މާޒިޔާއިން ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ދެ ވަނަ ހާފުގެ ފަހު ވަގުތުގައި ދަ ގްރާންޑޭއިން މެޗު 2-2 ން އެއްވަރު ކޮށް މާޒިޔާ މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.
އާ އަހަރަށް ލީގް މެދުކަނޑާލުމުގެ ކުރިން، ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، ޖެހިގެން އައި ރޭ މާޒިޔާގެ ކޯޗް ކަމުން އޭރުގެ ކޯޗް މުހައްމަދު ނިޒާމް އިސްތިއުފާ ދިނުމުން އެ ޓީމުގެ ހެޑް ކޯޗްގެ މަގާމު އޮތީ ހުސް ކޮށެވެ. މެޗުގައި މާޒިޔާ އަށް އިރުޝާދު ދިނީ، އެސިސްޓެންޓް ކޯޗް އަހްމަދު ސުޒައިރު (ކޮއްކޮ) އެވެ. ކޯޗަކަށް ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް މިއަދު ހަމަޖެއްސި ނަމަވެސް އޭނާ ޓީމުގެ މަސައްކަތަކާ ރަސްމީ ކޮށް ހަވާލު ވާނީ އޭނާގެ ނަން ހެޑް ކޯޗްގެ ގޮތުގައި އެފްއޭއެމަށް ހުށަހަޅައި ރަޖިސްޓްރީ ކުރުމަށް ފަހު އެވެ.
މެޗުގައި މާޒިޔާއަށް ފުރުތަމަ ލީޑް ނަގައިދިނީ، މޫސާ ޔާމީނެވެ. މާޒިޔާއިން ދަ ގުރާންޑޭގެ އޭރިއާގެ ތެރެއަށް ނެގި ހުރަސް، އެ ޓީމުން ދިފާއު ކުރުމުން އެ ބޯޅަ ލިބުނީ އޭރިއާ ބޭރުގައި ހުރި އެ ޓީމުގެ މިޑްފީލްޑާ އުމަރުޖަނާވް އަށެވެ. އޭނާއަށް ބޯޅަ ކްލިއާކޮށް ނުލެވި އުޅެނިކޮށް ޔާމީން އައިސް ބޯޅަ ހޯދައި އޭރިއާގެ ބޭރުން ގޯލް ކަނަށް ބޯޅަ ވައްދާލި އެވެ.
މެޗުގައި މާޒިޔާއިން ވަނީ، ދަ ގްރާންޑޭގެ އޭރިއާގެ ތެރެއަށް ރަނގަޅު ބޯޅަތެއް ނަގައިދީފަ އެވެ. ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) ގޯލް ކުރިމައްޗަށް ނަގައިދިން ބޯޅަ ހަމްޒާ މުހައްމަދު (ހަމްޕް) ފޮނުވާލަން އުޅުނު ނަމަވެސް އެ ބޯޅަ އޭނާގެ ފައިގައި ލައްވައި ނުލައި ގޯލް ހުރަސްކޮށް ދިޔައީ ބޭރަށެވެ.
މާޒިޔާގެ ދެ ވަނަ ލަނޑު ކޯނޭ ކާމިޔާބު ކުރީ، ލިބުނު ޕެނަލްޓީއެއްގަ އެވެ. ދަ ގުރާންޑޭގެ އޭރިއާގެ ތެރެއިން ހަމްޕްއަށް ދަ ގުރާންޑޭގެ ހަމްޒާ އަތުން ބޯޅަ ހޯދަން އުޅުމުގައި ހަމްޕް އޭރިއާ ތެރެއަށް ވެއްޓުނެވެ. ރެފްރީ ދެއްކީ ޕެނަލްޓީ އެއް ކަމަށެވެ. ޕެނަލްޓީ ގައި ސްޓްވާޓް ވަނީ ގުރާންޑޭގެ ކީޕަރު އިޔާނަށް ބޯޅައިގެ މިސްރާބު އޮޅުވާލުމަށް ފަހު ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ. ކީޕަރު އިޔާން ޑައިވް ކުރީ އެހެން ފަޅި އަކަށެވެ.
ދަ ގުރާންޑޭގެ ފުރަތަމަ ލަނޑު އަޔާޒު އަހްމަދު ކާމިޔާބު ކުރީ، އޭނަ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރި މާޒިޔާގެ ހަތަރު ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އެވެ. މާޒިޔާގެ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން ދަ ގްރާންޑޭގެ ކެޕްޓަން ޔަޝްފާދު ހަބީބު (މުލަކޭ) ފޮނުވާލުމުން މާޒިޔާގެ ޑިފެންޑަރު ޕީޓާ ޕްލަމިޗް ބޮލުން ދިފާއު ކުރި ބޯޅަ ލިބުނީ އުމަރުޖަނާވް އަށެވެ. އޭނާ ފޮނުވާލި ބޯޅަ މާޒިޔާގެ ޑިފެންސްގައި ޖެހި ބްލޮކް ވުމުން އަޔާ އަށް ލިބުނެވެ. އޭރިއާގެ ތެރޭއިން އޭރިއާަގެ ކަނާ ހުރެފައި އޭނާ މަސައްކަތް ކުރީ ބޯޅަ ގޯލް ކުރިަމއްޗަށް ނަގައިދިނުމަށެވެ. ނަމަވެސް އެ ޖާގަ އޭނާ އަށް ނުލިބުމުން ބޯޅަ ހިފައިގެން އޭރިއާ ބޭރަށް ނުކުތެވެ. އޭނާ އަތުން ބޯޅަ ހޯދަން ވިއްދީ މާޒިޔާގެ ހުސައިން ނިހާން (ނިހާޓް) އާއި ހަމްޕް އެވެ. އެ ދެކުޅުންތެރިން ނަށްވެސް ފުރުސަތު ނުދީ ބޯޅަ ކަޓުވާލައި އޭރިއާގެ ތެރެއަށް ވަންނަން މަސައްކަތް ކުރުމުން އޭނާ އަށް ހުރަސް އަޅަން ކުރިމަތިލީ ޕްލަނިޗް އާއި މެޗުގެ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) އެވެ. އިރޭ އާއި ޕްލަނިޗް ކައިރިން ނައްޓާލުމަށް ފަހު އޭރިއާގެ ރޮގުމަތިން ބޯޅަ ފޮނުވާލައި ގޯލްގެ ކަނަށް ބޯޅަ ވައްދާލި އެވެ.
ދަ ގުރާންޑޭއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ދެއްކި ތން މިނެޓްގެ ތެރެއިން ފުރަތަމަ މިނެޓްގަ އެވެ. މާޒިޔާގެ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން ގޯލަށް އަމާޒުކޮށް ފޮނުވާލުމުގެ ބަދަލުގައި މުލަކޭ ޕާސް ކޮށްލީ އޭރިއާގެ ބޭރުގައި ހުރި އުޒްބެކިސްތާންގެ ފޯވަޑް އަބްދުރަސަލް ކޮމިލޯވް އެވެ. އޭނާ ވަނީ އެއްފަަހަރުން ޖަހައި ބޯޅަ ގޯލްގެ މަތީ ކަނަށް ވައްދާލާފަ އެވެ.