ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ނީތޫ އާއި ވަރުން ކޮވިޑުން ފަސޭހަވެ ޝޫޓިން ފަށަނީ

"ޖުގް ޖުގް ޖިޔޯ" ގެ ޝޫޓިން ޑިސެމްބަރު 19 ވަނަ ދުވަހު އަނެއްކާވެސް ފަށަން ތައްޔާރުވެއްޖެ އެވެ. އިންޑިޔާގެ ޗަންދީގަޅްގައި ކުރިޔަށް ދިޔަ މި ފިލްމުގެ ޝޫޓިން މެދުކަނޑާލީ ފިލްމުގެ ތަރިންގެ ތެރޭގައި ހިމެނޭ ވަރުން ދަވަން އާއި ނީތޫ ސިންގް އަދި ޑައިރެކްޓަރު ރާޖް މެހެތާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެންނެވެ.

ޝޫޓިން ހުއްޓާލާފައި އެންމެން އެނބުރި މުމްބައި އަށް އައިސް ފަރުވާކޮށް ހުރިހާ އެންމެން ވެސް މިހާރު ވަނީ ބަލިން މުޅިން ފަސޭހަ ވެފަ އެވެ. އަދި ވަރުން އާއި ނީތޫގެ ނަތީޖާ ނެގެޓިވް ވުމާއެކު ފިލްމުގެ މަސައްކަތް ފަށަން ޔުނިޓުން ތައްޔާރުވާން ފެށީ އެވެ.

މި ފިލްމުގައި އަނިލް ކަޕޫރާއި ކިއާރާ އަދުވާނީ ވެސް ބައިވެރިވެ އެވެ. ނަމަވެސް މި ދެ ތަރިން ކޮވިޑަށް ޕޮޒިޓިވް އެއް ނުވެ އެވެ.
އިންޑިޔާގެ ނޫހަކުން ބުނެފައިވާ ގޮތުގައި ޕޮޒިޓިވް ވީ އެކްޓަރުން ޝޫޓްކުރި ހުރިހާ ތަންތަނެއް ސެނިޓައިޒްކޮށް ސްޓޭޓް ސަރުކާރުގެ ޕްރޮޓޮކޯލް އާ އެއްގޮތަށް ހުރިހާ ކަމެއް ވެސް މިހާރު ވަނީ ފުރިހަމަ ކޮށްފަ އެވެ.

އަދި ފިލްމު ކުރޫންގެ ތެރޭގައި ހިމެނުނު އެންމެން ކަރަންޓީނުގައި ތިބެ މުއްދަތުހަމަކޮށް ޓެސްޓްކޮށް އެމީހުންގެ ނަތީޖާ ވެސް ވަނީ ނެގެޓިވް ކަމަށް ދައްކާފަ އެވެ. އެހެންކަމުން ފިލްމުގެ ޝޫޓިން އަލުން ފަށަން ނިންމީ އެވެ. ނީތޫ އާއި ވަރުން އަދި އަނިލް އާއި ކިއާރާ ޑިސެމްބަރު 18 ވަނަ ދުވަހު ޗަންދީގަޅަށް ފުރަން ވަނީ ހަމަޖެހިފަ އެވެ.

ނީތޫ އާއި ވަރުން ވަނީ އެމީހުން ކޮވިޑަށް ޕޮޒިޓިވް ވުމުން އެ ވާހަކަ ސޯޝަލް މީޑިއާގައި އެމީހުންގެ ފޭނުންނާ ހިއްސާ ކޮށްފަ އެވެ. އަދި އެމީހުންގެ ބަލި ހާލު ވެސް ފޭނުންނަށް ކިޔައިދެމުން ގެންގޮސްފައި ވެއެވެ.

ނީތޫ ބުނެފައިވަނީ ފިލްމު ސެޓުގައި އެމީހުން އުޅެފައިވަނީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ނަމަވެސް ބަލި އެރީ ކަމަށެވެ.
"ޖުގް ޖުގް ޖިޔޯ" އަކީ ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމުގައި ނީތޫ އާއި އަނިލް ކުޅެނީ ވަރުންގެ ކެރެކްޓާގެ މައިންބަފައިންގެ ރޯލެވެ. މިއީ ޒުވާން ދެމަފިރިއަކާއި ދުވަސްވީ ދެމަފިރިއެއްގެ ކައިވެނީގެ ހަޔާތުގައި ދިމާވާ މައްސަލަތަކެއް ދައްކުވައިދޭ ފިލްމެކެވެ.