ދަ ގުރާންޑޭ ސްޕޯޓްސް ކުލަބުގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެ، ތާވަލުގެ އެއް ވަނައިގައި މާޒިޔާއިން ހަ ޕޮއިންޓަށް ލީޑު ފުޅާ ކޮށްފި އެވެ.
މާޒިޔާ އާއި މިއަދު ޓީސީ އަތުން މޮޅުވެ އަލުން ދެ ވަނަ މަގާމަށް ދިޔަ ކުލަބު ވެލެންސިއާ އާ ދެމެދު ހަ ޕޮއިންޓްގެ ތަފާތު ހުރީ މާޒިޔާއިން 21 ޕޮއިންޓް ހޯދުމުންނެވެ. މިއަދު ޓީސީ އަތުން 2-0 ން ހޯދި މޮޅާއެކު ވެލެންސިއާ ދެ ވަނައިގައި އޮތީ 15 ޕޮއިންޓް ހަމަ ކޮށްގެންނެވެ. ވެލެންސިއާ އާއި ދަ ގުރާންޑޭއަށް ވެސް ޕޮއިންޓް ލިބިފައި ވަނީ އެއްވަރަކަށެވެ. ވެލެންސިއާ އަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
މާޒިޔާގެ ފުރަތަމަ ގޯލް މެޗުގެ ނުވަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހަމްޒާ މުހައްމަދު (ހަމްޕް) އެވެ. އައިސަމް އިބްރާހިމް (ޓޯނީ) ދިން ބޯޅައަށް އޭރިއާގެ ކަނާދިމާލުން އަރައި ހަމްޕް ފޮނުވާލުމުން އެބޯޅަ ގޯލަށް ވާނީ ގުރާންޑޭގެ ކީޕަރު އިޔާން އަތުގައި ޖެހިފައި މިސްރާބު އޮޅިގެން ގޮހެވެ. ޓޯނީ ދިން ބޯޅައަށް ހަމްޕް މަސައްކަތް ކުރިއިރު އޭނާ އޮފްސައިޑް ވެފައިވާ ކަމަށް ގުރާންޑޭގެ ކުޅުންތެރިން އެޕީލްވެސް ކުރި އެވެ. އެހެންނަމަވެސް ރެފްރީ ވަނީ ގޯލެއް ކަމަށް ނިންމާފަ އެވެ.
މާޒިޔާގެ ދެ ވަނަ ލަނޑު ކޯނޭލިިއަސް ސްޓްވާޓް (ކޯނޭ) ކާމިޔާބު ކުރީ ހަމްޕް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މާޒިޔާގެ ހާފުގެ ތެރޭގައި ހުރެފައި ހަމްޕް ތިރިތިރިން ދިން ބޯޅަ ލިބުނީ ގުރާންޑޭގެ ހާފުގެ މެދެއްހާ ހިސާބުގައި ހުރި ކޯނޭ އަށެވެ. އޭނާ ފަހަތުގައި ވިއްދާފައި ހުރި ގުރާންޑޭގެ ޑިފެންޑަރު ރުސްލާން ކައިރިން ވެސް ނައްޓާލާފައި ސްޕީޑް ބޭނުން ކޮށްގެން ބޯޅަ ހިފައިގެން ވަދެ ކޯނޭ ވަނީ ގޯލްގެ ތިރީ ކަނަށް ބޯޅަ ވައްދާލާފަ އެވެ.
މާޒިޔާގެ ތިން ވަނަ ލަނޑު ހަމްޕް އަށް ކާމިޔާބު ވީ ގުރާންޑޭގެ ކީޕަރު އިޔާންއަށް ހެދުނު ބޮޑު މިސްޓޭކަކުންނެވެ. މުހައްމަދު އިރުފާން (އިރޭ) ގުރާންޑޭގެ ހާފުގެ ތެރެއިން އަރިމަތީގައި ހުރި ހަމްޕް އަށް ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އޭރިއާ ފަސް ފޫޓެއް ހައި ދުރުން ހަމްޕް ފޮނުވާލި ބާރު ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި އިޔާން އަތުގައި ޖެހިފައި އެ ބޯޅަ ވެއްޓުނީ ގޯލްގެ އެތެރެއަށެވެ. އިޔާންގެ ގޯހަކުން އެ ގޯލް ވަން ނަމަވެސް އޭނާ ވަނީ ދެ ވަނަ ހާފުގައި ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ.
މާޒިޔާގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ހުސައިން ނިހާން (ނިހާޓް) އެވެ. މާޒިޔާއިން ނެގި ކޯނަރު ލިބުނީ ގޯލްގެ އަރިމަައްޗަށް ވާ ގޮތަށް ހުރި ކޯނޭ އަށެވެ. ގޯލްގެ ކުރިމައްޗަށް އޭނާ ނަގައިދިން ބޯޅައިގައި ޕޓާ ޕްލަނިޗް ފައިން ފަހަތަށް ކޮށްޕާލި އެވެ. އެ ބޯޅަ އެއްފަހަރުން ޖަހައި ނިހާޓް ވަނީ ގޯލްގެ ކަނަށް ވައްދާލާފަ އެވެ.
މާޒިޔާގެ ފަސް ވަނަ ލަނޑު، ކޯނޭ ކާމިޔާބު ކުރީ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ތަނަވަސް ކޮށްދިން ފުރުސަތެއްގަ އެވެ. އަމިއްލަ ހާފުގެ ތެރެއިން އިއްބެ ބޯލަ ދިނީ ކޯނޭ ބޯޅައަށް ހުސްވާނެ ކަން އެނގިގެންނެވެ. ކޯނޭއަށް ބޯޅަ ލިބުނަ ނުދޭން ކީޕަރު އިޔާންވެސް އޭރިއާގެ ބޭރަށް ނުކުތެވެ. އެހެން ނަމަވެސް ކޯނޭ ވަނީ އޭނާގެ ބޮލުން ބޯޅަ ކޮންޓްރޯލް ކޮށްލައި ބޯޅަ ހިފައިގެން އޭރިއާގެ ތެރެއަށް ވަދެ ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.
ދެ ވަނަ ހާފގެ ކުރީ ކޮޅުގައި ކޯނޭއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މާޒިޔާގެ ޓޯނީ ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް އަރައި، ކީޕަރު އިޔާން ކަޓުވާލުމަށް ފަހު އޭނާ ފޮނުވާލި ބޯޅަ ޑިފެންޑަރު ގާސިމް ޝަމާމް ދިފާއު ކުރީ ގޯލް ލައިން މަތިންނެވެ.