ދުނިޔެ

ދުނިޔެ ބަލަން އޮއްވާ ހަނދުގައި ޗައިނާއިން ދިދަ ނަގައި

ޗައިނާއިން ހަނދުގައި ދިދަ ޖަހައިފި އެވެ. ހަނދުން ނެގި ސާމްޕަލަށް ވުރެ ބޮޑު ސަމާލުކަމެއް މިހާރު ވަނީ ހަނދުގައި ނެގި ޗައިނާ ދިދަ އަށް ލބިފަ އެވެ.

ސާމްޕަލް ނަގަން ހަނދަށް ފޮނުވި ޗަންގްއާ-5 އަށް ދެން އޮތް މަސައްކަތަކީ ސާމްޕަލް ބިމަށް ގެނައުމެވެ. މި މަސައްކަތް ވެސް މިހާރު ފެށިގެން ކުރިއަށް އެބަ ދެ އެވެ.

ޗަންގްއާ-5 އަކީ ވަކިވަކިން މަސައްކަތްރުާ ބައިތަކެއްގެ މައްޗަށް އެކުލެވިގެންވާ އުޅަނދެކެވެ. އުޅަނދު ޑިޒައިންކޮށްފައި ވަނީ ހަނދަށް ތިރި ކުރުމަށް ފަހު، އުޅަނދުން ބައެއް ހަނދަށް ދޫކޮށްލާ ގޮތަށެވެ.

ބިން ތޮރުފުމަށާއި ވެލި ނެގުމަށް ބޭނުންވާ ހުރިހާ ހަތިޔާރެއް ޗަންގްއާ-5 ގައި ހިމެނެ އެވެ. މިއީ ބުނެވޭ ގޮތުގައި ދެ މީޓަރު ފުނަށް ބިން ތޮރުފުމުގެ ކުޅާދަނަކަން ލިބިފައިވާ އުޅަނދެކެވެ.

ދުނިޔެއަށް ގެންނަން ބޭނުންވާ ވަރަށް ސާމްޕަލް ނަގައި، ސައިންޓިފިކް ކަންވާރެއްގައި ބަންދު ކުރުމަކީ ވެސް މި އުޅަނދު އޮޓަމެޓިކުން ކުރާ މަސައްކަތެކެވެ. ސާމްޕަލް ހިފައިގެން ހަނދުން ފުރާ މޮޑިއުލް އަށް މަރުހަބާ ކިޔުމަށް، ހަނދު ވަށައި ބުރުޖަހަޖަހައި އެހެން އުޅަނދެއް އޮވެ އެވެ. މި އުޅަނދަށް ސާމްޕަލް ލިބުމަށް ފަހު އެނބުރި ބިމަށް އައުމަށް ދަތުރަށް ތައްޔާރުވެ އެެވެ.

ޗައިނާ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަނުން ބުނީ، ސާމްޕަލް ހިފައިގެން ހަނދުގެ އޯބިޓުން ނައްޓާލަނީ އަދި ހަފުތާއެއް ފަހުން ކަމަށެވެ. އެއީ ހަނދާއި ދުނިޔެއާ ދެމެދު ދަތުރު ކުރަން އެންމެ އެކަށީގެންވާ ވަގުތު ޖެހުމުން ކަމަށެވެ.

ޗައިނާ އޮފިޝަލުން ވިދާޅުވާ ގޮތުގައި ސާމްޕަލް ބިމަށް ފޯރާނީ މި މަހު މެދާ ހިސާބުގަ އެވެ. ސާމްޕަލް ކެޕްސޫލް ވެއްޓޭނެ ކަމަށް ވަނީ މޮންގޯލިޔާގެ ވިނަ ބިމަކަށެވެ.