ރާއްޖެއަކީ މީގެ ކުރިން މުސްލިމުންގެ ހައްގުގައި އެންމެ ފުރަތަމަ ބަސް އިއްވާ ގައުމު ނަމަވެސް މިހާރު ފެންނަމުން ދަނީ ސަރުކާރުތައް ރުއްސަން މަަސައްކަތް ކުރާ މިންވަރު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އަންދާތީ އެކަމާ އެ ގައުމުގެ މުސްލިމުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކޮވިޑްގައި މަރުވާ މުސްލިމުންގެ ހަށިގަނޑު ރާއްޖެއަށް ގެނެސް ވަޅުލައި ދިނުމަށް ލަންކާ ސަރުކާރުން އެދުމުން އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ބުނެފައި ވަނިކޮށެވެ.
އެކަމާއި ގުޅިގެން ބޮޑު ބަހުސެއް ވަނީ ފެށިފަ އެވެ. އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންނާއި އާންމުންވެސް ގެންދަނީ އެ މައްސަލާގައި އެ ބޭފުޅުންގެ ހިޔާލުތައް ފާޅުކުރަމުންނެވެ.
އާދަމް ޝަރީފް ވިދާޅުވީ މީގެ ކުރިން ރާއްޖެއަކީ މުސްލިމުންގެ ހައްގުގައި އެންމެ ފުރަތަމަ ބަސްއިއްވާ އެއް ގައުމު ކަަމަށެވެ. އަދި ރާއްޖެއިން ވަކާލާތު ކުރަން ޖެހޭނީ ދުނިޔޭގައި މުސްލިމުންނަށް ކުރިމަތިވަމުންދާ މައްސަލަތަކަށް ބައިނަލްއަގްވާމީ ގޮތުން ހައްލު ހޯދާދޭން ކަމަށެވެ.
"އެކަމަކު މިހާރު މަސައްކަތް ކުރާތަން ފެންނަނީ ސަރުކާރުތައް ރުއްސަން،" ސަރުކާރަށް ފާޑުވިދާޅުވެ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އަންދާތީ އެކަމާ އެ ގައުމުގެ މުސްލިމުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކޮވިޑްގައި މަރުވާ މުސްލިމުންގެ ހަށިގަނޑު ރާއްޖެއަށް ގެނެސް ވަޅުލައި ދިނުމަށް ލަންކާ ސަރުކާރުން އެދުމުން އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފައިވާއިރު އެކަމުގެ ފަހަތުގައި އެހެން ކަންތައްތަކެއް ފޮރުވިފައިވާ ކަމަށް ގިނަ ބަަޔަކު ދެކެއެވެ. އެއީ މުސްލިމުންގެ ހައްގުގައި ކުރާ ކަމެއް ކަމަށް ދެއްކުމަށް ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ތާއީދުކުރާ މަދު އިލްމުވެރިންތަކެއް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ރައްޔިތުން ކުރިމަތިކުރަމުންދާ ސުވާލުތަކުގެ ފޯކަސް ގެއްލުވާލަން އެ އިލްމުވެރިން އެކި ވާހަކަތައް ދައްކަމުން ގެންދެއެވެ.
ރާއްޖޭގެ ބޮޑެތި އަދި ގިނަ އިލްމުވެރިން ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ.
މި މައްސަލަ ސްރީލަންކާގައި ވެސް ހޫނުވެފައިވާއިރު ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖޭގައި ވަޅުލައިދޭން ރަސްމީކޮށް އެދުނުކަން އެ ގައުމުގެ ކެބިނެޓަށް އެނގިފައިނުވާ ކަމަށް އެ ގައުމުގެ ކެބިނެޓްގެ ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ. އަދި ލަންކާގެ ދީނީ އިލްމުވެރިންނާ ޖަމާއަތްތައް ދަނީ މިކަމާ ދެކޮޅު ހަދަމުންނެވެ. އަދި އެ ޖަމާއަތްތަކުން ވަނީ ލަންކާ ސަރުކާރުން ހިންގަން ރާވަމުންދާ އަޑިނޭންގޭ ކަންތައްތަކަށް ދިވެހިން ތާއީދު ނުކުުރުމަށްވެސް ގޮވާލާފައެވެ.