ރޮބާޓޯ ފިރުމީނޯ، މެޗުގެ ފަހު ވަގަުތުގައި ބޮލުން ޓޮޓެންހަމް ހޮޓްސްޕާސް ކޮޅަށް ވައްދާލި ލަނޑުން 2-1 މޮޅުވެ، ޕްރިމިއާ ލީގްގެ ތާވަލުގެ އެއް ވަނަ އަށް ލިވަޕޫލް ޖެހލައިފި އެވެ.
މެޗަށް ނުކުތް އިރު، ތާވަލުގެ އެންމެ ކުރީގައި އޮތް މި ދެ ޓީމުގެ މެޗު އޮތީ ހާއްސަ ވެފަ އެވެ. ހޯޒޭ މޮރީނިއޯ ކޯޗް ކޮށްދޭ، ސްޕާސް އިން މި ސީޒަންގައި ވަނީ ބޮޑު ފަސް ކުލަބުގެ ގޮތުގައި މަޝްހޫރު ވެފައި އޮތް ކުލަބުތަކަށް ލަނޑު ދީފަ އެވެ. ޗެލްސީއަށް ވެސް އޭނާގެ ޓީމު އަތުން މޮޅު ނުވެވުނެވެ. އެހެންވެ ލިވަޕޫލާ ދެކޮޅަށް ނުކުތް މެޗު އޮތީ ވަރަށް ހާއްސަ ވެފަ އެވެ.
އެންފީލްޑްގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ލިވަޕޫލުންނެވެ. މެޗުގެ 26 ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ މުހައްމަދު ސަލާހް އެވެ. ލިވަޕޫލަށް ލީޑްގައި ހިފަހައްޓާ ލެވުނީ ހަތް މިނެޓް އެވެ. މެޗުގެ 33 ވަނަ މިނެޓްގައި ޖިއޮވާނީ ލޮސެލްސޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ސަން ހިއުންގް މިން ލަނޑު ކާމިޔާބު ކޮށް ސްޕާސްއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
ދެ ވަނަ ހާފު ނިމުމަކާ ހަމައަށް ދިޔައިރުވެސް މެޗުގެ ނަތީޖާއަށް ބަދަލެއް އައިސްފައި ނުވުމުން، މެޗު އެއްވަރު ވެގެން ނިމިދާނެ ކަމަށް ބެލުވުނެވެ. އެހެން ނަމަވެސް މެޗުގެ 90 ވަނަ މިނެޓްގައި އެންޑީ ރޮބަޓްސަން ނަގައިދިން ކޯނަރު ބޮލުން ގޯލަށް ވައްދާލައި ފިރުމީނޯ ލިވަޕޫލަށް ލަނޑު ކާމިޔާބު ކޮށްދިނެވެ.
ރޭ ގެ މެޗަކީ، އެންފީލްޑް ލިވަޕޫލުން ބަލި ނުވެ ފުރިހަމަ ކުރި ޖެހިޖެހިގެން 66 ވަނަ މެޗެވެ. ލީގްގެ 13 މެޗުން އެ ޓީމު ވަނީ 28 ޕޮއިންޓް ހޯދާފަ އެވެ. ކުރިން އެއް ވަނައިގައި އޮތް ސްޕާސް މިހާރު ވަނީ ދެ ވަނައަށް ވެއްޓިފަ އެވެ.
ރޭ ސައތުހެމްޓަން އާ އާސެނަލް ކުޅުނު މެޗު އެއްވަރުވީ 1-1 ންނެވެ. ފުރަތަމަ ލީޑް ނެގީ ސައުތުހެމްޓަން އިންނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ކުރިން އާސެނަލްއަށް ކުޅުނު ތިއޯ ވޮލްކޮޓް އެވެ. އާސެނަލްއަށް މެޗުގެ ނަތީޖާ ދެ ވަނަ ހާފުގައި ހަމަހަމަ ކޮށްދިނީ ޕއާ އެމްރިކް އޮބާމެޔެންގް އެވެ. ސައުތުހެމްޓަން އޮތީ ތާވަލުގެ ތިން ވަނައިގަ އެވެ.