކެންޒާ އަނބުރާލީ ނުހަނު ބަލައިގެން މަޑުމަޑުންނެވެ. ކުރުއަތްމައްޗަށް ތެދުވެލި ލައިތު ފަރުވާތެރިކަމާއެކު ކެންޒާގެ މޫނަށް ބަލާލިއެވެ. ކުރިއަށް ދާންވީކަމެއް ޚުދު ލައިތަށް ވެސް ނޭނގެއެވެ. ހިތުގެ މިސްރާބުގައި ހިފުމަށް ޟަމީރު ޚިޔާލު ދިނެވެ. ލައިތު ކަންތައްކުރީ އެފަދައިންނެވެ. ނޭވާ އިޙްސާސްވާހާ މޫނު ކައިރިކޮށްލެވުމާއެކު ކެންޒާގެ ތުންފަތުގައި ބޮސްދީފިއެވެ. ބަނޑުމަތީ ބާއްވާލެވިފައި އޮތް ލައިތުގެ އަތްތިލަ ކެންޒާގެ ޓީޝާޓުގެ ދަށުން ހަމުގައި ބީހިލިއެވެ. ކެތްކުރަން ދަތިވެ، ކުއްލިއަކަށް ފުރަގަސްދެމުން ކެންޒާ އެނދުއަރިމަތީ ހުރި މޭޒުމަތީ ބޮކި ނިވާލިއެވެ. މުޅި ކޮޓަރިއަށް ކަޅުކަން ގަދަ އަނދިރިކަމެއް ވެރިވިއެވެ. ކެންޒާގެ ނެގިނެގިފައި ޖެހެމުންދިޔަ ހިތުގެ ތެޅުން ގާތުގައި އޮތް ލައިތަށް ވެސް އިޙްސާސް ކުރެވުނެވެ.

"ކެން... ކީއްވެ ލައިޓު ތި ނިވާލީ." ލައިތު ބުންޏެވެ.

ކެންޒާއަށް ކަންތައްކުރެވުނު ގޮތް ވިސްނައިލެވުނީ ދެނެވެ. މީހާއަށް ހަރުކަށިކަމެއް ވެރިވިއެވެ. ވޭތުވެދިޔަ ތިންމަސް އޭނަ ހުރީ އެގޮތަށް ހޭނިފައެވެ. އަނދިރީގައި އެ ހަށިގަނޑު ފިއްސަމުންދިޔައިރު އެ ދިލައާއި ވޭނަށް ހޭނުނީ ކޮންއިރަކުކަމެއް ޚުދު ކެންޒާއަށް ވެސް ނޭނގެއެވެ. އެއިން ކޮންމެ ރެއަކު އަނދިރިކަމުގެ ތެރެއިން ކެންޒާ ސިފަކުރަން ބޭނުންވި ސޫރައަކީ ލައިތެވެ. ވީއިރު މިހާރު އޭނާގެ ގާތުގައި ލައިތުކަން އޮތީ ޔަގީންވާއިރު ވެސް ކެންޒާއަށް ކަންތައް ކުރެވުނީ އިހު އާދަވެފައިވާ ފަދައިންނެވެ. ކެންޒާ އަނގައިން ނުބުނުމުން ލައިތު ފުރޮޅިލައި އޭނާ އޮތް ފަރާތުން ބެޑުލައިޓް ޖައްސާލިއެވެ. އޭގެ އަލި ފަނޑުކޮށްލައި އަލުން އޮށޯތީއެވެ. ދެމެދަށް ހިމޭންކަން ވެރިވީއެވެ. ކެންޒާ ގާތްކޮށްލުމާއެކު ލައިތު ވެސް އެއްވެސް ހަރަކާތެއް ނުކުރިއެވެ.

ގަޑިންވީ ކިހާއިރެއްކަމެއް ކެންޒާ ނުދެނަ ހުއްޓެވެ. ކަންތައް ހިނގައިދިޔަ ގޮތުން ކެންޒާގެ ހިތުގައި ޖެހިފައިވިއެވެ. ކިޔާދޭން ބޭނުންވިޔަސް ސިކުނޑި ވިސްނައިދެނީ އެކަމުން ނުކުންނާނޭ ނަތީޖާއެވެ. އެއްވެސް ކަމެއް ރަނގަޅުނުވާނޭ ކަމެވެ. ހިތަށް ވައްދަނީ ބިރުވެރިކަމުގެ ވަހުމްތަކެވެ. މަންމަގެ މަރާއެކު ދުލުގައި އެޅުނު ކަސްތޮޅުތަކުން މިންޖުވާނޭ ގޮތެއް ކެންޒާއަށް އަދި ނުފެނެއެވެ. މަޑުމަޑުން އެނދުން ތެދުވަން އުޅުނު ކެންޒާ އުނަގަނޑުމަތީ އޮތް ލައިތުގެ އަތް ހިއްލާލީ ނުހަނު ބަލައިގެންނެވެ. ތެދުވެ އިރުކޮޅަކު އެނދުގައި އިނެވެ. ދެން އޭނާ ނުކުތީ ކޮޓަރިން ބޭރަށެވެ. ހާމަފަޒާއިން ހިތަށް ފިނިކަމެއް ލިބޭތޯއެވެ. ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ކަހާލައި އެތަނުގައި ކެންޒާ މަޑުކޮށްލިއެވެ.

ރޭގަނޑު ހޭލާ އުޅޭ ސެހްރާނު ކޮޓަރިން ނުކުތީ ކޮފީ ޖޯޑު ހުސްވެގެންނެވެ. އެލެވޭޓާއަށް ދިމާއަށް އައިސްފައި އޭނާއަށް ހުއްޓެވުނީ ރޯއަޑު އިވޭތީއެވެ. އަތުކުރީ އޮތް ސްމާޓްގަޑިއަށް ބަލާލިއެވެ. ފަތިހު ފަހެއް ޖަހައިފިއެވެ. ޢާއްމުކޮށް އޭނާ ނިދާނީ ހެނދުނު ނާސްތާގައި ބައިވެރިވެފައެވެ. އެހެންވެ އެންމެން ނިދާފައި ތިއްބަސް ގޭގައި ހޭލާ އުޅޭ މީހަކަށް ސެހްރާނުވާނެއެވެ. ބެލްކަނިން އިވިއިވި ހުރި އަޑަށް ސަމާލުވެ އެދިމާއަށް ސެހްރާނު އައެވެ. ދޮރުހުޅުވާފައި ހުރުމުން ސިއްރުން އޭނާ ބަލާލިއެވެ. ފާރުގައި ލެނގިލައިގެން މެޔާ ދެކަކޫ ކައިރިކޮށްލައިގެން އިނީ ކެންޒާއެވެ. މޫނުގައި ދެއަތް އަޅައި ފޮރުވާލައިގެން އިނދެ އޭނާ ގިސްލަނީއެވެ. ލައިތު ކޮބާބާއޭ ވަގުތުން ސެހްރާނުގެ ހިތަށް އެރިއެވެ. ހަލުވިކޮށް އައިސް ލައިތުގެ ކޮޓަރި ކައިރިއަށް ސެހްރާނު މަޑުކޮށްލިއެވެ. ޓަކި ޖަހަން އުޅެފައި ކެންޒާއަށް ހިލަން ވެދާނޭތީ އެ ޚިޔާލު ދޫކޮށްލީއެވެ. ކޮޓަރިއަށް ސެހްރާނު ވަންއިރު ނިދާފައި އޮތް ލައިތު އޭނާއަށް ފެނުނެވެ. އަވަހަށް އައިސް ލައިތަށް ގޮވިއެވެ.

"ކެން..." ސެހްރާނު ކެންއޭ ބުނެލަންވީއިރަށް ލައިތު ފުންމައިގެން ތެދުވެއްޖެއެވެ. ނިދާފައި އޮތް މީހެއްހެން ހީނުވެއެވެ.

"ކޮބާ؟" އެނދުމަތީ ކެންޒާ ނެތްކަން އެނގި ލައިތަށް ބުނެލެވުނެވެ. އޭނާގެ ނިދިފިލުވާލީ ކެންޒާ ނެތުމުން ލިބުނު ސިހުމެވެ.

"ބެލްކަނީގަ... ރޮނީ." ސެހްރާނު ބުންޏެވެ.

"ނުދަންތަ؟" ލައިތު ހަރަކާތެއްނުކުރުމުން ސެހްރާނު އަހާލިއެވެ.

"އޭނާ ރޯނެނަމައޭ އަހަރެން ހިތަށް އެރި، އެ ހުރިހާ ކަމަކަށްފަހު ވެސް އޭނާ ނުރޯކަން އަހަންނަށް ފާހަގަވީ... ހުރިހާކަމެއް ހިތުގައި ފޮރުވައިގެން އެ ހުންނަނީ، އޭނާއަށް އެއްވެސް ކަމަކަށް ޔަގީންކަމެއްނެތް ކަހަލަ." ލައިތަށް އިސްތަށިގަނޑުގައި އިނގިލިތައް ހިންގާލެވުނެވެ.

"ޝީ ނީޑްސް ޔޫ." ލައިތުގެ ކޮނޑުގައި މަޑުމަޑުން ސެހްރާނު ޖަހާލިއެވެ.

ބެލްކަން ލައިތު އައެވެ. ސެހްރާނު އެނބުރި ކޮޓަރިއަށް ދިޔައީއެވެ. ކެންޒާއަށް އެހީވެވޭނެ މީހަކީ ލައިތުކަން އޭނާ ވެސް ޤަބޫލުކުރެއެވެ. ކުޑަކަކޫ ޖަހާލުމާއެކު ކެންޒާގެ ކޮނޑުގައި ލައިތު އަތްލުމުގެ ކުރީން ގޮވާލިއެވެ. މޫނުން އަތް ނަގާފައި ލައިތަށް ކެންޒާ ބަލާލިއެވެ.

"އައި އޭމް ސޮރީ..." ރިހުމާއެކު ކެންޒާއަށް ބުނެލެވުނެވެ.

"ކެން މަޢާފަށް ތިއެދެނީ ކޮންކަމާ؟ އަހަންނަށްވެސް ކިޔާދީބަލަ... އޭގެފަހުގަ މަޢާފަށް އެދެންޖެހެންޏާ އަހަރެން ބުނާނަން." ކެންޒާގެ ކޯތާފަތް ދެއަތުން ފުހެދެމުން ލައިތު ބުންޏެވެ. އަދި ކެންޒާ ކޮޅަށް ނެގުވިއެވެ. ނަމަވެސް ކެންޒާއަށް ހުއްޓައެއްނުލެވުނެވެ.

"އައި ވޯޒް ސްކެއާޑް... ޓެރިފައިޑް ފޯ ވެރީ ލޯންގްޓައިމް... ހުރިހާކަމެއް ކްރުއެލް ނައިޓްމެއާއަކަށް ބަދަލުވީ... އެކަކުވެސް ނެތް، އޭނާ ދެއްކި އަޑުއެހިން... ހުރިހާ އެއްޗެއް އަޑުއިވުނު، ލައިތު ފޫހިވާނެވަރު އެނގޭ، އެވާހަކަތައް ދޮގަކަށްވާން ބޭނުންވި، ބަޓް އިޓްސް ޓްރޫ، އިޓްސް ކިލިން މީ... އައި ޑިޑް އެވްރިތިންގް، އައި ބިޓްރެއިޑް އެވްރިވަން... ދެއާ އިޒް ނޯ ރިޑެމްޕްޝަން..." ކެންޒާގެ އަޑު ގިސްގެ އަޑާ އެކުވެފައިވިއެވެ. އެހެންވިޔަސް ލައިތަށް ކުރިން ނުލިބުނު ހިތްހަމަޖެހުމެއް ލިބުނެވެ. ކެންޒާ ވާހަކަދައްކާތީއެވެ. އޭނާއަށް ތަކުލީފު ލިބެމުންދަނީ ކީއްވެކަން ހާމަކުރާތީއެވެ.

"އަނތްބަކަށްވާނީ ކިހިނެއްކަމެއް ނޭނގޭ، ނަތިންގް އިޒް ލެފްޓް... އެންޑް އިޓް ހާޓްސް... ހިއާ..." ލައިތުގެ އަތްތިލަ ގެނެސް ކެންޒާގެ މޭގައި ޖެއްސިއެވެ. އެހިތް ޒަޚަމްވެފައިވާވަރު ލައިތަށް އިޙްސާސްވެއެވެ. ދެ ލޯ ފެންކަޅިވާން ފެށުމުން ކެންޒާ ގެނެގެސް ލައިތުގެ މޭގައި ބޮނޑިކޮށްލިއެވެ. ކެންޒާގެ ބޮލުގައި ބޮސްދިނެވެ. ސިއްރުން ލޯކައިރިން ކަރުނައިގެ އަސަރު ފުހެލިއެވެ.

"މިތާ ހުއްޓަ ފިނިވެދާނެ." ކެންޒާ ގޮވައިގެން ކޮޓަރިއަށް ދާން ލައިތު ގަސްދުކުރިއެވެ. އޭނާ ހިނގައިގަތުމުން އޭނާއާ އެއްވަރަށް ކެންޒާ ވެސް ފިޔަވަޅު އެޅިއެވެ. ކޮޓަރިއަށް ވަދެވުމުން ވެސް ކެންޒާގެ ގައިން ލައިތު ދޫކޮށެއްނުލިއެވެ.

"އަސްލު މަންމަ މަރުވީ އަހަންނާ ހެދި... އެންމެންނަށް ހުރިހާކަމެއްމިވީ އަހަންނާ ހެދި." ލައިތުގެ މޫނަށް ބަލާލަމުން ކެންޒާ ބުނެލީ އެކަން ލައިތަށް ޔަގީންކޮށްދޭން އުޅޭ ފަދައިންނެވެ.

"ކެން... އިނަފް، މީ އޭނާގެ އަމިއްލަ އެދުން ހާސިލުކުރަން އޭނާ ކުރިކަމެއް، އެންމެންގެ ލައިފްއާ ކުޅުނު މީހަކީ އެއީ، ކެންއަށް މިހެން ހެދީ ވެސް ހަމަ އޭނާ." ލައިތު ބުންޏެވެ.

"ކިޔައިދޭން ބޭނުންވި، ބައިވަރުކަންތައް... އޭނާ ކުރި ހުރިހާކަމެއް... ލައިތު، އަހަރެން... ގެންދިޔައީ... ގޭގަހުއްޓަ މީހުންތައްވަނީ، ވޭނަށް އަރުވައިގެން އެގެއަށް ގެންދިޔައީ... ލޯމަތީ..." ކެންޒާ ލޮލުގައި އަތްތިލަ ޖައްސާލިއެވެ. ވާހަކަނުދެއްކިގެން އުޅޭ ކަހަލައެވެ. އެ ހަނދާންތަކަކީ ކެންޒާގެ ހިތަށް ލިބުނު ފުރަތަމަ ޒަޚަމްއެވެ.

"ރޭޕްކުރަނީ ގަދަކަމުން ނުރުހުމުގަ... ވީޑިއޯގަ ފެންނަނީ އެހެންނެއްނޫން... އަހަރެން... ކުރާތީ..." ކެންޒާއަށް އަނގަމަތީ އަތްއަޅާލެވުމާއެކު އިސްޖަހާލެވުނެވެ.

"ބޭބީ، އެއީ ވެސް ރޭޕް... ކެންގެ ރުހުން އެކަމުގައި ކޮބާ؟ އަހަރެންނަށް އެނގޭ ކެން ހަމަހޭގަ ހުރެގެން އެފަދަކަމެއް ނުކުރާނެކަން."

"އެއްގޮތަކީ ކައިވެނިކުރުން، އަނެއްގޮތަކީ އޭނާ ބޭނުންކަމެއްކުރަން ދިނުން... އަހަރެން ބަލާ އެކަކުވެސް ނައި، ހާދަ ވެއިޓް ކުރީމޭ... ހީ... ހީ ޓަޗް މީ ހިއާ... ހިއާ... އެންޑް ހިއާ... ކޮންމެރެއަކު... ހަމަކޮންމެރެއަކު..." ކެންޒާ ހަށިގަނޑުގެ އެތަން މިތަނުގައި އަތްލަމުންދިޔައެވެ. އެމަންޒަރު ބަލަން ލައިތަށް ކެތެއްނުވިއެވެ.

"ޕްލީޒް ކެން... އައި އޭމް ސޮރީ، އަވަހަށް ބަލާ ނުދެވުނީމަ." ކެންޒާގެ މޫނުގެ އެތަން މިތަނުގައި ލައިތު ބޮސްދިނެވެ. އެ ދެލޯ ފުރި ބަންޑުންވަނީއެވެ. މޭގައި ޖައްސާލުމާއެކު ކެންޒާގެ ބޮލުގައި ބޮސްދީ ތުންފަތް ޖައްސާލަމުން އޭނާގެ ބުރަކަށީގައި ލައިތު ފިރުމިއެވެ. މަސަލަސްކުރާ ފަދައިންނެވެ.

"އިޓްސް ގުޑް ޓު ފީލް ނަތިންގް... ބަޓް އިޓްސް ނޮޓް ހެލްޕިން... ސްޕެޝަލީ ނައު... ވެން އައި އޭމް ބެކް ވިތް ޔޫ." ކެންޒާގެ ގިސްލުމުގެ އަޑު ބާރުވިއެވެ. ރޯ ފާރުގަނޑެއްގައި ރިހޭ ފަދައިން ތަކުލީފާއި ގަދަވޭން ކެންޒާއަށް ލިބެމުންދިޔައެވެ.

"ކަމޯން... ލެޓް ޔޯ ސެލްފް ގޯ." ލައިތު އޯގާތެރިކަމާއެކު މަޑުމަޑުން ބުނެލިއެވެ.

"ހައު ކެން އައި... ލައި ބުނީ އެންމެ ކަމެއް ސިއްރުކޮށްދޭން، އެކަންވެސް ނުވި... އިލީ... އެ ކުޑަކުޑަ ފުރާނަ، ލޯބި ކުޑަކުޑަ ކުއްޖާ، އެއްވެސް ކުށެއްނެތް ފުރާނައެއް، އެނގޭތަ!... ލައިތުގެ ފުރާނައާއެކު ދުއްވާލާނެކަން މުބީން ބުނީ، އެއީ އިންސާނުންތަކެއްނޫން... މި ޢާއިލާގައި ހުރި ހަމައެކަނި އަންހެންކުއްޖާ، އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ މަސްގަނޑު ޢާއިލާއާ ހަވާލުކުރާނޭކަން ބުނި، ލައިތަށް އެވަރުކުރިއިރު އެހެންމީހަކަށް ގޮތެއް ހަދަން ނުކެރިއެއް ނުހުންނާނެ... އަހަރެން ބިރުގަތީ... ވަރަށް ބޮޑަށް ބިރުގަތީ... ލޭތަކުތެރޭ އެގޮތަށް އެ ދެމީހުން ވާތަން ދުށުމަށްވުރެ އެމީހުންގެ ބަދަލުގައި އަހަރެން މަރުވުން މާރަނގަޅު، އަހަރެން މަރުވުމުން އެކަމާ ވިސްނާނޭ މީހަކުވެސް ނެތް... މަންމައެއް ދޮންބެއެއް ހުރީއެއްނޫން." ލައިތާ ދުރަށް ޖެހިލައި ކެންޒާ ވާހަކަދެއްކިއެވެ. އަތްއުކަމުން އޭނާ ވާހަކަދެއްކިއިރު ހަދާނޭ ގޮތެއް ނޭގި ގޮތްހުސްވެފައިވާ މީހަކު ފަދައެވެ. މުބީންއާއި މިފްރާހަށް އޭނާ ކުރާ ނަފުރަތާއި ލިބިފައިވާ ހިތްދަތިކަމުގެ އިތުރުން އެތައް އަސަރެއް އެއްފަހަރާ ކެންޒާގެ ފުށުން ފެންނަމުންދިޔައެވެ.

"ބޭބީ ލިސެން... އިޓްސް އޯވާ، ލެޓް ޔޯ ސެލްފް ގޯ." ހުރިހާ ހިތްދަތިކަމުން ކެންޒާ ނުކުންނަން ލައިތު އެދެއެވެ. ކެތްނުކުރެވިގެން އުޅޭފަދައަކުން ދެފަރާތަށް ބޯއަނބުރާލާފައި ލައިތުގެ ގައިގާ ކެންޒާ ބައްދައިގަތެވެ. ބާރަށް ލައިތުގެ ގައިގާ އޭނާ ހިފަހެއްޓިއެވެ. އެއާއެކު މުޅި ކޮޓަރިތެރެއަށް ފެތުރިގެން ދިޔައީ ކެންޒާގެ ބާރު ރުއިމެވެ. ހިފެހެއްޓުމެއްނެއް ފަދައިންނެވެ. އެ ނަފްސުގައި ބަންދުވެފައިވާ އުދާސްތަކެއް ފަދައިންނެވެ. ދެކަކުލުން ވާގިނެތި ކެންޒާ ތިރިވި ހިނދު އޭނާއާއެކު ލައިތު ވެސް ދެކަކޫ މައްޗަށް ތިރިވެއްޖެއެވެ.

"ލަ..އި..ތު..." ހިތްދަތިކަމާއި ވޭނުން ފުރިވާ ފަދައިން ލައިތުގެ ނަން ކެންޒާގެ ގަދަ ރުއިމާ އެކުވިއެވެ. މަންމައާއި ބޭބެގެ ކުއްލި ވަކިމުގެ ހިތްދަތިކަމާއި އެކަނިވެރިކަން އައިސް ކެންޒާ ވަށާލިއެވެ.

"ދެއާ އިޒް ނޯ ވަން ލެފްޓް." ދުރަށް ޖެހިލުމާއެކު ބޭއިޚްތިޔާރުގައި ކެންޒާއަށް ބުނެވުނެވެ. އެހިނދު ކެންޒާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ކޯތާފަތް ތެތްމަމުންދިޔަ ކަރުނަތައް ލައިތު ފުހެދޭންފެށިއެވެ. އަދި ކެންޒާ ގެނެސް އަލުން ގާތްކޮށްލިއެވެ.

"އައި އޭމް ހިއާ ފޯ ޔޫ..." ހިތަށް ކުޅަދާނަނުވެގެން ލައިތު ދެ ލޯ މަރާލިއެވެ. ކެންޒާ ހުއްޓައެއް ނުލިއެވެ. އޭނާގެ ކޯތާފަތުގައި ލައިތު އެތައް ފަހަރަކު ބޮސްދިނެވެ. ފިރުމިއެވެ. ބޮލުގައި ބޮސްދީފިއެވެ. އެ ކަރުނައަށް އެހާ ފަސޭހައިން ނިމުމެއްނާންނާނޭކަން ލައިތަށް އެނގެއެވެ. އެހެންވިޔަސް ކެންޒާ ރޯތަން ބަލަން ފަސޭހަކަމަކަށް ނުވަނީއެވެ. ކެންޒާގެ ނިތްކުރީގައި ނިތްކުރި ޖައްސާލައިގެން އިރުކޮޅަކަށް ލައިތުނެވެ. ދެން އަނެއްކާ ވެސް ކެންޒާ ގާތްކޮށްލައި ބުރަކަށީގައި ފިރުމަން ފެށީ ބޮލުގައި ތުންފަތް ޖައްސާލައިގެން އިނދެއެވެ.

އެތައް އިރެއްފަހުން ކެންޒާ ހަމައަކަށް އެޅުމުން ލައިތު އޭނާ ގެނެސް އެދުގައި ބޭއްވިއެވެ. ރަޖައިން އެ ހަށިގަނޑު ނިވާކޮށްލުމާއެކު ކެންޒާގެ މަގަތުން އިށީނެވެ. ކެންޒާގެ ނިތްކުރީގައި ބޮސްދީފައި އަތުގައި އޮތް އޭނާގެ އަތްތިލައިގަ ވެސް ލައިތު ބޮސްދިނެވެ. މަޑުމަޑުން އިސްތަށިތައް އޮމާންކޮށްލާފައި ފަދައިން ކެންޒާގެ ނިތްކުރިމަތީ ލައިތު އިނގިލިތައް ހިންގާލިއެވެ. އޭނާ އުންމީދުނުކުރި ނަމަވެސް ކެންޒާއަށް ނިދެން ގިނައިރެއް ނުނެގިއެވެ. މަޑުމަޑުން ކެންޒާގެ ގާތުން ތެދުވެގެން އައިސް ކޮޓަރީގައި ހުރި ގޮނޑީގައި ލައިތު އިށީނެވެ. ކެންޒާއަށް ބަލަން އިންއިރު އޭނާގެ ދެ ލޮލުން ކަރުނަ ފައިބަންފަށައިފިއެވެ. ހިމޭންކަމުގެ ތެރޭ އެކަނި އިނދެ އޭނާ ރުޔެވެ. ދެން ދެ ލޯ ފުހެލާފައި އައިސް އެނދަށް އަރައި އޮށޯވެލީ ކެންޒާ ގާތްކޮށްލައިގެންނެވެ. ކެންޒާގެ ބޮލުގައި ބޯޖައްސާލައިގެން އޮވެ ފުންނޭވާއަކާއެކު ދެ ލޯ މަރާލިއެވެ.

(ނުނިމޭ)