ބޮލީވުޑް

މަންމަ ސުމީތާގެ ހަނދާންތައް އަބަދުވެސް ޕްރަތީކް އާއެކު

މަންމައެއްގެ ލޯތްބާ ނުލާ ކުޑަ ކުއްޖެއްގެ ހަޔާތަކީ ވަރަށް އެކަނިވެރި އެހާމެ ހިތްދަތި ހަޔާތެކެވެ. ފިލްމީ ތަރި ޕްރަތީކް ބައްބަރް އަށް ވެސް މިއަދާ ހަމައަށް ވެސް މަންމަގެ ލޯބި މަތިން ހަނދާން ވަނީ އަދި އެ ހަނދާންތަކާ ވަކި ނުވެވިފައިވަނީ އެހެންވެ އެވެ.

ޕްރަތީކްގެ އަކީ ކުރީގެ މަޝްހޫރު ބަތަލާ ސްމީތާ ޕާޓިލް އާއި ކުރީގެ އެހާމެ މަޝްހޫރު ބަތަލެއް ކަމަށްވާ ރާޖް ބައްބަރްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ސްމީތާ މަރުވީ ޕްރަތީކް ވިހެއުމުގެ ތެރޭގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ޑިސެމްބަރު 13، 1986 ގައެވެ. އޭރު އޭނާގެ އުމުރުން 31 އަހަރެވެ.

ސްމީތާ މަރުވިތާ 34 އަހަރު ފުރިފައި ވިޔަސް ޕްރަތީކް އަށް އޭނާގެ މަންމަ އަދިވެސް އޭނާއާ އެކުގައިވާ ކަމުގެ އިހްސާސް ކުރެވެ އެވެ. އޭނާގެ ހަށިގަނޑުގެ ތެރޭގައި މަންމަ ވާކަމަށް އޭނާ ގަބޫލު ކުރެ އެވެ.

"މަގޭ މަންމަ އަހަރެމެން ދޫކޮށް ދިޔައީ މީގެ 34 އަހަރު ކުރިން. ފާއިތުވީ އަހަރު ތަކުގައި އަހަރެން މަންމަގެ ސޫރަ އަމިއްލަ ހިތުގައި ބިންވަޅު ނެގިން. އަދި އަހަރެންގެ ހިތުގައި ރައްކާކުރިން. އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެންގެ މަންމައަކީ ވަރަށް ފުރިހަމަ މަންމައެއް. އަދި އެހާމެ ފުރިހަމަ އަންހެނެއް. ވަރަށް ފުރިހަމަ ރޯލް މޮޑެލް އެއް. ކުޑަކުޑަ ކުދިން އެންމެ ލޯބިވާ މީހާ. އަހަރެން އެންމެ ލޯބިވާ މީހާ. އަހަރެން ބޮޑުވަމުން އައިއިރުވެސް އަދި މިހާރު ވެސް މަންމަ އަހަންނާއެކު އަބަދުވެސް ވާކަމުގެ އިހްސާސް ކުރެވޭ. އަދި އަހަރެންގެ ނިމުމާހަމަޔަށް އެ އިހްސާސްތައް އަހަންނާއެކު ވާނެ،" ސުމީތާގެ 65 ވަނަ އުފަން ދުވަހާ ދިމާކޮށް ޕްރަތީކް ސޯޝަލް މީޑިއާގައި ޝެއާ ކުރި އަސަރުގަދަ މެސެޖެއްގައި ބުނެފައި ވެއެވެ.

ޕްރަތީކް ބުނި ގޮތުގައި ފާއިތުވެގެންދާ ކޮންމެ އަހަރަކާއެކު އޭނާއާއެކު މަންމަ ވެސް ދަނީ ޒުވާން ވަމުންނެވެ. މިހާރު މަންމައަކީ 65 އަހަރުގެ ޒުވާނެކެވެ. އަދިވެސް މަންމަ އޭނާއާއެކު ދިރިއެބަހުއްޓެވެ. އަދި އަބަދުގެ އަބަދަށް ދިރި ހުންނާނެ އެވެ.

ސުމީތާގެ އުފަންވިތާ އަހަރެއް ފުރުނު ދުވަހާ ދިމާކޮށް ފިރިމީހާ ރާޖް ބައްބަރް ވެސް ވަރަށް އަސަރުގަދަ މެސެޖެއް ސޯޝަލް މީޑިއާގައި ޝެއާކުރި އެވެ.

"އުމުރުން އެންމެ 31 އަހަރުގައި ކަލާ ވަކިވެގެން ކުޑަދުވަސްކޮޅަކު އެކުގައި ހިނގުމަށްފަހު ގިނަ ހަނދާންތަކެއް ދީފައި. ކަލާގެ ވަކިވެ ދިއުމުގެ ހިތާމަ ތަހައްމަލުކުރުމަކީ އުނދަގޫކަމެއް،" ރާޖް ބައްބަރްގެ މެސެޖުގައި ވެއެވެ.

ސުމީތާ އަކީ ފިލްމު ކުޅުނު ދުވަސްވަރު އެފަދަ ހުނަރުވެރި ދެ ވަނަ ބަތަލާއެއް ނެތޭ ބުންޏަސް ރަނގަޅުވާ ވަރުގެ ހުނަރުވެރި ބަތަލާ އެކެވެ. އަމީތާބު ބައްޗަން އާއި އެނޫންވެސް އޭރުގެ އެންމެ ވިދާ ހުރިހާ ތަރިންނަކާއެކު ސުމީތާ ފިލްމު ކުޅެފައި ވެއެވެ.

ސުމީތާ މަރުވުމުން ޕްރަތީކް ގެންގުޅެފައިވަނީ ސުމީތާގެ މަންމަ އާއި އެއްބަނޑު އެއްބަފާ ކުދިންނެވެ.

ރާޖް ބައްބަރް ސްމީތާ އާ ކައިވެނި ކުރީ ފުރަތަމަ އަނބިމީހާ ނާދިރާ ވަރިނުކޮށް ކަމުން ސްމީތާ މަރުވުމުން އަނެއްކާވެސް ރާޖް ބައްބަރް ނާދިރާ އާ އެކު ދިރިއުޅެން ފެށީ އެވެ. އެ ދެ މީހުންނަށް ވެސް ދެ ދަރިން ލިބިފައި ވެއެވެ. އާރްޔާ އާއި ޖޫހީ ބައްބަރް އެވެ. ބައެއް ފިލްމުތަކުން އެކްޓަރުންގެ ގޮތުގައި ޖޫހީ އާއި އާރްޔާ ވެސް ފެނިފައި ވެއެވެ.

ޕްރަތީކް އަކީ މަންމަ ސްމީތާ ކަހަލަ ހުނަރުވެރި އެކްޓަރެއް ނަމަވެސް ބޮލީވުޑުން މާ ރަނގަޅު ކާމިޔާބެއް ޕްރަތީކް އަށް މިހާތަނަށް ވެސް ލިބިފައެއް ނެތެވެ.