ލައިފްސްޓައިލް

ފިލްމު "ވިވާ" ކަހަލަ ހަގީގީ ލޯބީގެ ހާދިސާއެއް

ޝާހިދު ކަޕޫރާއި އަމްރިތާ ރާއޯ ކުޅެފައިވާ 2006 ރިލީޒްކުރި ފިލްމު "ވިވާ" ހަނދާން އެބަހުރި ހެއްޔެވެ؟ އެ ފިލްމު ބެލި ގިނަ ބަޔަކަށް އެއީ ހަނދާނުން ފޮހެލަން ދަތި ރީތި ފިލްމަކަށް ވިއެވެ. އިންޑިޔާގެ އުއްތަރު ޕްރަދޭޝްގައި މިދިޔަ ހަފުތާގައި "ވިވާ"ގައި ހިނގި ކަހަލަ ހަގީގީ ހާދިސާއެއް ވަނީ ހިނގާފަ އެވެ.

ކައިވެނިކުރަން ތައްޔާރުވެފައި ވަނިކޮށް އަންހެންކުއްޖާ ވަރަށް ބޮޑަށް ޒަޚަމްވި އެވެ. "ވިވާ"ގައި އަމްރިތާ ފިހުނީމަ ޝާހިދު އޭނާގެ ކައިރީގައި ސާބިތުކަމާއެކު ހުރި ގޮތަށް މި ހާދިސާގައި އަނިޔާވި އަންހެންކުއްޖާ ކައިރީގައި އޭނާގެ ވާން އުޅޭ ފިރިމީހާ ވެސް ސާބިތު ކަމާއެކު ހުއްޓެވެ.
މި ހާދިސާ ހިނގީ ޔޫޕީގެ ޕްރަތާޕްގަޅްގެ ކުންޑާ ކިޔާ އަވަށެއްގަ އެވެ. އާރްތީ ނަމަކަށް ކިޔާ ވަރަށް ޒުވާން މި އަންހެންކުއްޖާ ކައިވެނީގެ ހެދުމުގައި ކައިވެންޏަށް ތައްޔާރު ވެގެން ހުއްޓާ ސިޑިއެއްގެ އެންމެ މަތިން ފުރޮޅާލައިގެން ބިންމައްޗަށް ވެއްޓުނީ އެވެ. ހަގީގަތުގައި އާރްތީ ސިޑިން ވެއްޓުނީ ކުޑަ ކުއްޖަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގަ އެވެ.

ސިޑިން ވެއްޓުމާ ގުޅިގެން އާރްތީގެ މައިބަދައަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ. ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް އާރްތީ ބެލި ޑޮކްޓަރުން އާއިލާގެ މީހުން ކައިރީގައި ބުނީ އެތައް މަހެއް ވަންދެން އާރްތީ އަށް އެނދުން ތެދުވެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ. އަދި އެއްގޮތަކަށް ނުހިނގިދާނެ ކަމުގެ ބިރު ވެސް އޮތް ކަމަށް ބުންޏެވެ.

އިންޑިއާގެ މުޖުތަމައުތަކުގައި މިފަދަ ކަންކަން ދިމާވުމުން އާންމު ގޮތެއްގައި ފިރިހެން ކުއްޖާގެ އާއިލާގެ މީހުން ކައިވެންޏަށް އިންކާރު ކުރެ އެވެ. އެހެންވެ އާރްތީގެ އާއިލާވެސް ހީކޮށްގެން ތިބީ އާރްތީ އާ ކައިވެނި ކުރަން ފިރިހެންކުއްޖާ އާއި އާއިލާ ދެކޮޅު ހަދާނެ ކަމަށެވެ.
މިކަން މިގޮތަށް ދިމާވާނެ ކަމަށް ބަލައި އާރްތީގެ ކޮއްކޮ އާއި ފިރިހެން ކުއްޖާގެ ކައިވެނި ކުރުވަން އާރްތީގެ ބައްޕަ ގަސްތުކޮށް ފިރިހެންކުއްޖާގެ އާއިލާއަށް އެކަން އެންގި އެވެ.

ނަމަވެސް އަވަދޭޝް ނަމަކަށް ކިޔާ މި ފިރިހެންކުއްޖާ ވެގެން ދިޔައީ ވަރަށް މަތިވެރި އަޚްލާގެއްގެ ވެރިއަކަށެވެ. އެއްގޮތަކަށް ވެސް މިފަދަ ހާލުގައި އާރްތީ އޮއްވާ އޭނާ ދޫކޮށްލާފައި ގޮސް އެހެން މީހަކާ ކައިވެނި ކުރާކަށް އަވަދޭޝް އެއްބަހެއް ނުވި އެވެ.

އަވަދޭޝްގެ އާއިލާގެ މީހުން އޭނާގެ ނިންމުމާ ދެކޮޅުވީ ނަމަވެސް އޭނާ އެއްގޮތަކަށް ވެސް ގޮތެއް ދުލެއް ނުކުރި އެވެ. އެންމެ ފަހު ވަގުތު އާރްތީ ދޫކޮށްލާކަށް އޭނާ އެއްގޮތަކަށް ވެސް ބޭނުމެއް ނުވި އެވެ. ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަހާއި ވަގުތުގައި އޭނާ އާރްތީ އާއި ކައިވެނި ކުރާނެ ކަމަށާއި އަދި އާރްތީއަށް ބޭސް ފަރުވާ ކޮށްދީ އޭނާ އަލުން ފަސޭހަ ކޮށްދޭން މަސައްކަތް ކޮށްދޭނެ ކަމަށް އަވަދޭޝް ބުންޏެވެ.

އަވަދޭޝްގެ އާއިލާ އާއި އެކުވެރިން އޭނާއަށް ވިސްނައިދޭން ވަރަށް މަސައްކަތް ކުރި ނަމަވެސް އޭނާ އެއްގޮތަކަށް ވެސް އާރްތީ ދޫކޮށްލަން އެއްބަސް ނުވި އެވެ.

އެންމެ ފަހުން ކައިވެނިކުރަން ހަމަޖެހިފައިވާ ދުވަހު ގަޑި ޖެހުމުގެ ދެ ގަޑިއިރު ކުރިން ޑޮކްޓަރުން ކައިރީ ބުނެގެން ހުއްދަ ހޯދައިގެން ސްޓްރެޗަރެއްގައި އާރްތީ ގެއަށް ގެންގޮސް ކައިވެނީގެ ރަސްމިއްޔާތުތައް ވަނީ ފުރިހަމަ ކޮށްފަ އެވެ. އަދި ވަގުތުން އޭނާ އަނބުރާ ހޮސްޕިޓަލަށް ގެންދިޔަ އެވެ.

މިދިޔަ ބުދަ ދުވަހު އާރްތީގެ މައިބަދައިގެ އޮޕަރޭޝަން ކޮށްފައިވާއިރު ހޮސްޕިޓަލުން ސޮއި ކުރަން ޖެހުނު ހުރިހާ ލިޔުމެއްގައި ފިރިމީހާގެ ހައިސިއްޔަތުން ސޮއި ކޮށްފައި ވަނީ ވެސް އަވަދޭޝް އެވެ.

އާރްތީގެ އާއިލާގެ މެމްބަރަކު އިންޑިޔާގެ ނޫހަކަށް ބުނި ގޮތުގައި ކައިވެނި ކުރި ވަގުތުން ފެށިގެން އެންމެ ވަގުތުކޮޅަކަށް ވެސް އަވަދޭޝް އާރްތީ ކައިރިން ދުރަށް ނުދެ އެވެ. ހުރިހާ ވަގުތެއްގައި ވެސް އާރްތީ އަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްދެނީ އޭނާ އެވެ. އަވިދޭޝްގެ ރަނގަޅުކަމުން ދެ ފަރާތުގެ އާއިލާގެ މީހުންނަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އަދި އާރްތީ މުޅިން ރަނގަޅުވޭތޯ އެންމެން ކެނޑިނޭޅި ދުއާ ކުރަމުންދާ ކަމަށް އާއިލާގެ މެމްބަރު ބުންޏެވެ.