މާޒިޔާގެ ކޯޗްގެ މަގާމު ކުއްލިއަކަށް ބަދަލުވީ ނަމަވެސް، އެ ޓީމާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެ ކަމަށް، ދިވެހި ޕްރިމިއާ ލީގްގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ދަ ގްރާންޑޭގެ ކޯޗް އިސްމާއީލް މަހްފޫޒް (އިންމަ) ބުނެފި އެވެ.
މާޒިޔާގެ ކޯޗްގެ މަގާމުގައި ހުރި، މުހައްމަދު ނިޒާމް ވަނީ މިދިޔަ އާދީއްތަ ދުވަހު މަގާމުން ކުއްލިއަކަށް އިސްތިއުފާ ދީފަ އެވެ. ދާއިމީ ކޯޗެއް މިވަގުތު ހަމަޖައްސާފައި ނުވުމުން އެ ޓީމަށް އިރުޝާދު ދޭނީ، އެސިސްޓެންޓް ކޯޗް އަހްމަދު ސުޒައިރު އެވެ. އެނގިފައިވާ ގޮތުގައި މާޒިޔާއަށް މިއަދު ދާއިމީ ކޯޗަކު ހަމަޖައްސާނެ އެވެ. އެހެން ނަމަވެސް މިރޭގެ މެޗުގައި ޓީމު ލީޑް ކުރާ ގޮތަށް ހަމަޖެހިފައި ވަނީ ސުޒޭރު ކަމަށް ކުރިން މާޒިޔާއިން ބުންޏެވެ.
މާޒިޔާގެ ހެޑް ކޯޗްކަން ދެ ފަހަރެއްގެ މަތިން ކުރިން، އިންމަ މިރޭ މެޗަށް ނުކުތުމުގެ ކުރިން ބުނީ، މާޒިޔާގެ އޮތް ސްކޮޑަކީ ކޯޗް ބަދަލުވުމުން އެ ކުޅުންތެރިންގެ މަަސައްކަތުގެ ރޫހަށް ބަދަލު އަންނާނެ ޓީމެއް ނޫން ކަމަށެވެ.
"އަދި ކޮންމެ ކޯޗެއް މާޒިޔާގައި ހުރި ކަމުގައި ވިޔަސް މާޒިޔާގެ މިހާރު އޮތް ސްކޮޑަށް ބަލާލީމަ އެނގޭ ހަމަ ގައިމު ވެސް ފަސޭހަ ނުވާނެކަން." އިންމަ ވާހަކަ ދެއްކި އެވެ. އޭނާ ވަނީ، މިއަދު މާޒިޔާއަށް އިރުޝާދު ދޭ ސުޒައިރު އާއެކު ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފަ އެވެ. އޭގެ އެޑްވާންޓޭޖާއި ޑިސް އެޑްވާންޓޭޖް ވެސް އޮންނާނެ ކަން އިންމަ ފާހަގަ ކުރި އެވެ. އެހެން ނަމަވެސް ކުޅުންތެރިންގެ ގޮތުން މާޒިޔާ ވަރުގަަދަ ވުމަކީ އެ ޓީމަށް އޮތް އެޑްވާންޓޭޖު ކަމަށްވެސް އިންމަ ބުންޏެވެ.
"ފައިދާ ނެގެންވާ ގޮތް ދެ ފަރާތަށް ވެސް އެނގޭނެ،" އިންމަ ފާހަގަ ކުރި އެވެ. "މީގެ ތަފާތަކީ ހުރިހާ ކަމެއް މިހެން ހުރި ކަމުގައި ވިއަސް މާޒިޔާގައި މިހާރު އެތިބަ ޕްލޭޔަރުންނަކީ ރާއްޖޭގައި މިވަގުތު ތިބި އެންމެ މޮޅު ޕްލޭޔަރުން. އަޅުގަނޑު ބުނާނީ އެއީ އިންޑަވިޖުއަލް ކޮށްވެސް ނަތީޖާ ނެރެވޭވަރުގެ ޕްލޭޔަރުންނޭ. އެހެންވީމަ މިކަހަލަ ކުޅުންތެރިންތަކަކާ އިދިކޮޅަށް އަޅުގަނޑުމެން ނުކުންނައިރު ވިސްނަން ޖެހޭ ކަންކަން ވަރަށް ގިނަ ވާނެ."
ރަނގަޅު ވިސްނުމަކާއި ރަނގަޅު ޑިސިޕްލިން އާއެކު ނުކުމެއްޖެނަމަ މެޗުން ޕޮއިންޓެއް ނަމަވެސް ދަ ގްރާންޑޭ އަށް ހާސިލު ކުރެވިދާނެ ކަމަށް އިންމަ ބުންޏެވެ.
"އެ ޓީމު އަންޑައެސްޓިމޭޓް ކޮށްލެވޭނެ އެއްވެސް ފުރުސަތެއް އަޅުގަނޑުމެންނަކަށް ނެތް." އިންމާ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "މެޗު ކުޅެމުންދާ ކޮންމެ ސިކުންތަކީ އަޅުގަނޑުމެން ފުލް ކޮންސަންޓްރޭޝަނާއެކު ހުރިހާ ޑިޕާޓްމެންޓެއް ހުރިހާ ކުޅުންތެރިން ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރަން ޖެހޭނެ ވަގުތުތައް. އެހެންވީމަ މި ޑިސްޕްލިން އާއެކު އަޅުގަނޑުމެން ކުޅެފި ކަމުގައި ވަންޏާ މެޗުން ކޮންމެވެސް އެއްޗެއް ހާސިލު ކުރުމުގެ ފުރުސަތު އެބައޮތް."
މިރޭގެ މެޗުގައި ބިދޭސީ ފޯވަޑް އޮޓަބެކް އަށް ކުޅެވިދާނެ ކަމާމެދު އިންމަ ވަނީ ސުވާލު އުފައްދާފަ އެެވެ.