އެމެރިކާގެ އަސްކަރިއްޔާގެ އެއްވެސް ގޮތްޕެއްގައި ކޮވިޑް ވެކްސިން ނުޖަހައި މަސައްކަތް ނުކުރެވޭނެ ކަމަށް މި އަހަރު އޮގަސްޓްގައި ޕެންޓަގަނުން އޮތީ އަންގާފަ އެވެ. މި އެންގުމަށް ތަބާވާން ބޭނުން ނޫން ނަމަ ހިދުމަތުން ބޭރުވާން ޖެހިދާނެ ކަމަށް ވެސް އޮތީ އަންގާފަ އެވެ.
އަސްކަރީ ހިދުމަތްތެރިން ގޮތުގައި ހިމެނޭ 1.3 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ޖެހުން ލާޒިމު ކަމަށް ބުނެ ޕެންޓަގަނުން ދޭތެރެ ދޭތެރެއިން ހަނދާން ކޮށްދެ އެވެ. އެކަމުގައި އެއްވެސް އުޒުރެއް އޮވެގެން ނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ހަބަރުތައް ބުނާ ގޮތުން އެމެރިކާގެ ވައިގެ ސިފައިންގެ ހިދުމަތުގައި މަސައްކަތްކުރާ 12،000 މީހުން ކޮވިޑް ވެކްސިން ޖަހަން ވަނީ ދެކޮޅުހަދާފަ އެވެ. އެހެންކަމުން މިއީ ހިދުމަތުން ބޭރު ވެދާނެ އަދަދެއް ކަމަށް ވޮޝިންގްޓަން ޕޯސްޓުން ބުނެ އެވެ.
އެމެރިކާގެ އަސްކަރީ ހިދުމަތްތެރިން ވެކްސިން ޖެހުން ލާޒިމްކުރި ފަހުން މިހާ ގިނަ އަދަދަކަށް ވެކްސިން ޖަހަން އިންކާރުކުރި އަސްކަރީ ގޮތްޕަކީ ވައިގެ ސިފައިންނެވެ. ވޮޝިންގްޓަން ޕޯސްޓުން ބުނާ ގޮތުން ވަޒީފާ ދޫކޮށްލަން މަޖުބޫރު ކުރި ނަމަވެސް ކޮވިޑް ވެކްސިނާ ދެކޮޅު މެމްބަރުން ވައިގެ ސިފައިންގެ ތެރޭގައި ގިނަ އެވެ.
ޕެންޓަގަންގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވި ގޮތުގައި ވެކްސިން ޖަން ބޭނުން ނޫން މެމްބަރުން އަސްކަރިއްޔާގައި ގިނަ ނަމަވެސް 97 ޕަސެންޓް މީހުން ފުރަތަމަ ޑޯޒް ވަނީ ޖަހާފަ އެވެ. އަދި 87 ޕަސެންޓް މެމްބަރުން ތިބީ ވެކްސިން ފުރިހަމަ ކޮށްގެންނެވެ.
ވެކްސިން ޖެހުމަކީ ދީނީ ގޮތުން ރަނގަޅު ކަމަކަށް ނުވާތީ ވެކްސިނާ ދެކޮޅު މީހުން އަސްކަރިއްޔާގައި މަދު ކަމަށް ކާބީ ވިދާޅުވި އެވެ. ދީނީ މާފަކުން މާފު ދިނުމަށް އެދޭ މީހުން ވެސް އަސްކަރިއްޔާގައި ހިދުމަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕެންޓަގަންގެ ވެރިޔާ ލޮއިޑް އޮސްޓިން ވިދާޅުވި ގޮތުގައި ނޮވެމްބަރު ދޭއްގެ ކުރިން އަސްކަރީ ޚިދުމަތްތެރިން ފުރަތަމަ ޑޯޒް ފުރިހަމަ ކުރަން ޖެހެ އެވެ. ނޭޝަނަލް ގާޑާއި ރިޒާވް ސިފައިން ޑިސެމްބަރު ދޭއްގެ ކުރިން ވެކްސިން ސެޓިފިކެޓް ދައްކަން ޖެހެ އެވެ.
އެމެރިކާގެ ބައެއް ކުންފުނިތަކާއި ސްޓޭޓްތަކުގައި ވެކްސިން ޖެހުން މަޖުބޫރު ކޮށްފައި އޮތް އޮތުމާ ގިނަ ބަޔަކު ދެކޮޅެވެ. ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުންނަށް ދަތިކޮށް އުނދަގޫ ކުރުމަކީ ވެސް ބައެއް ކުންފުނިތަކުން ކުރާ ކަމެކެވެ.