ކުލަބުތަކުގެ ޕްރެކްޓިހަށް ގޮސް ކުޅުންތެރިންގެ ފެންވަރު ވަޒަން ކުރުމުގެ މަސައްކަތް ގައުމީ ޓީމުގެ ކޯޗް މާޓިން ކޫޕްމަން ފަށައިފި އެވެ.
ގައުމީ ޓީމުގެ ކޯޗް ކުލަބުތަކުގެ ޕްރެކްޓިސް ބެލުމަކީ އެހާ އާންމު ކަމެއް ނޫނެވެ. ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވި ކޯޗުންގެ ތެރެއިން ކުލަބުތަކުގެ ޕްރެކްޓިސް ބެލުމަށް މީގެ ކުރިން ޓާފް ދަނޑަށް ދިޔަ ކޯޗަކީ 2008 ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒް އެވެ. ދެފަހަރެއްގެ މަތިން ރާއްޖޭގެ ކޯޗްކަން ކުރި ޔަންކޭޒް ވަނީ ރާއްޖޭގެ ކޯޗް ކަމުގައި އޭނާގެ ދެ ވަނަ ޕީރިއަޑްގައި ކުލަބު ތަކުގެ ޕްރެކްޓިހަށް ގޮސް ކުޅުންތެރިންގެ މަސައްކަތް ވަޒަން ކޮށްފަ އެވެ.
ގައުމީ ޓީމު އެކުލަވާލުމުގައި، މިހާރުގެ ކޯޗް މާޓީން ކޫޕްމަން ބަލާ އެންމެ މުހިންމު ކަމަކީ ކުލަބުގެ މެޗުތަކުގައި ކުޅުންތެރިން ކުރާ ޕާފޯމަންސްގެ މައްޗަށެވެ. ރާއްޖޭގެ ކޯޗް ޖަނަވަރީ މަހު ހަވާލުވެ ރާއްޖޭގެ ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަ ދައްކަމުން ކޫޕްމަން ބުނެފައި ވަނީ، ގައުމީ ޓީމުން ޖާގަ ދޭނީ ކުލަބު މެޗުތަކުގައި މޮޅަށް ކުޅޭ ކުޅުންތެރިންނަށް ކަމަށެވެ. ހޮލެންޑްގެ ކޯޗް ބުނެފައި ވަނީ ކުޅުންތެރިޔާ މޮޅު މީހަކަށް ހަދަނީ ކުލަބު ކޯޗުން ކަމަށެވެ.
އަންނަ މަހު ފަށަން ތާވަލު ކޮށްފައިވާ އާ ސީޒަނަށް ތައްޔާރު ވުމަށް ހަ ކުލަބަކުން މިހާރު ވަނީ ޕްރެކްޓިސް ފަށާފަ އެވެ. ކޫޕްމަން ވަނީ ބައެއް ކުލަބުތަކުގެ ޕްރެކްޓިހަށް ޒިޔާރަތްކޮށް ކުޅުންތެރިންގެ ފެންވަރު ވަޒަން ކުރުމުގެ މަސައްކަތް ފަށާފަ އެވެ.
"މިއީ ހަމައެކަނި ކުޅުންތެރިންނަށް އޮތް ކަމެއް ނޫން ކުލަބުތަކުގެ ކޯޗުންނަށްވެސް ވަރަށް މުހިންމު ކަމެއް ކޯޗެއްގެ ހައިސިއްޔަތުން އެކަކު އަނެކަކާ ގުޅުން ބޭއްވުން،" ކުލަބުތަކުގެ ޕްރެކްޓިސް ބަލަން އޭނާ ޒިޔާރަތް ކުރާ ސަބަބާ ބެހޭގޮތުން "އަވަސް" އާ ވާހަކަ ދައްކަމުން ކޫޕްމަން ބުންޏެވެ. "އަހަރެން ބޭނުން ކުލަބުތަކުގެ ކޯޗުންނަށްވެސް އެނގެން އަހަރެންގެ ޝައުގުވެރިކަން ކުޅުންތެރިންގެ ދައްކާ ޕާފޯމަންސާ މެދު އޮތް ކަން. އަދި (ކުލަބު ތަކުގެ ޕްރެކްޓިސް ބެލީމަ) ކުޅުންތެރިންގެ ފެންވަރުގެ އިތުރުން އެހެންކަންކަވެސް އަހަންނަށް އެނގިގެންދާނެ ކުޅުންތެރިންނާ ބެހޭގޮތުން."
މެޑިޓެރޭނިއަމް ކަނޑުގައި އޮންނަ ކުޑަ ގައުމެއް ކަމަށްވާ އަރުބާގެ ކޯޗްކަން ކުރިން ކުރި، ކޫޕްމަން ބުނީ، ކުލަބުތަކާއި ގައުމީ ޓީމަކީ އެއް އާއިލާއެއް ކަމަށް އޭނާ އަށް އިހްސާސް ކުރެވޭ ކަމަށާއި ކުލަބުތަކުގެ ކޯޗުންވެސް އެގޮތަށް ދެކެން އޭނާ ބޭނުންވާ ކަމަށެވެ. ކޫޕްމަން ބުނީ ގައުމީ ޓީމަކީ ލަފްޒީ ގޮތުން ބުނާ ގައުމީ ޓީމު އެކަނި ނޫން ކަމަށެވެ. މައުނަވީ ގޮތުން ގައުމީ ޓީމަކީ ކުލަބުތަކާއި ފުޓްބޯޅައިގައި ޝާމިލުވާ އެންމެން ކަމަށެވެ.
"ބައެއް ފަހަރު އެމީހުން [ކުލަބުތަކުގެ ކޯޗުން] އަހަރެން ކައިރީ އަހާނެ އަނެއް ފަހަރު އަހަރެން އެމީހުން ކައިރީ އަހާނަން،" ކޫޕްމަން ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "ދިވެހިރާއްޖެ އަކީ ހަމައެކަނި ގައުމީ ޓީމެއް ނޫން. ކުލަބުތަކަކީވެސް ގައުމީ ޓީމުގެ ތެރޭގައި ހިމެނޭ ބައެއް. ގައުމީ ޓީމަށް އަހަރެން އިހްތިޔާރު ކުރާނީ ކުލަބުގައި އެންމެ ރަނގަޅަށް ޕާފޯމް ކުރާ ކުޅުންތެރިން. ކުލަބުތަކުގެ ކޯޗުންގެ މަސައްކަތެއް ކުޅުންތެރިން އެންމެ މަތީ ފެންވަރަށް ތަރައްގީ ކުރުން. އަދި ކޮންފިޑެންސާ އެކު ކުޅުންތެރިން ކުޅުމުގެ ހިތްވަރު ދިނުމަކީ ކުލަބުތަކުގެ ކޯޗުންގެވެސް މަސައްކަތެއް."
ކޫޕްމަން ބުނީ، ކުލަބުތަކުގެ ޕްރެކްޓިހުން ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ފެނިގެންދާ ކަމަށެވެ. އެއީ އޭނާއަށް ލިބިގެންދާ ހިތްހަމަޖެހުމެއް ކަމަށް ބުންޏެވެ.
"އަހަންނަކީ ކުޅުންތެރިންގެ އުމުރަށް ބަލާ މީހެއް ނޫން އަހަރެން ބަލަނީ ކުޅުންތެރިން ދައްކާ ފެންވަރަށް،" ކޫޕްމަން ބުންޏެވެ. "ޓްރޭނިން ފީލުޑުން އަހަންނަށް ފެނުނު ވަރަށް ގިނަ ޒުވާން ކުޅުންތެރިން. އެ ކުޅުންތެރިންނަށް އަހަރެންވެސް ފެންނާނެ. އެ ކުޅުންތެރިންނަށް އަހަރެން އަންގައިދޭން ބޭނުން ވަނީ ގައުމީ ޓީމު ކޯޗް ހުރިހާ އުމުރެއްގެ ކުޅުންތެރިންނަށްވެސް ބަލާނެކަން. އަހަރެން ޝައުގުވެރިވޭ ކުލަބުތަކާއެކު އެ ކުޅުންތެރިން ކުރާ މަސައްކަތްތަކަށް. ކުލަބުތަކުގެ ޕްރެކޓިހުން އަހަންނަށް އާ ކަންކަންވެސް ފެނިދާނެ."
ރާއްޖޭގެ ކޯޗް ކަމަށް ކޫޕްމަން ހަމަޖެއްސިތާ އެއް އަހަރުވާން ކައިރި ވަނީ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން މިހާތަނަށް ރާއްޖެއިން އެއްވެސް މެޗެއް ކުޅެފައެއް ނުވެ އެވެ. މިއަހަރު ކުޅެން ހަމަޖެއްސި ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ބާކީ މެޗުތައް ކޮވިޑް-19 އާ ގުޅިގެން އެކި ތާރީހްތަކަށް ފަސް ކުރަމުން ގޮސް މިއަހަރު ކުޅެން އޮތް ހުރިހާ މެޗެއް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޭޕްރީލް މަހު މާލޭގައި ކުރި ލޮކްޑައުން އާއެކު ކޫޕްމަން ދިރިއުޅޭ ހޮޓަލްގެ ބެލްކަނީގައި ކަސްރަތުކޮށް އޭނާ ވަނީ ބޮޑުތަނުން ބަރުދަން ލުއިކޮށްލާފަ އެގޮތުން އޭނާ ވަނީ 12 ކިލޯ ލޮކްޑައުންގެ ހޫނުގައި އަންދާލާފަ އެވެ. މިދިޔަ މަހު ޗުއްޓީގައި އޭނާ ހޭދަ ކުރީ އަރޫބާގަ އެވެ.