މާރިޔާ އަހުމަދު ދީދީ

"ހިތްވަރު ހުރެއްޖެނަމަ ސިފައިންގެ ކޮންމެ މީހަކަށްވެސް ކުރިއެރުން ލިބޭނެ"

ސިފައިންގެ ކޮންމެ މީހަކަށްވެސް ކުރިއެރުން ހާސިލްކުރެވޭނީ ހަމައެކަނި އޭނާގެ ހިތްވަރާއި ފަންވަރާއި މަސައްކަތުން ނަތީޖާ ނެރެގެން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުން ވަނަތައް ހާސިލްކުރެއްވި ދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިޔުން ދިނުމަށް ފާދިއްޕޮޅު މާފިލާފުށީގައި ހުންނަ ސިފައިންގެ ޓްރެއިނިން ސެންޓަރުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިންގެ ހިދުމަތުގައި ކުރިއެރުން ހާސިލްކުރަން ބޭނުން ނަމަ ތިމާގެ ގާބިލްކަމާއި ބުރަ މަސައްކަތާއި ޕްރޮފެޝަނަލިޒަމުން އެ ކުރިއެރުން ތިމާއަށް ހައްގުވާކަން އޮންނަ އުސޫލުގެ ތެރެއިން ސާބިތުކޮށްދީފި ނަމަ ޕްރޮމޯޝަނަކަސް، ކުލަޔަކަސް، މެޑައްޔަކަސް، އެއީ ލިބޭނެ އެއްޗެއް ކަމަށެވެ. މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، ސިޔާސީ ނުފޫޒުން ދިފާއީ މުއައްސަސާ އެއްކިބާކުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ސިފައިންގެ ކޮންމެ މީހަކަށްވެސް ކުރިއެރުން ހާސިލްކުރެވޭނީ، ހަމައެކަނި އޭނާގެ ހިތްވަރާއި ފަންވަރާއި މަސައްކަތުން ނަތީޖާ ނެރެގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސިފައިންގެ ބަދަހި ސަފުތަކާ ގުޅިގެން، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާއިރު، އެއްވެސް ތަފާތެއް ނެތި، ހަމަހަމަ ކަމާއެކު ހިދުމަތްދިނުމަށް ކޮންމެ މީހަކުވެސް އިސްކަން ދިނުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

މިނިސްޓަރު ވަނީ ކޮވިޑް-19 ގެ މި ދަތި އުނދަގޫ ހާލަތުގައިވެސް ސިފައިންގެ އާ ޖީލެއް ބިނާކުރުމަށްޓަކައި، މާލެ ނުގޮސް، އާއިލާޔާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރި ސިފައިންގެ އިސްވެރިންނަށް އަދި ސިފައިންގެއަށް އަލަށް ވަތް ހުރިހާ ކުދިންނަށް ޝުކުރުއަދާކޮށްފައެވެ.