މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސުކޫލްތައް ހުޅުވުމާ ގުޅޭ މަޝްވަރާ ކޮށްފި

ރައްކާތެރިކަމާއި އެކު ސްކޫލްތައް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ 2021 ވަނަ އަހަރު ރައްކާތެރިކަމާއި އެކު ސްކޫލްތައް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން އެ މިނިސްޓްރީއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އިސް ބޭފުޅުންނާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. މި މަޝްވަރާ ބައްދަލްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެޗްޕީއޭގެ ފަރާތުން ޑރ. ފާތިމަތު ނަޒްލާ ރަފީގާއި ޑރ. ނަޒްލާ މުސްތަފާ އަދި ޑރ. އަހުމަދު ޝަހީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މަޝްވަރާތަކާއި ގުޅޭ އިތުރު ތަފްސީލެއް އެޑިއުކޭޝަނުން ނުދެއެެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން 2020 ނިމިގެން މި ދަނީ އެތަށް މަސްތަކެއް ވަންދެން ސުކޫލްތައް ބަންދުކޮށްފައި އޮވެއެވެ.

ސުކޫލްތައް ބަންދު ކުރުމަށްފަހު ޖުލައި މަހު މަތީ ގްރޭޑްތަކަށް ސްކޫލްތައް ހުޅުވާލި ނަމަވެސް، ކޮވިޑުގެ ދެވަނަ ރާޅާއެކު، މަހެއްހާ ދުވަހުގެ ކިޔެވުމަށްފަހު އަލުން ކިޔެވުން މެދުކަނޑާލައި ބަންދުކުރަން މަޖުބޫރުވީ އެވެ. އިތުރު ފިޔަވަޅުތަކެއް އަޅައިގެން ގްރޭޑް 9 އިން 12 އާ ދެމެދުގެ ގްރޭޑުތަކަށް ކިޔެވުން ފެށީ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ކޮންމެ އަހަރެއްގެ ކުރީކޮޅު ދިރާސީ އައު އަހަރު ފެށިނަމަވެސް 2021 ގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ އޮގަސްޓް މަހުގެ ތެރޭގައެވެ.