ހަނދުން ވެލިނަގަން ޗައިނާއިން ފޮނުވި އުޅަނދު އެނބުރި ބިމަށް އަތުވެއްޖެ އެވެ. ސްޓޭޓް މީޑިއާއިން ބުނި ގޮތުގައި، ކުރިން ވެސް ރާވާފައި އޮތް ގޮތަށް އުޅަނދު ތިރިކޮށްފައި ވަނީ މޮންގޯލިއާއަށެވެ.
ޗައިނާއިން ހަނދަށް ފޮނުވީ ޗަންގްއާ-5 އެވެ. މި އުޅަނދުގައި ވަކިވަކިން މަސައްކަތްކުރާ ހަތަރު މޮޑިއުލެއްވެ އެވެ. ހަނދަށް ތިރި ކުރުމަށް ފަހު މޮޑިއުލްތައް މަސައްކަތް ކުރަނީ އަމިއްލަ އަށް މައި އުޅަނދުގެ މަދަދާއެކު ނަމަވެސް މާބޮޑު އެހީތެރިކަމަކާ ނުލަ އެވެ.
ހަނދުގެ ބިން ތޮރުފައި އަޑިން ވެލި ނަގައި، ހިރަފުހާއިގަލާއި ކުނޑި ޖަމާ ކުރުމަކީ އުޅަނދުގެ ރޮބޮޓިކް އަތްތަކުން ކުރާ ކަމެެކެވެ. އަދި ބިމަށް ގެނައުމަށްޓަކައި ހާއްސަ ކެޕްސޫލެއްގައި ބަންދު ކުރެވެނީ ވެސް މިފަދައިންނެވެ. ސާމްޕަލް ހިފައިގެން ހަނދުން ފުރުމަށް ވެސް ވަކި މޮޑިއުލެއް ޚާއްސަކުރެވިފައިވެ އެވެ. އެހެން ކަމުން، ޗަންގްއާ-5 އަށް ނިސްބަތްކުރެވޭ ހުރިހާ މޮޑިއުލެއް އެނބުރި ބިމަކަށް ނުގެންނާނެ އެވެ.
ދުނިޔެއަށް ގެންނަން ބޭނުންވާ ސާމްޕަލާއެކު ހަނދުން ފުރާ މޮޑިއުލް ދެން ގޮސް ތަތްކޮށްލަނީ ހަނދުވަށައި ބުރުޖަހަޖަހައި އޮންނަ އެހެންއުޅަނދެއްގަ އެވެ. މި އުޅަނދަށް ސާމްޕަލް ލިބުމަށް ފަހު އެނބުރި ބިމަށް އައުމަށް ދަތުރަށް ތައްޔާރުވެ އެެވެ.
ޗައިނާ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަނުންބުނީ ގޮތަށް ހަނދުގެ އޯބިޓުން ސާމްޕަލް ކެޕްސޫލް ބިމަށް އައުމަށް ނައްޓާލީ ހަފުތާއެއް ފަހުންނެވެ. އެއީ ހަނދާއި ދުނިޔެއާ ދެމެދު ދަތުރުކުރަން އެންމެ އެކަށީގެންވާ ވަގުތު ޖެހުމުންނެވެ.
ހަނދުން ސާމްޕަލް ގެނެވުމަކީ ޗައިނާއިން ހޯދި ވަރަށް ބޮޑު ކާމިޔާބެކެވެ. މި މަސައްކަތަށް ފަހު ޗައިނާގެ ވިސްނުން އޮތީ މާސްއަށެވެ. އޭގެ ކުރިން ހަނދަށް އިންސާނުން ފޮނުވުމާއި ހަނދުގައި ސްޓޭޝަންކު ރުން ހިމެނެ އެވެ. މިލިޓަރީ ބިނާއެއްގެ ވިސްނުން ވެސް ޗައިނާއިން ގެންގުޅެ އެވެ.
ޗައިނާއިން ހިންގަނީ އަޑިނޭނގޭ ސްޕޭސް ޕްރޮގްރާމެއް ކަމަށް ބުނެ އެމެރިކާއިން ބައިވެރިވާ މި ޒާތުގެ އެއްވެސް ޕްރޮގްރާމެއްގައި ޗައިނާ ބައިވެރިއެއް ނުކުރެ އެވެ. އެހެން ކަމުން، ނާސާއާއެކު މަސައްކަތް ކުރުމަކީ ޗައިނާ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަނަށް އޮތް ފުރުސަތެއް ނޫނެވެ.
ހަނދުން ދެ ކިލޯހެއްހާ ވެލި ޗައިނާއިން ގެނައުމާއެކު، އެމެރިކާއާ ޔޫރަޕަށް ލޮޅުންއަރައިގެން ދާނެ އެވެ. އެމެރިކާއާ ރަޝިއާއަދި ބައިވެރިން ހަނދަށް ގޮސް ގެނައި ކަމަށް ބުނާ ވެއްޔާއި ގަލާއި ހިރަފުހުގެ ހަގީގަތް ހާމަވެގެން ދާނެ އެވެ.