ފިނިޕޭޖް

ދިލިޕް ކުމާރު-މަދޫބާލާ: ލޯބި ކާމިޔާބުނުވީ ގޮތްދޫނުކުރީމަ

ދިލިޕް ކުމާރާއި މަދޫބާލާގެ ހަގީގީ ލޯބީގެ ވާހަކައަކީ ވަރަށް މަޝްހޫރު އަދި އެހާމެ އަސަރުގަދަ ވާހަކަ އެކެވެ. މި ދެ ތަރިން ލޯބީގެ ގޮތުން ގުޅުނީ އެމީހުންގެ އެންމެ ޒުވާން ދައުރުގަ އެވެ. އަދި ކެރިއަރުގެ ވެސް އެންމެ ރަން ޒަމާނުގަ އެވެ.

ދާދިފަހުން 96 ވަނަ އުފަން ދުވަސް ފާހަގަ ކޮށްފައިވާ ދިލިޕް ކުމާރު އޭނާގެ މިހާރުގެ އަނބިމީހާ ސާއިރާ ބާނޫ އާ ކައިވެނި ކުރީ 1966 ގައެވެ. ސާއިރާއާއެކު 54 އަހަރު ހޭދަ ކޮށްފައިވީ ނަމަވެސް ދިލިޕް ކުމާރުގެ ހިތުގެ ކޮންމެވެސް ހިސާބެއްގައި އަދިވެސް މަދޫބާލާގެ ހަނދާންތައް ރައްކާ ކުރެވިފައި ވާނެ ކަން ޔަގީނެވެ. އެ ދެ މީހުންގެ މެދުގައި އޮތީ އެހާ ވަރުގަދަ ލޯތްބެކެވެ.

ދިލިޕް ކުމާރާއި މަދޫބާލާ އެކުގައި ވަރަށް ގިނަ ފިލްމު ކުޅުނެވެ. "ސަންގްދިލް"، "އަމަރް" އަދި "މުގްލޭ އާޒަމް" އަކީ މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފިލްމުތަކެވެ.

ނުވަ އަހަރު ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދެ މީހުން ކައިވެންޏަށް ތައްޔާރުވެ އެންގޭޖްވެސް ވިއެވެ. ނަމަވެސް ކުއްލިއަކަށް ވަކިވެފައި ވަނީ ވަރަށް ހިތި ގޮތަކަށެވެ. އެހާ ލޯބިން އުޅުނު ދެ ޒުވާނުންގެ ލޯބީގައި ނިމުމުގެ ސިއްކަ ޖެހުނީ ކީއްވެ ހެއްޔެވެ؟ އެމީހުންގެ މެދުގައި ޖެހުނީ ކޮން މައްސަލައެއް ހެއްޔެވެ؟

މަދޫބާލާގެ ކޮއްކޮ މަދުރް ބޫޝަން ފިލްމްފެއާ މަޖައްލާއަށް ވަރަށް ކުރިން ދީފައިވާ އިންޓަވިއުއެއްގައި މި ލޯތްބަށް ނިމުން އައި ސަބަބު ކިޔައިދިނެވެ. މަދުރްއަކީ މި ލޯބީގެ ކަންކަން ހިނގައިދިޔަ ގޮތް އެންމެ ކައިރިން ދެކެފައިވާ އެކަކެވެ.

"ކަމެއް ދިމާވެގެން މަދޫބާލާ ފިލްމެއް ކުޅެން ހަމަޖެހިފައި އޮތް ލޮކޭޝަން ބަދަލު ކުރަން ބައްޕަ ބޭނުންވީ. އެކަމާ ދިލިޕް ހިތްހަމަ ނުޖެހި ދެއްކި ވާހަކައަކުން ދެ މީހުންގެ މައްސަލަ ޖެހުނީ،" މަދުރް ބުނެފައި ވެއެވެ.

ދިލިޕް އާ މައްސަލަ ޖެހުމުން މަދޫބާލާ އަބަދު ކަހަލަ ގޮތަކަށް ރުއި ކަމަށާއި އެ ދެ މީހުންގެ މެދުގައިވާ މައްސަލަތައް ހައްލުކޮށް ސުލްހަ ކުރަން ވަރަށް މަސައްކަތް ކުރި ކަމަށް ވެސް މަދުރް ބުންޏެވެ.

"ނަމަވެސް ބައިޖާން (ދިލިޕް ކުމާރު) އަބަދުވެސް މަދޫބާލާ ކައިރީ ބުނަނީ ބައްޕަ ދޫކޮށްލާފަ އަންނާށޭ. އޭރުން ކައިވެނި ކުރަން ތައްޔާރޭ. ނަމަވެސް މަދޫބާލާ ބުނާނެ އަންނާށޭ އަހަރެމެންގެ ގެއަށް. އައިސް ބައްޕަ ކައިރީ ސޮރީ ބުނެ ބައްދާލާށޭ. އޭރުން އަހަރެން ވެސް ކައިވެނި ކުރަން ތައްޔާރޭ. މި އަރާރުމެއްގައި އެކަކު އަނެކަކަށް ގޮތް ދޫނުކޮށް ހިފަހައްޓަން ހަދައިގެން މި ގުޅުން މާ ބޮޑަށް ގޯސް ވެގެން ގޮސް ކެނޑޭ ގޮތްވީ،" މަދުރްގެ އިންޓަވިއުގައި ބުނެފައި ވެއެވެ.

މަދޫބާލާ މަރުވީ އުމުރުން 36 އަހަރުގަ އެވެ. އޭނާ ހިތުގައި ލޯވަޅެއް އިނދެ އޮޕަރޭޝަން ކުރެވޭނެ ގޮތެއް ނެތި ވަރަށް ބަލިކޮށް ނުވަ އަހަރު ދުވަހު އުޅެފައި ވެއެވެ. މި ޒަމާނުގައި ހިތުގެ ލޯވަޅެއް ބައްދަން ކުރާ އޮޕަރޭޝަން ވަރަށް ފަސޭހައިން ކުރެވުނަސް އެ ޒަމާނުގައި އެއްގޮތަކަށް ވެސް އެފަދަ އޮޕަރޭޝަން ތަކެއް ކުރެވޭކަށް ނުހުރެ އެވެ. މަދޫބާލާ މަރުވިއިރު އޭނާ ކައިވެނި ކޮށްގެން އުޅެނީ ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރު އާއެވެ.