(17ވަނަ ބައި)
ނަޖުމާ އެހުރި ގޮތަށް ހުރީއެވެ. އައިޝަމްއާއި ވަރުޖީން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ކޮންމެ ސިކުންތެއް ވެސް ގަރުނެއްހާ ދިގުހެން ހީވަމުން ދިޔައވެ. އެހެންވެ ފޫހިކަން ސިކުނޑީގެ މަކާނުގައި ނަށާންފެށި ކަހަލައެވެ. މާޒީގެ ހަނދާންތަކާއެކު ސައްލާ ކުރާ ކަހަލައެވެ. އޭނާއަށް ކުރެވެމުން ދިޔައީ ބިރުވެރި އިހުސާސެކެވެ. މިކާޝް ވިހޭއިރަށް އޭނާގެ ލޯމަތިން އެ ތުއްތު ދަރިފުޅު ގެއްލިގެން ދިޔަ ހާދިސާއެވެ.
ނަޖުމާގެ ބޮލުތެރޭގައި ސިފަވަމުން ދިޔައީ އެ ބިރުވެރި ހަނދާންތަކެވެ. އެއާއެކުވެގެން ދިޔައީ އޭނާގެ ފިރިމީހާ އިއުރާޒުގެ އޯގާތެރި ފިރުމުންތަކެވެ. އޭނާގެ ހިތްގައިމު ދީލަތި ބަސްތަކެވެ. ލޮލަށް ސިފަވަމުން ދިޔައީ އެ މަންޒަރުތަކެވެ. އެއީ، މީގެ ވިއްސަކަށް އަހަރު ކުރިއެވެ.
ނަޖުމާއޮތީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައެވެ. ކައިރީގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާގެ ދެ ލޯ ވަނީ މެރިފައެވެ. ނަޖުމާ މަޑުމަޑުން ދެ ލޯ ހުޅުވާލިއެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް ކުރަހައިލިއެވެ. އެއަށްފަހު މަޑުމަޑުން ބަނޑުގައި އަތް ޖައްސާލިއެވެ. އޭނާއަށް ގޮތެއް ހީވާތީއެވެ. ދުރުން ފިޔަވަޅުތަކެއްގެ އަޑު އިވެމުންދާތީ ބާލީހުން ބޯ ހިއްލައިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. މީހަކު ފެންނާކަށް ނެތެވެ. ކުށްހީއެއް ކަމަށް ހީކޮށް އޭނާ ހަމަޖެހިލިއެވެ. ކުރިން އޭނާ ހީކުރީ އޭނާ ގާތަށް ނަރުސް ކުއްޖާ އަންނަނީ ކަމަށެވެ. ނަމަވެސް އެ އަޑު އޭނާ ހުރަސްކޮށް ދުރަށް ދާކަމުގެ އިހުސާސް ކުރެވެން ފެށުމުން ބޯ އަރިކޮށްލާ ބަލައި ވެސް ލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
"ޕޮއް."
އެއަޑާއެކު ނަޖުމާ ސިހިގެން އެނދުން ނުވެއްޓުނީ އިއުރާޒު ހިފެހެއްޓީމައެވެ.
"ނަސީބެއްނު ބިރުންގޮސް ނުވިހުނު ކަން." ނަޖުމާ ވެސް ލާނެތް ރާގެއްގައި ބުނެލިއެވެ.
"ވަރަށް ހާސްވެއްޖެ ދޯ." އިއުރާޒުގެ ކަށި ތުނބުޅި ނަޖުމާގެ ކަނދުރާގައި ޖައްސާލިއެވެ.
"ދެން މީހަކު އަތުވެދާނެ." ނަޖުމާ ދެފަރާތަށް ބަލައިލަމުން ބުނެލިއެވެ.
"ބަލަ ނަޖޫއަކަށް ނޭނގޭތަ ނަޖޫ ތިއޮތީ އަހަރެންގެ ލެބުގައި ކަމެއް." އިއުރާޒު މޫނު ހިއްލައިލަމުން ނަޖުމާގެ މޫނަށް ބަލައިލިއެވެ.
"އޭނ! ކޮން އިރަކު؟ ކިހިނެއް؟" ނަޖުމާ ހައިރާންކަމާއެކު ބަލައިލީ ސީދާ އިއުރާޒުގެ މޫނަށެވެ.
"އަހަންނަށް ނޭނގިއެއްނު ނަޖޫ ހޮސްޕިޓަލަށް ގެންދިޔައީ." ޖަވާބު ދިނުމުގެ ބަދަލުގައި އިއުރާޒު ފެށީ އެހެން ވާހަކައެކެވެ.
ނަޖުމާ ފުން ނަޒަރަކުން އިރުރާޒުގެ މޫނަށް ބަލައިލިއެވެ. އޭނާގެ ދެ ލޮލަށް ބަލައިލުމުން ނަޖުމާގެ ހިއްސުތައް ހޭލާން ފެށި ކަހަލައެވެ. އިއުރާޒުގެ ތުންފަތް ހަރަކާތްކޮށްލިއެވެ. ނަޖުމާއަށް ކެތެއް ނުކުރެވުނެވެ. ނަޖުމާގެ ބަނޑުގައި އިއުރާޒުގެ އެއް އަތުން ފިރުމައިލިއެވެ.
"އަހަންނަކަށް ނޭނގުނު ވީގޮތެއް. ބަނޑަށް ތަދުވާން ފެށީމަ ބޭރަށް ނުކުތީ. ނުކުތް އިރަށް ފާޑެއްގެ އުނދަގޫތަކެއް ވާން ފެށީ. ކޮންމެވެސް ބަޔަކު އަހަރެން ނަގައިގަނެގެން އެންބިއުލަންސަށްލީކަން އެނގުނު، ދެންވީ ގޮތެއް ނޭނގޭ،" ނަޖުމާ ހިނިތުންވެލަމުން ބުނެލިއެވެ. "މަށަށް ކުޑަކޮށް ޝައްކު ވެސް ވެއްޖެ މިތަނުގެ އަމާންކަމުން."
"ނަޖޫ ގެއްލިގެން ހޮސްޕިޓަލުން ވަރަށް ހޯދި. ޓީވީން ގޮވަން ތައްޔާރުވަނިކޮށް އަހަރެން މިއައީ އެމީހުންނަށް އޮޅުވާލައިފަ. ނަޖޫގެ ސިފައިގައި އެހެން މީހަކު އެތަނުގައި ބާއްވައިފަ. އެމީހުންނަށް ހީވާނީ އެއީ ނަޖޫއޭ. އެކަމަކު އެއީ އެހެން މީހެއް." އިއުރާޒު ހޭންފެށިއެވެ.
"އަޅޭ، އެހެން ހަދާކަށް ނުވާނެއްނު." ނަޖުމާ ހޭންފެށިއެވެ.
"ދެން ކޮބާ މިތަނުގެ މީހުން؟ ކީއްކުރަން އަހަރެން މިތަނަށް ގެނައީ؟" ނަޖުމާ ދެފަރާތަށް ބަލައިލަމުން ބުނެލިއެވެ.
"އެބަ ޖެހޭ ނަޖޫ ގޮވައިގެން އަހަރުމެންގެ ހޮސްޕިޓަލަށްދާން. މަންމަމެން އެ ތަނުގައި އިންތިޒާރުގައި އެބަތިބި،" އިއުރާޒު ހިންދިރުވާލިއެވެ. "އެކަމަކު؟"
"ކިހިނެއްވީ؟"
"އެމީހުންނަށް އެނގިއްޖެ، އަހަރެން ނަޖޫ ގެނަކަން. އެތިބީ ފާރައަށް." އިއުރާޒު ލަސްލަހުން ބުނެލިއެވެ.
"ކޮން ބަޔެއް؟ ދެން ކިހިނެއް ހަދާންވީ؟" ނަޖުމާ ހާސްވާ ގޮތްވިއެވެ.
"އަހަރެން ބުނީމެއްނު. އަހަރުމެންގެ ދުޝްމަނުން އެބަ އުޅެޔޭ. އެމީހުން ވަރަށް ފާރަލަޔޭ. އެމީހުން ވަރަށް ހާސްވާނޭ އަހަރުމެންނަށް އިތުރު ދަރީން ލިބޭނަމަ. އަހަރުމެންގެ އާއިލާ އިތުރުވާނަމަ. ދަރިން ލިބޭ ވަރަކަށް އެމީހުންގެ އާއިލާއަށް އޮންނަ ނުރައްކާ ބޮޑުވާނޭ." އިއުރާޒު ކޮއްޅަށް ތެދުވެލިއެވެ.
"ދެން؟"
"މިހާރުވެސް އެމީހުންގެ ބޮޑު ލަޝްކަރެއް މިތަން ވަށައިލައިގެން އެބަތިބި. އަހަރެން ޖެހޭނީ ނަޖޫ ގޮވައިގެން ސިއްރުން، ވަރަށް ސިއްރުން މިތަނުން ނުކުމެ މަންމަމެން ތިބި ތަނަށް ނަޖޫ ގެންދަން. އެމީހުން މަސައްކަތް ކުރާނީ ނަޖޫގެ ބަނޑުގައި ތިވާ އަހަރެންގެ ދަރިފުޅުގެ ދުވަސް ދުއްވާލަން. އުފަންވުމުގެ ކުރިން ދަރިފުޅު މަރައިލަން. އުފަންވުމަށްފަހު އެއިން މީހަކަށް ދަރިފުޅަށް ދެރައެއް ގެއްލުމެއް ނުދެވޭނެ. އެހައި ހިސާބުން އެމީހުންނަށް މަޖުބޫރުވާނީ ދަރިފުޅަށް ރަނގަޅަށް ކަންތައް ކޮށްދޭން."
"އެހެންތަ؟" ނަޖުމާ ހައިރާންވެ ބިރުގަންނަ ގޮތްވާން ފެށިއެވެ. "އެ ކީއްވެ؟"
"އެއީ އަހަރުމެންގެ އާދަކާދަ. ޅަ ފުރާނައަށް ގެއްލުންދީ މަރާނަމަ އެކަން ތަހުގީގުކޮށް އަދަބު ލިބޭނެ. އަހަރުމެން ތެރޭގައި ވެސް ހަރުދަނާ އުސޫލުތަކެއް ގަވާއިދުތަކެއް އޮވޭ. ވާދަވެރިކަމާއި ހަސަދަވެރިކަން ވެސް އޮވޭ. އެކަމަކު އެކަން ކުރާން ޖެހޭނީ ހާއްސަ އުސޫލެއްގެ ތެރެއިން. އެމީހުން އެކަން ކުރަނީ މިބުނި ގޮތަށް. އެކަން މޮނިޓަރކުރާނެ މީހުންވެސް ތިބޭނެ. އުސޫލާ ހިލާފަށް ކަމެއް ކޮށްފިނަމަ ވަގުތުން އަދަބުލިބޭނެ." އިއުރާޒު އެނދުގައި އިށީނދެލިއެވެ.
"އަހަންނަކަށް ނުވިސްނޭ ތި ދައްކާ ވާހަކައެއް." ނަޖުމާ ފާޑަކަށް ބަލައިލީ އިއުރާޒުގެ މޫނަށެވެ.
"އާނ! ބައެއްގެ ގޯތިގެދޮރަށް އެމީހުންނަށް ވަދެ އުޅުން މަނާވާނެ. ވަދެވޭނީ ވެސް އެތަނެއްގެ އަހުލުވެރިއަކު ހުއްދަދިނީމަ އެމީހެއްގެ ފަހަތުން. ނޫނީ ވަންނަ ދައުވަތެއް ދިނީމަ. އެހެންވެ މިތަން ވަށައިލައިގެން އެ މީހުން އެތިބީ،" އިއުރާޒު ނަޖުމާގެ އަތުގައި ހިފައިލިއެވެ. "އެންމެ ބޮޑު މައްސަލައަކީ މިއީ. އަހަރެން ނަޖޫ ދެކެ ލޯބިވީމަ. ކައިވެނި ކުރީމަ."
"އެ ކީއްވެ؟"
"ހަގީގަތުގައި އަހަރުމެންނަށް ރައްކާތެރިކަމެއް ނޫން އިންސާނުންގެ ސިފައަށް ބަދަލުވެ އިންސާނަކަށް ވެގެން އުޅުމީ. އެކަމަކު އަހަރެން މިތާ ލެބުގައި ހަދަމުންދާ ޓެސްޓުތަކެއް، ކުރަމުންދާ ތަހުލީލުތަކެއް ތަޖުރިބާކޮށްލަން ކުރިކަމެއް މިއީ." އިއުރާޒު އޮޅުންފިލުވާދިނެވެ.
"ތިބުނީ؟" ނަޖުމާއަށް އިނދެވުނީ ވާނުވާގައެވެ.
"ނަޖޫއަށް އަހަރެން ފެނުނީ އިންސިއެއް ގޮތުގައި. ހަގީގަތުގައި ވެސް އަހަރެން އެވަގުތު ހުރީ އިންސާނެއްގެ ގޮތުގައި. އަހަންނަށް ހިނގަމުން ދިޔައީ އިންސާނެއްގެ ހުކުމުތައް،"އިއުރާޒު އޮޅުންފިލުވައިދިނެވެ. "އަހަރެން ބޭނުންވީ އިންސާނަކާއި އަހަރުމެންގެ މީހަކާ ޖެނެޓިކް މޮޑިފިކޭޝަނެއް ގެނެވޭތޯ ބަލަން. އެކަން ކުރެވޭނެ ގޮތެއް ހޯދަމުން ދަނިކޮށް ފެނުނު މުސްކުޅި ފޮތްތަކެއްގައި ހުރީ ވަރަށް ކުރީ ޒަމާނުގައި އިންސިންނާއި ޖިންނީންގެ ގުޅުންތަކުގެ ވާހަކަތަކެއް. އަހަރެން އެ ފޮތްތައް ތަކުރާރުކޮށް ކިޔައި އޭގައިވާ މައުލޫމާތު ފުންކޮށް ދިރާސާކުރިން. ދެން އެހެން އުޅެނިކޮށް ފެނުނީ ރާއްޖޭގައި ވެސް އިންސިންނާއި ޖިންނީންގެ ގުޅުންތައް ހުރިކަން. ދަރީން ވެސް އުފަންވެފައި ތިބިކަން. އަހަރުމެންގެ ހޫރުކާފައިންގެ ޒަމާނުގައި ވެސް އެކަހަލަ ކަންކަން ހިނގައިފަ ހުންނަކަން. އެކަމަކު.."
"އެކަމަކު ކިހިނެއްވީ؟ ވަރަށް އިންޓަރެސްޓިން ވާހަކަތަކެއް ތި ދައްކަނީ." ނަޖުމާ ހިނިތުންވެލިއެވެ.
"އެ ފޮތްތަކުގައި ހުރީ އިންސިންނާއި ޖިންނީންނަށް ލިބޭ ދަރީން ނިސްބަތްވަނީ ކޮންމެވެސް އެއް ނަސްލަކަށޭ. މާނައަކީ ދެ ނަސްލުގެ ގުޅުމުން އިންސިއެއް ވެސް ނުވަތަ ޖިންނިއެއް ވެސް އުފަންވެދާނޭ. އެކަމަކު މަސްހުނި ނަސްލެއް އުފަން ނުވާނޭ. އެހެން ފޮތެއްގައި އޮތް އެއީ ފުލޯކް ވާހަކައެކޭ ވެސް. އެހެންވެ އަހަރެން ބޭނުންވަނީ އަހަރުމެންނަށް ލިބިފައިވާ އިލްމީ ކުރިއެރުންތަކާއި ޓެކުނޮލޮޖީގެ ފަހިކަމުން އެކަން ދިރާސާކުރަން."
އިއުރާޒު ލޯތްބާއެކު ނަޖުމާގެ ގައިގައި ބައްދާލިއެވެ. މަޑުމަޑުން ނަޖުމާގެ ބޮލުގައި ފިރުމައިލިއެވެ.
"ދެން ރާޒަކީ ކާކު؟" ނަޖުމާ ހައިރާން ކަމާއެކު ސުވާލުކޮށްލިއެވެ.
"އާން! އަހަރެން ދުނިޔޭގެ ބިމަށް، މާލެއަށް އައީ އެބޭނުމުގަ. އެނިޔަތުގައި އިންސާނެއްގެ އެހީތެރިކަން ހޯދުމުގަ. ކަން ދިމާވި ގޮތުން އަހަންނަށް ފުރަތަމަ ވެސް އާދެވުނީ ވަރަށް ނާޒުކު ތަނަކަށް." އިއުރާޒު ފެންކަޅިވިއެވެ.
"ކިހިނެއްވީ؟"
"އާނ! ކަންދިމާވި ގޮތުން އަހަންނަށް ފޭބުނީ ޒުވާނަކު މަރަށް ތެޅެމުންދިޔަ ތަނަކަށް. ކޮންމެވެސް މައްސަލައެއް ދިމާވެގެން މަގުމަތީ އުޅުނު ގުރޫޕަކުން އެ ޒުވާނާގެ އެތަން މިތަނުގައި ތަޅާ އަނިޔާކޮށް އެއްލައިލިތަނަކަށް. އޭރު އެ ނިކަމެތި ޒުވާނާގެ މޫނާއި މުޅިގައިން ލޭ އޮހެމުންދޭ. އަހަންނަށް އެ މަންޒަރު ބަލަން ހުރެވުނީ. އެއިން މީހަކަށް އަހަންނެއް ނުފެންނާނެ. ނަމަވެސް މަރަށް ތެޅެމުންދިޔަ ޒުވާނާއަށް ހިފުނީ އަހަރެންގެ ދެފައިގައި. އޭނާ އަހަރެންގާތުގައި އާދޭސްކުރާން ފެށީ ސަލާމަތްކޮށްދިނުމަށް އެދި، އިރުކޮޅެއްވީއިރަށް އޭނާ ވަރުދޫވާން ފެށި. އަހަންނަށް އެމަންޒަރު ބަލާން ކެތް ނުވެގެން ވަގުތުން އޭނާ ގޮވައިގެން އައީ. އޭރު އޭނާ އޮތީ ލެއިން ކަޅިވެފަ."
ނަޖުމާގެ ދެ ލޮލަށް ކަރުނަތައް ގިނަވަމުން ދިޔައެވެ. އިއުރާޒު ކިޔައިދިން ވާހަކަތައް އޭނާގެ ލޮލުގެ ކުރިމައްޗަށް ސިފަވަމުން ދިޔައެވެ.
"އެ ކާކު؟"
"އަހަރެން އޭނާ ގެނެސް ލެބުގައި ރައްކާތެރި ތަނެއްގައި ބޭއްވިން. އަދިވެސް އޭނާ އެބަ އޮތް. އޭނާ އޮތީ ކޯމާއެއްގައި. އެހެންވެ އަހަރެން ލެބުގައި ތަހުލީލުކުރުމުގެ މަސައްކަތް މި ކުރަނީ އޭނާގެ ގައިން ސާންޕަލްތައް ނަގައިގެން. އަހަރެން ސާންޕަލް ނެގުމަކުން އޭނާއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ،" އިއުރާޒް ހިނިތުންވެލިއެވެ. "އެނގޭތަ އަހަރެންގެ ސިފައަކީ އޭނާގެ ސިފައޭ."
ނަޖުމާ ފިރުމާލީ އިއުރާޒުގެ މޫނުގައެވެ. އޭނާ ދެ ފަހަރަކު އެސްފިޔަ ޖަހައިލަމުން ދެވަނަ ފަހަރަށް ވެސް އިއުރާޒުގެ މޫނުގައި ފިރުމާލިއެވެ.
"ނަޖޫ އެރޭ ރޯން އިންދާ އަހަންނަށް ދެވަނަ ފަހަރަށް ބިމަށް ދެވުނީ. އަހަރެން ހިތުގައި ޖެހުނީ ތިހާ ރީތި ކުއްޖަކު އެހެން ރޯން އިނީމަ. ބޭއިހުތިޔާރުގައި އަހަންނަށް ނަޖޫ ގާތުގައި އިށީނދެވުނީ. ނަޖޫ ރޮމުންގިސްލަމުން ގޮސް އަހަރެންގެ ކޮނޑުގައި ބޯއަޅައިލި. އެތައް އިރެއް ވަންދެން އެގޮތުގައި އޮވެ ރުއި. އެކަން ނަޖޫއަށް އިހުސާސް ވެސް ނުވި،" އިއުރާޒު ހިނިތުންވެލައިގެން އިނދެބުނެލިއެވެ. "އަހަންނަށް ވިސްނުނީ އަހަރެންގެ އަސްލު ސިފައިގައި އަތުވެއްޖެ ނަމަ ނަޖޫ ބިރުން ހަލާކުވާނޭ. އެހެންވެ އެ ކުއްޖާގެ ސިފައަށް ބަދަލުވީ. އަހަރުމެންނަށް އޮންނަ އުސޫލަކީ އިންސިއެއްގެ ސިފައަށް ބަދަލުވުމަށް ފަހު ދެން ހިނގާނީ އިންސިއެއްގެ ހައިސިއްޔަތު. އެހެންވީމަ ނަޖޫއާއެކު އަހަރެން އުޅޭ އިރު އެއްވެސް ތަފާތެއް ފާހަގަ ނުކުރެވެނީ."
"ދެން މުޅި އުމުރަށް އެގޮތަށް ބަދަލުވެވޭނެތަ؟" ނަޖުމާ އަހައިލިއެވެ.
"އެ މަސައްކަތް މިހާރު މި ކުރަނީ. އެންމެ ފުރަތަމަ ކާމިޔާބު މި ކުރެވުނީ ދެމީހުންނަށް ލިބޭ ދަރީންނަކީ ދެ ނަސްލު ހިއްސާވާ ބަޔަކަށް ހެދުމުގެ މަސައްކަތް. ވަރަށް ގިނަ ދިރާސާތަކާއި ވަރަށް ބުރަ މަސައްކަތްތަކަކުން އެކަން ކާމިޔާބު ވެއްޖެ. އަހަރުމެންގެ ފުރަތަމަ ދަރިފުޅަކީ އެކަހަލަ ކުއްޖެއް. ޝަމް ބޮޑުވެ ތަސައްރަފު ފުދެމުންދާ ވަރަކަށް އޭނާއަށް އަހަރުމެންގެ ހުންނަ ބާރުވެރިކަމުގެ ސިފަތައް ވެސް ލިބެމުންދާނެ." އިއުރާޒު ހިނިތުންވެލިއެވެ.
"ދެން މި ދަރިފުޅޯ؟" ނަޖުމާ ބަނޑުގައި ފިރުމާލިއެވެ.
"މި ވެސް." އިއުރާޒު ވެސް ނަޖުމާގެ ބަނޑުގައި އަތް ޖައްސާލިއެވެ.
"އެހެންވީމައެއްނު މި ހުރިހާ މައްސަލައެއް މިޖެހެނީ." އިއުރާޒު ހިނިތުންވެލިއެވެ. (ނުނިމޭ)