ގައުމީ ފުޓްބޯޅް ޓީމް

އަކުރަމް ލެވަންޑޮސްކީއަށް، ކޫޕްމަން ވެންޑައިކަށް

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންނަށް ވޯޓް ދިނުމަށް ފީފާއިން ދިން ފުރުސަތުގައި، ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީގެ އެއް ވަނަ ވޯޓް، އެވޯޑް ހޯދި ރޮބަޓް ލެވަންޑޮސްކީއަށް ދިން އިރު، ގައުމީ ކޯޗް މާޓިން ކޫޕްމަން، ވާޖިލް ވެންޑައިކަށް ވޯޓް ދީފި އެވެ.

ދުނިޔޭގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާ ހޮވުމަށް ބޭއްވި އެވޯޑް ހަފުލާއަށް ފަހު ފީފާއިން ވަނީ ގައުމުތަކުގެ ކެޕްޓަނުންނާއި ކޯޗުންގެ އިތުރުން މީޑިއާއިން ވޯޓް ދިންގޮތް އާންމު ކޮށްފަ އެވެ.

އަކުރަމް ދެ ވަނައަށް ވޯޓް ދިނީ، ލެވަންޑޮސްކީ އާއެކު މިދިޔަ ސީޒަންގައި ބަޔާން މިޔުނިކްގައި ހަތަރު ތަށި ކާމިޔާބު ކުރި، ތިއާގޯ އަލްކަންޓަރާ އަށެވެ. އޭނާގެ ތިން ވަނަ ވޯޓް ދިނީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑާ ކެވިން ޑިބްރޮއިނާ އަށެވެ.

ހޮލެންޑަށް ނިސްބަތްވާ ކޫޕްމަން، އޭނާ އާ އެއްގައުމަކަށް ނިސްބަތްވާ ގައުމީ ޓީމުގެ ކެޕްޓަން ވެންޑައިކަށް އެއް ވަނަ ވޯޓް ދީފައިވާއިރު ދެ ވަނައަށް އޭނާ ވޯޓް ދިނީ ކެވިން ޑިބްރޮއިނާ އަށެވެ. ތިން ވަނަ އަށް އޭނާ ވޯޓް ދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ.

މޮޅު ކޯޗް ހޮވުމަށް، އަކުރަމްގެ އެއް ވަނަ ވޯޓް ދިނީ، ބަޔާން މިޔުނިކަށް ސީޒަންގެ ހަތަރު ތަށި ކާމިޔާބު ކޮށްދިން ހެންސީ ޑިއެޓާ ފްލިކް އަށެވެ. ދެ ވަނަ އަށް އޭނާ ވޯޓް ދިނީ، މޮޅު ކޯޗްގެ އެވޯޑް ގެންދިޔަ ލިވަޕޫލަށް 30 އަހަރަށް ފަހު އިނގިރޭސި ލީގް ހޯދައިދިން ކޯޗް ޔާގަން ކްލޮޕް އަށެވެ. އަކުރަމްގެ ތިން ވަނައަށް ވޯޓް ދީފައި ވަނީ ލަލީގާގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑަށް ހޯދައިދިން ކޯޗް ޒައިނުއްދީން ޒިދާން އަށެވެ.

މޮޅު ކޯޗްގެ އެވޯޑަށް ވޯޓް ދޭން، މާޓިން ކޫޕްމަން އެއް ވަނައަށް ހިޔާރު ކުރީ ޔާގަން ކްލޮޕް އެވެ. އޭނާ ދެވަނަ އަށް ވޯޓް ދިނީ ފްލިކް އަށެވެ. ތިން ވަނަ ވޯޓް ދީފައި ވަނީ ސެވިއްޔާއަށް ޔޫރޮޕާ ލީގް ހޯދައިދިން ކޯޗް ހުލެން ލޮޕޮޓެގީ އަށެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ހޮވުމަށް، ރާއްޖޭގެ އަންހެން ގައުމީ ޓީމުގެ ކެޕްޓަން ފާތިމަތު ޝާލިޔާގެ އެއް ވަނަ ވޯޓް ދީފައި ވަނީ، އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހޯދި މެންޗެސްޓާ ސިޓީގެ އިނގިރޭސި ޑިފެންޑަރު ލަކީ ބްރޯންޒް އަށެވެ. ދެ ވނަ އަށް ވޯޓް ދީފައި ވަނީ އާސެނަލްގެ ހޮލެންޑްގެ ފޯވަޑް ވިވިއޭން މިޑިއޭމާ އަށެވެ. ތިން ވަނަ އަށް ޝާލިޔާ ވޯޓް ދީފައި ވަނި ފްރާންސްގެ އޮލިމްޕިކް ލިއޯންއަށް ކުޅޭ ޖަޕާންގެ މިޑްފީލްޑާ ސަކީ ކުމަގައި އަށެވެ.

ގައުމީ އަންހެން ޓީމުގައި މިވަގުތު ކޯޗެއް ހަމަޖައްސާފައި ނުވުމުން އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ހޮވަން ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ ކޯޗްގެ ވޯޓެއް ނުހިމެނެ އެވެ.

އެންމެ މޮޅު ކޯޗްގެ އަންހެން ޓީމުގެ ކޯޗް ހޮވުމަށް، ޝާލިޔާގެ އެއް ވަނަ ވޯޓް ދީފައި ވަނީ، އޮލިމްޕިކް ލިއޯންގެ ކޯޗް ޖޯން ލޫކް ވަސާ އަށެވެ. ދެ ވަނައަށް އޭނާ ވޯޓް ދީފައި ވަނީ ބާސެލޯނާގެ ކޯޗް ލުއިސް ކޯޓޭސް އަށެވެ. އޭނާގެ ތިން ވަނަ ބޯޓް ދީފައި ވަނީ މޮޅު ކޯޗްގެ އެވޯޑް ހޯދި ހޮލެންޑްގެ ކޯޗް ސަރީނާ ވިއެގްމަން އަށެވެ.