ހަބަރު

"ނޫ ރާއްޖެ" ވާނީ ކަނޑުފަޅުން ނަފާ ހޯދޭނެ މަގަކަށް

"ނޫ ރާއްޖެ" ވެގެންދާނީ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅުން ނަފާ ހޯދުމަށް ހުޅުވޭ މަގަކަށް ކަމަށް ރައީސުލް ޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

"ނޫ ރާއްޖެ" އަކީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން ސަރުކާރުން އިފްތިތާހު ކޮށްފައިވާ ޕްރޮގުރާމެކެވެ. އެ ޕްރޮގުރާމު އިފްތިތާހު ކުރެވިގެން ދިޔައީ އެކަމަށް ހާއްސަކޮށްގެން ވާޗުއަލް ކޮށް އިއްޔެ ބޭއްވުނު ހަފުލާއެއްގައެވެ.

ރައީސް ވިދާޅުވީ، ދިވެހިންނަށް އިގުތިސޯދީ ގޮތުން ކުރެއެރުންތައް ހާސިލު ކުރެވޭނީ އަދި ކުރަންވާނީ ވެސް ކަނޑުތަކާ ރަހުމަތްތެރި އާދަތަކެއްގެ ތެރެއިން ކަމަށެވެ. އަދި ކަނޑުފަޅުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ސިއްހަތާއި، ދިރިއުޅުމާއި، އިގްތިސޯދު ވެސް ސަލާމަތްކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމަށެވެ.

"ނޫ ރާއްޖެ" ޕްރޮގުރާމުގެ ދަށުން ރާއްޖޭގެ ކަނޑުފަޅުގެ ދުޅަހެޔޮކަމުގެ ހާލަތު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާތަކާއި އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅުން ނަފާ ހޯދާނެ ގޮތާގުޅޭ ސިޔާސަތުތައް އެކުލަވައިލުމާއި، އެންމެ ކާމިޔާބުކަމާއެކު ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދޭނެ ކަމަށެވެ. އަދި ނޫ އިގުތިސޯދެއް ބިނާކުރުމުގައި ގުދުރަތީ ދިރުންތައް ދެމެހެއްޓޭނެގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިއަށް ދިއުމުގައި ބޭނުންކުރާނެ މެރިޓައިމް ސްޕެޝަލް ޕްލޭންތައް އެކުލަވައިލުމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 20 އިންސައްތައަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަކީ ސަރުކާރުގެ މަގުސަދެއް ކަމަށެވެ.