ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މޮޑާނާ ކޮވިޑް ވެކްސިން އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރަން ހުއްދަދީފި

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން މޮޑާނާ ކޮވިޑް ވެކްސިނަށް ހުއްދަދީފި އެވެ. އެހެންކަމުން، ކޮވިޑަށް ފަރުވާކުރުމަށްޓަކައި އެމެރިކާގައި ދެ ވެކްސިނެއް ބޭނުންކުރަން ފެށުނީ އެވެ. ފައިޒާ ބަޔޮންޓެކް ވެކްސިނަށް ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ހުއްދަދީފަ އެވެ.

މޮޑާނާ ވެކްސިނަށް ހުއްދަދިނުމާއެކު، ވެކްސިން ދިނުމަށް ދަރަޖަކޮށްަފައި އޮތް ލިސްޓް ފުޅާވެގެން ދާނެ އެވެ. ބަލިމީހުން ގާތު މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ އޮފިޝަލުން ފެށިގެން ދޮށީއުމުރުފުރާ ފަހަނައަޅައި ޓީޗަރުންނާއި ޓެކްސީ ޑްރައިވަރުން ފަދަ އިޖްތިމާޢީ މަސައްކަތްތަކުގައި އުޅޭ މީހުންނަށް ފުރުސަތު ފަހިވެގެންދާނެ އެވެ. މިއީ އިމަޖެންސީކޮށް ވެކްސިން ދޭންޖެހޭ ބައެއް ނޫން ނަމަވެސް، ހާލަތަށް ބަލައި ސަރުކާރުން ވިސްނާނެ ކަމަށް ބުނެވެ އެވެ.

މޮޑާނާ ވެކްސިނަށް ހުއްދަދިނުމުގައި އެފްޑީއޭއިން ބަލާފައި ވަނީ، ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ހޯދާފައިވާ ކަމިޔާބަށެވެ. އަޖުމަބެލުމަށް ކުރި ޓެސްޓްތަކުން ދައްކާފައި ވަނީ މިއީ 95 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށެެ. މޮޑާނާ ވެކްސިން ޓެސްޓްކުރުމަށް 30،000 މީހުން ވޮލަންޓިއާކޮށްފައި ވެ އެވެ.

އެމެރިކާ ސަރުކާރާއެކު މޮޑާނާއިން ވެފައިވާ އެއްބަސްވުމުގައި މިއަހަރު 20 މިލިއަން ޑޯޒް ސަޕްލައިކޮށްދޭނެ އެވެ. އަންނަ އަހަރުގެ ނިޔަލަށް 200 މިލިއަން ޑޯޒް އުފައްދައި ފޯރުކޮށްދޭނެ އެވެ.

މޮޑާނާ ވެކްސިން އެމެރިކާގައި ބޭނުންކުރަން ހަމަޖައްސާފައި ވަނީ ދުރުހިސާބުތަކުގައި، ދަތުރު ފަތުރުކުރުން ފަސޭހަ ނޫން ހިސާބުތަކުގަ އެވެ. ސަބަބަކީ ފައިޒާ ބަޔޮންޓެކް ވެކްސިނަށް ވުރެ އުފުލާ ގެންގުޅެން ފަސޭހަވުމެވެ. މޮޑާނާ ވެކްސިނަކީ ވެސް ފިނީގައި ބަހައްޓާން ޖެހޭ ވެކްސިނެއް ނަމަވެސް، ފައިޒާ ބަޔޮންޓެކް ވެކްސިނަށް ބޭނުންވާ ގަދަ ފިންޏެއް ބޭނުންމެއް ނުވެ އެވެ.