މިދިޔަ ސީޒަންގައި ކުޅުންތެރިންނަށް މުސާރަ ނުދެވި ކުލަބަށް ކުރިމަތިވި މާލީ ހަލަތު މިސީޒަންގައި ދިމާ ވިޔަ ނުދޭން، އެ ކުލަބުގެ މެނޭޖުމެންޓުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ދަ ގްރާންޑޭގެ ކޯޗް އިސްމާއީލް މަހްފޫޒް (އިންމަ) ބުނެފި އެވެ.
ޓީސީ ބަލިކޮށް، މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގް ގްރާންޑޭއިން ފެށީ މޮޅަކުންނެވެ. މިދިޔަ ސީޒަންގައިވެސް ފުރަތަމަ ހަތަރު މެޗު ކާމިޔާބުކޮށް، ފުރަތަމަ ކޮޅު ތާވަލުގެ އެންމެ ކުރީގައިވެސް ހިފެހެއްޓި އެވެ. ފަހުން ނަތީޖާތައް ގޯސްވެ ޓީމުގެ މަގާމު ތާވަލުގައި ނުހިފެހެއްޓުނެވެ.
އިންމަ ބުނީ، މިދިޔަ ސީޒަންގެ ކުރީ ކޮޅު ނަތީޖާތައް ރަނގަޅު ކުރެވިފައި ފަހުން ނަތީޖާތައް ގޯސް ވެގެން ދިޔައީި ދަނޑުގެ އެތެރޭގައި ވީ ކަންކަމަށް ވުރެ ބޮޑަށް ދަނޑުން ބޭރުން ދިމާވި ކަންކަމުގެ ސަބަބުން ކަމަށެވެ.
އިންމަ އިޝާރާތް ކުރީ މާލީ ގޮތުން މިދިޔަ ސީޒަންގައި އުނދަގޫ ހާލަތަކަށް ވެއްޓި ކުލަބުތަކުގެ ޕްރެކްޓިސް ހުއްޓާލަން ޖެހުނު ހާލަތަށެވެ.
މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ފިޔަވައި ލީގްގައި ވާދަ ކުރި އަނެއް ހަތް ކުލަބަށްވެސް އެ ހާލަތު ކުރިމަތި ވި އެވެ. އިންމަ ބުނީ، މިދިޔަ ސީޒަންގައި އެހާލަތު ކުރިމަތި ވުމުން ބިދޭސީ ކުޅުންތެރިން ހިމެނޭ ގޮތަށް ބައެއް ކުޅުންތެރިން ދޫކޮށްލަން ޖެހުނު ކަމަށެވެ.
"އެގޮތަށް ކުޅުންތެރިން ދޫކޮލައިށްގެން އަޅުގަނޑުމެން ކިރިޔާވެސް ވެސް މިދިޔަ ސީޒަންގައި ސަލާމަތްވެސް ވީ," އިންމަ ބުންޏެވެ.
"މިދިޔަ ސީޒަންގައި އަޅުގަނޑުމެން ޓީމަށް ކުޅުނު އެއްވެސް ކުޅުންތެރިޔަކަށް ދޭން ޖެހޭ އެއްޗެއް މިހާރު ނުދީއެއް ނޯންނާނެ."
މިދިޔަ ސީޒަންގައި ކުރިމަތިވި ހާލަތު މި ސީޒަންގައި ތަކުރާރު ވިޔަ ނުދޭން ކުލަބުގެ މެނޭޖުމެންޓުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިންމަ ބުންޏެވެ.
"މިދިޔަ ސީޒަނަގައި ދިމާވި ކަންތައްތަކާއި އަޅުގަނޑުމެންގެ ބަޖެޓަށް ދިމަވި ކަންކަން ހައްލު ކުރުމަށްޓަކައި ކުލަބުގެ މެނޭޖުމެންޓުން ވިސްނައިގެން ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި،" އިންމަ ފާހަގަ ކުރި އެވެ.
"ޕްލެޔަރުން ގެންނައިރުވެސް، ޕްލެޔަރުންނަށް އެޑްވާންސް ދޭއިރުވެސް ވަރަށް ބޮޑަށް ބަލައިގެން މެނޭޖުމެންޓުން ކުޅުންތެރިން ގެނައީ. އަޅުގަނޑުމެން އުންމީދު ކުރަނީ މިފަހަރު އެކަހަލަ ކަމެއް ދިމާ ނުވާނެ ކަމަށް."
ސީޒަންގެ އެކި މަރުހަލާތަކަށް ބަހާލައިގެން އެފްއޭއެމުން ދޭ ތިން މިލިއަން ރުފިޔާގެ މާލީ އެހީއަށް ފެތޭގޮތަށް ޓީމުގެ މާލީ ކަންކަން ހަމަޖެއްސުމަށް މިހާރުވެސް ކަންތައްތަކެއް ރޭވިފައިވާ ކަމަށް އިންމަ ބުންޏެވެ.
މިއަދު ހަވީރު ދަ ގްރާންޑޭ ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓް (ސަސްޕަޓީސް) އާ ދެކޮޅަށެވެ. އިންމަ ބުނީ، ފުރަތަމަ ޑިވިޝަންގައި ސަސް ކުޅުނު ފުރަތަމަ މެޗުގައި އީގަލްސް އަތުން ތިން ޕޮއިންޓް ހޯދާފައި ވުމުން ސަސްއަކީ އާދައިގެ ޓީމެއް ނޫން ކަމަށެވެ.
"ސަސްއެއް އަންޑައެސްޓިމޭޓެއް ނުކުރާނަން. އަޅުގަނޑުމެން ހަމަ ވަރުގަދަ ޓީމެއްގެ ގޮތުގައި ދެކިގެން އެ ޓީމާ ދެކޮޅަށް ނުކުންނާނީ. ތިން ޕޮއިންޓް އެ ޓީމު އަތުންވެސް ހޯދަން."