ރަސްމިއްޔާތުތަކާއި ހަފްލާތައް ބޭއްވުމުގެ ހުއްދަ ދިން ނަމަވެސް އެ ހަރަކާތްތަކުގައި ކެއުމުގެ އިންތިޒާމް ހަމަނުޖައްސަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.
އެޗްޕީއޭއިން މިއަދު ވަނީ ކޮވިޑް-19ގެ ހާލަތުގައި ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކާއި ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު އާންމުކޮށްފައެވެ. އެ އުސޫލުގައި ބުނެފައިވަނީ ބައްދަލްވުންތަކާއި ހަފްލާތަކުގައި ކެއުމުގެ އިންތިޒާމް ހަމަނުޖެއްސުމަށް އެދޭ ކަމަށެވެ. އަދި ކައިވެނި ޕާޓީތަކާއި އުފަން ދުވަހުގެ ހަފްލާތަކުގައި ކެއުމުގެ އިންތިޒާމް ހަމަޖައްސާއިރު ބުފޭގެ ބަދަލުގައި ވަކިން ސާވް ކުރެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސަން އެދޭ ކަމަށެވެ.
އަދި ހަފްލާތަކާއި ބައްދަލްވުންތަކުގައި އަތާއި އަތް ޖޯޑްކޮށް ސަލާމް ނުކުރުމާއި އިނާމާއި ސެޓިފިކެޓް ހަވާލުކުރާއިރު ހޭންޑް ސެނެޓައިޒާ ބޭނުންކޮށް އަތް ސާފު ކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން މާސްކު އެޅުމާއި ތިން ފޫޓްގެ ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގާފައެވެ.