ހަބަރު

ސީލައިފުން ގެއްލުންވި މީހުނަށް ސަރުކާރުގެ ހައުސިން ސްކީމެއް

މައްސަލަ ބޮޑުވެފައިވާ ސީލައިފް ގްލޯބަލްއިން އަޅާ ފްލެޓް ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ސަރުކާރުގެ ހައުސިން ސްކީމެއްގެ ތެރެއިން ހައުސިން ޔުނިޓް ހަމަޖައްސައިދޭން އެއްބަސްވެފައިވާނެ ކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީއިން މިހެން ބުނީ އެ ކުންފުންޏާއި ސަރުކާރު އަދި ސީލައިފްއާ ދެމެދުވެފައިވާ ސެޓްލްމަންޓް އެގްރިމެންޓާ ގުޅޭ ތަފްސީލް ދިނުމަށް ނެރުނު ނޫސް ބަޔާނުގަ އެވެ. އެ ނޫސް ބަޔާނުގައި ބުނީ އެ އެއްބަސްވުމަކީ، މައްސަލާގައި ސަރުކާރާއި އެޗްޑީސީގެ އިހުމާލެއް ނެތް ކަމުގައި ދެ ފަރާތަށް ގަބޫލު ކުރެވުނު ކަމުގައިވީ ނަމަވެސް، މި ކަމުގެ ސަބަބުން ގިނަ ބަޔަކަށް ލިބިފައިވާ ގެއްލުން ކުޑަ ކުރުމުގެ ގޮތުން އެފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ވެފައިވާ
އެއްބަސްވުމެއް ކަމަށެވެ.

އެއްބަސްވުމުގެ ދަށުން ސީ ލައިފް ގްލޯބަލްއިން އިމާރާތް ކުރުމަށް ނިންމި ހައުސިން ޔުނިޓުތައް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެ ފަރާތަކުން ދައްކާފައިވާ ފައިސާއާ އެއްވަރުގެ އަދަދެއް ދިނުމަށް އެޗްޑީސީގެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. އަދި، ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއް ދަށުން ހައުސިން ޔުނިޓު ދިނުމަށް އެއްބަސްވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

އެޗްޑީސީއިން އިތުރަށް ބުނީ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބޭ ގެއްލުމުގެ ބަދަލު ސީ ލައިފް ގްލޯބަލްގެ ފަރާތުން ހޯދުމަށް މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

ސީ ލައިފް ގްލޯބަލްގެ ފަރާތުން ހުޅުމާލޭގައި އިމާރާތް ކުރަން ހަމަޖެއްސި 3000 ހައުސިން ޔުނިޓްތައް ގަތުމަށްޓަކައި 203 މީހުނަށްވުރެ ގިނަ މީހުން ބުކިން ފީއާއި ޑައުންޕޭމަންޓް ފައިސާ ދައްކި އެވެ. ނަމަވެސް މިހާތަނަށް އެ މަޝްރޫއު ކުރިއަށް ގޮސްފައިނުވެ އެވެ. އަދި ފައިސާ ދައްކާފައިވާ ފަރާތްތަކުން އެ ފައިސާ އަނބުރާ ހޯދުމަށް ކުރި މަސައްކަތުން އެ ފައިސާ އަނބުރާ ލިބިފައެއްވެސް ނުވެ އެވެ. އެހެންވެ ސިވިލް ކޯޓުގައި އެ ފަރާތްތަކުން ވަނީ އެޗްޑީސީއިން ވެސް ހިމެނޭ ގޮތަށް ދައުވާ އުފުލާފަ އެވެ.

ކޯޓުން ބޭރު ސެޓްލްމަންޓް އެގްރީމެންޓަކަށް ދިޔައީ އެހެންވެ އެވެ. އެ އެއްބަސްވުމަށް އާދެވިފައި ވާތީ ސިވިލް ކޯޓުން ވަނީ މައްސަލަ އިތުރަށް ކުރިއަށް ނުގެން ގޮސް ނިންމާލާފަ އެވެ. ހުކުމުގައި ވާގޮތުން ސެޓުލްމެންޓް އެގްރީމެންޓް ހަދާފައިވަނީ އެޗްޑީސީއާ ސަރުކާރާއި ސީލައިފް މައްސަލާގައި ދައުވާ ކުރާ މީހުންނާއެކު މަޝްވަރާ ކުރުމަށްފަހު އެވެ.

ހުކުމުގައި އިތުރަށް ވަނީ، ފްލެޓަށް ދެއްކި ފައިސާ އަކީ ބަދަލު ދޭންޖެހޭ އެއްޗެއްގެ ގޮތުގައި ސީ ލައިފުން އިއުތިރާފުވެފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ފަރުދީ ގޮތުން ޒިންމާ ނަގަން ނުޖެހޭ ކަމަށްވެސް ހުކުމުގައިވެ އެވެ.

ސީލައިފް ކުންފުނިން 300 އެޕާޓްމަންޓް ގަންނަން ބުކިން ފީގެ ގޮތުގައި ކޮންމެ މީހެއްގެ އަތުން 50،000 ރުފިޔާ ނެގި އެވެ. ބައެއް ފަރާތްތަކުން އެއަށް ވުރެ ގިނައިން ވެސް ފައިސާ ދެއްކި އެވެ. ގާތްގަނޑަކަށް ޖުމްލަ 14 މިލިއަން ރުފިޔާ މީހުންގެ އަތުން ނެގި އެވެ.

އެމައްސަލައާއި ގުޅިގެން ސީލައިފްގެ އެމްޑީ އަންމަޓީ ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑް ނޯޓިސްވެސް ނެރެފައެވެ. އެހެން ނަމަވެސް މިއަދާ ހަމަޔަށްވެސް އޭނާ ފިލައިގެން އުޅޭތަން ހޯދިފައެއް ނުވެއެވެ.