(17 ޑިސެމްބަރ 2020 އާ ގުޅޭ)
"ޝީ އިޒް މައި ވައިފް." ޔާދިން ބަލާލުމާއެކު ލައިތު ބުނެލިއެވެ.
"ހަނދާންނެތުނީތަ؟ އެނދުން ނުތެދުވިނަމަ ޝީ ވިލް ބީ މައިން." ޔާދިން ރައްދު ދިނީ އަމިއްލަ ނަފްސުގެ މައްޗަށް ޔަގީންކަން އޮތް ފަދައިންނެވެ. ލައިތު ބަލާލީ މާނަވީ ގޮތަކަށެވެ. އޭނާ ހީނލަން އުޅުނުހެން ވެސް ހީވިއެވެ. ހަޤީޤަތް ނޭނގޭ މީހަކަށް އެ ދެ ޒުވާނުންގެ މެދުގައި ފޮރުވިފައި އޮތް ލޯތްބެއް ނުފެންނާނެއެވެ.
"ލަވް... އާދެބަލަ، އެއްޗެއް ދޭންވެފަ އެބައޮތް." ކެންޒާއަށް އަތްދިއްކޮށްލަމުން ލައިތު ބުންޏެވެ.
ސޯފާއިން ތެދުވިގެން އައިސް ލައިތު ދިއްކޮށްލައިގެން ހުރި އަތްތިލައިގެ ތެރެއަށް ކެންޒާގެ އަތްތިލަ ހެޔޮވަރު ކޮށްލިއެވެ. ކެންޒާ ގޮވައިގެން ލައިތު އެލެވޭޓާއަށް އެރިއެވެ. ދޭން އުޅެނީ ކޮންއެއްޗެއްތޯ ކެންޒާ ސުވާލުކޮށްލިއެވެ. ނަމަވެސް ލައިތު ހުރީ ބުނާގޮތަކަށް ނޫނެވެ.
ބަދިގެއަށް ވަދެ އައިލެންޑް ދޮށުގައި ހުރި އުސްގޮނޑިތަކުން ގޮނޑިއެއްގައި ކެންޒާ ބޭންދިއެވެ. ދެން ލައިތު އައިސް ހުޅުވާލީ އައިސްއަލަމާރިއެވެ. އޭގެ ގަނޑުކުރާބަޔަށް ލާފައި ހުރި "ޕޮޕްސިކަލް" ހަދާ ތައްގަނޑުގެ ތެރެއިން ދެ ޕޮޕްސިކަލް އޭނާ ނެގީ ދޮރުފަތާ ނިވާވެ ހުރެއެވެ. އެ ހިފައިގެން އެނބުރިލުމާއެކު ކޮނޑުން ދޮރުފަތް ލައްޕާލިއެވެ. ދެއަތް ކުޑަކޮށް އުފުލާލައި ކެންޒާއަށް ދައްކާލިއެވެ.
"މި ދޭންތަ ތިގެނައީ؟" ހިނިއައިސްފައި އިނދެ ކެންޒާ ބުނެލިއެވެ.
"ހޫނު ދުވަހެއްނު، އިލީ އައިސްކްރީމްގެ ވާހަކަ މޯނިންގަ ދެއްކީމަ ހަނދާންވީ... އެދުވަސްތައް މަތިން ހަނދާނެއްނުވޭތަ؟" ލައިތު އައިސް ކެންޒާއަށް އެއް ލޮލީ ދިއްކޮށްލިއެވެ. އައިލެންޑްމަތީ ދެއަތް އަޅުވާލައި ކެންޒާއާ ގާތަށް ލައިތު ގުދުވެލިއެވެ.
"ހަނދާން އެބަހުރި، އެކަމަކު އޭރު ފެނުނު ރައިޒަންއެއްނޫން މިހާރު ތީ."
"އައި ނޯ، އޭރު އަހަރެން ވަރަށް އިނެސެންޓް، މިހާރު ސިކުނޑީގައި ހިނގާކަހަލަ ޚިޔާލުތަކެއް އޭރަކުނެތް... އޭރު ދޮރުމަތިން ފެނިލީމަ، ކައިރީ ހުރެ ވާހަކަދައްކާލެވުނީމަ ފުދޭ... އެކަމަކު މިހާރު ކިހިނެއް އެވަރުން ފުއްދާލާނީ... ދޯ." ލައިތު ދޯ ދެމުން ކެންޒާގެ މޫނާ ކައިރިވެލިއެވެ. ކެންޒާއަށް ލުއި ގޮތަކަށް ހީނލެވުނެވެ.
ލައިތުއާ ބައްދަލުވި ގޮތް ކެންޒާ ހަނދާނެއް ނުނެތޭނެއެވެ. ގޭގެ ދޮރޯށި ކައިރިއަކީ ކެންޒާ އެންމެ ދުރަށް ވެސް ނުކުންނަ ހިސާބެވެ. ގެއިން ބޭރަށް އޭނާ ނުކުންނަ ނަމަ ދަނީ މިންނާއަށް ނުދެވޭ ފަހަރަކު އެގޭ މަގުގައި ހުންނަ ފިހާރައަށެވެ. އެގޮތަށް ވެސް ގިނަ ފަހަރު ފިހާރައަށް ދާނީ ކައިފްއެވެ. އެ ދުވަހަކީ ހުކުރު ދުވަހެކެވެ. މިންނާ ހެނދުނު ހެނދުނާ ތެދުވާނެއެވެ. އޭނާ ތެދުވަމުން ކުދީންނަކަށް ނުގޮވާނެއެވެ. އެހެންވިޔަސް ކެންޒާ ހުރީ މަންމައާއެކު ތެދުވަން އާދަވެފައެވެ. ކުޑަކުޑައިރުން ފެށިގެން މަންމައަށް އެހީވެވެން އޮތްގޮތަކުން އެހީވުމަކީ އޭނާ އިސްކަމެއްދޭ ކަމެކެވެ. އޭރުވެސް މަންމަ އުޅޭލެއް ބުރަކަން ފެންނާތީއެވެ. ގޭތެރެ ބަލަހައްޓަމުން ޢާމްދަނީ ހޯދަން މަސައްކަތް ކުރަނީ ވެސް މަންމަކަން އެނގޭތީއެވެ. ހަމީމު ދިން އަނިޔާގައި ކޮނޑުހުޅުން ނެއްޓުމުން، ހޮސްޕިޓަލަށް ގޮސް ހުޅަށް އަރުވައިގެން އައީ ހުކުރުވިލޭރާ ދަންވަރެވެ. އެހެންވެ ހެނދުނު އެއްވެސް ކަމެއްގައި ބައިވެރިވާން ކެންޒާއަށް މަންމަ ހުއްދައެއް ނުދިނެވެ. ދޮރޯށި ކައިރިއަށް ނުކުމެލީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތަކީ އެ މަގަށް ފަޅުކަން ވެރިވެފައިވާ އޮންނާނޭ ވަގުތެއްކަން އެނގި ހުރެއެވެ.
ދޮރޯށި ކައިރީ ކެންޒާ ހުއްޓާ އޭނާގެ ލޮލުގައި އެ މަގުގެ ކޮޅުން ވަދެގެން އަންނަ ތިން ފިރިހެން ކުދީން ފެނިއްޖެއެވެ. ހުކުރު ދުވަހު ހެނދުނު އެ ގުރޫޕު އެގަޑިއަށް އަންނަތަން ކިތަންމެ ފަހަރަކު ކެންޒާއަށް ފެނިއްޖެއެވެ. އެމީހުން އައިސް އެ މަގުގައި ހުރި ފިހާރައަށް ވަދެ ފިނި އެއްޗެއް ގަނެގެން ނުކުތުމާއެކު އެމީހެއްގެ މަންޒިލަށް ދިއުމަށް ހިނގައިގަންނަނީއެވެ. ޖޫސްޕެޓީ ނޫނީ ލޮލީ ގަތުމަކީ އެމީހުންގެ އާދައެކެވެ. އެތަނުން ދެ ފިރިހެން ކުދީން އެނބުރި އައިކޮޅަށް ހިނގައިގަންނައިރު އެމީހުންގެ ތެރޭގައި އިސްކޮޅުން ދިގުކޮށް ހުރި ފިރިހެން ކުއްޖާ މަގު ހުރިގޮތަށް އައިސް ކެންޒާމެން ގޭދޮށުން ބިއްދޮށަށް އަޅަނީއެވެ. އެމީހުން އެ އަންނަނީ ކޮންމެވެސް ކުޅިވަރެއް ކުޅެފައިކަން އެނގެނީ ލާފައި ތިބޭ ކުޅިވަރު ހެދުމުންނެވެ. އެ ފިރިހެން ކުއްޖާ ކެންޒާއަށް ބަލާކަން އޮތީ ފާހަގަވެފައެވެ. އެކަމާ ހުރެ ބައެއް ދުވަސްދުވަހު މަގުން އަންނަ މީހުންނަށް ނުފެންނާނޭހެން ދޮރޯށީގެ އެތެރެއަށްވާ ގޮތަށް ކެންޒާ މަޑުކުރެއެވެ. އެކަހަލަ ދުވަހެއްވިއްޔާ އެ ފިރިހެންކުއްޖާ ދަނީ ދޮރޯށި ކައިރިން ލާފައެވެ. އަޖައިބުވަނީ އޭނާ ކެންޒާ ބަލާ ސަބަބެއް ނޭނގޭތީއެވެ. ފުރާވަރުގެ އާ އިޙްސާސްތަކަށް ކެންޒާގެ ނަފްސު ނުހޭލައެވެ. ހުރިހާ ދުވަހަކާ އެދުވަސް ތަފާތުވީ އެ ފިރިހެންކުއްޖާ، އޭނާގެ އެކުވެރިން ދަންދެން މަޑުކުރުމަށްފަހު ކެންޒާއަށް ނަޒަރު ހުއްޓާލައި ހިނިތުންވެލިއެވެ. ދެން ފިހާރަށް ވަދެ އިތުރު ލޮލީއެއް ގަނެގެން ކެންޒާއާ ދިމާއަށް އައެވެ.
"ވެއިޓް..." ކެންޒާ ގެއަށް ވަންތަން ފެނި ދުވެފައި އައިސް ދޮރޯށި ކުރިމައްޗަށް ހުއްޓެމުން އޭނާ ބުންޏެވެ.
"އިޓްސް ފޯ ޔޫ... އެތާ ލޮލީ ވަރަށް މީރުވާނެ." ދޮރޯށީގައި ހިފަހައްޓާލައިގެން ކެންޒާ ހުންނަން ފެށުމުން އަތުގައި އޮތް ލޮލީ އެ ފިރިހެން ކުއްޖާ ދިއްކޮށްލިއެވެ. ހިފަހަން ނުހިފަން ހުރެފައި ކެންޒާ އޭގައި ހިފިއެވެ.
"ރައިޒަން..." ނިކަން ފުޅާ ހިނިތުންވުމަކާއެކު އޭނާ ބުންޏެވެ. އޭނާގެ އިސްނެގުމާއެކު ކެންޒާ ވެސް އަމިއްލަ ނަން ބުނެލިއެވެ.
ދެމެދުގައި އޮތް ބީރައްޓެހިކަން ކަނޑުވާލުމަށް ކެންޒާގެ ގާތަށް އެ ދުވަހު އައީ ލައިތެވެ. އޭނާގެ ހުވަފެނަކީ ޤައުމީ ބާސްކެޓްބޯޅަ ޓީމާ ގުޅުމެވެ. ކޮންމެ ދުވަހަކު ހެނދުނުހެނދުނާ ފެންނަނީ ޕްރެކްޓިސް ނިންމާފައި އަންނަތަނެވެ.
"ރައިޒަން..." ޚިޔާލުތަކުގެ ތެރެއިން ކެންޒާ ކިޔާލިއެވެ.
"ޔެސް ލަވް." ލައިތުގެ އަޑު އައީ ނުހަނު އަވަހަށެވެ.
"ކީއްވެ އަހަންނާ ވާހަކަދެއްކީ، އަހަރެން އެއްވެސް ސަމާލުކަމެއް ތިމީހުންނަށް ނުދެން..." ކެންޒާ ބުނެލިއެވެ.
"ތެދަށް ބުނަންވީތަ؟" ވިސްނަން ވަގުތުކޮޅަކަށް މަޑުކޮށްލާފައި ލައިތު ބުނެލިއެވެ. ކެންޒާ ބޯޖަހާލީ އާނއެކޭ ބުނަމުންނެވެ. ކެންޒާގެ ކައިރިން ލާފައި އައިސް ލައިތު އިށީނީ ޖެހިގެން ހުރި އުސްގޮނޑީގައެވެ. ކެންޒާ އެނބުރިލީ ލައިތާ ކުރިމަތިވާ ގޮތަށެވެ.
"އަހަރެން މަންމައާއެކު އުޅެނީ ކެންމެން އުޅޭ ގޭގެ އަނެއްމަގަށް ހުރި އިމާރާތުން އެޕާޓްމެންޓެއްގަ، ތިގެއިން ޒުވާބުކުރާއަޑު ވަރަށް އިވޭނެ، މަންމަ ބުނާނެ އަޅާނުލާށޭ... އެޕާޓްމެންޓްގެ ސްޓޯރޫމުގައި ހުންނަ ވައިގޮޅިން ތިގޭ ތެރެ ފެންނާނެ، އޭރުވެސް ތިގެ އޮތްގޮތަށް މިހާރު ވެސް ހުރީ، ބަދިގެ ކައިރީ އޮތް ހުސްތަނުގައި ރޯނުދަމާ އެއްޗެހި ހިއްކަން އަޅާފައި އޮވެއެއްނު ދޯ... ކުރިއަށް އޮތީ ވީކަންޑްވީމަ އަހަރެން އެރޭ އުޅުނީ ހޭލާ، ގޭމް ކުޅެން އިނދެފައި ކޮޓަރިން ނުކުތްވަގުތު ތިގޭ ތެރެއިން ރޯއަޑުއިވޭ، އަންހެނަކު ހަޅޭލަވާ އަޑުވެސް އިވޭ، އެރޭ ސްޓޯރޫމަށް ވަދެ ހަރުގަނޑު ބަހައްޓައިގެން އަރާ ފެންލައިޓުން ބެލީ، އައި ސޯ ޔޫ، ހަމީމު ނުކުމެގެން ދިއުމާއެކު ކެންގެ މަންމަ އައިސް ބައްދާލިތަން އަހަރެން ދުށީން، އޭރު ކެން ނުރޮއެ، އެކަމަކު މަންމައާއެކު ކެން އެތެރެއަށް ދިޔަ، ދެން އަނެއްކާ ވެސް ބޭރަށް ނުކުތްތަން ފެނުނީ، އެކަނި އިނދެ ކެން ރޯތީ އަހަރެން ދުށީން، ރޮއެރޮއެފައި ހުއްޓާލުމަށްފަހު ވެސް އެތަނުގައި އެތައް އިރަކު އިން، އެނބުރި ގޭތެރެއަށް ކެން ވަންނަންދެން އަހަރެން ހުރީ އެ ފެންލައިޓުން ބަލަން، އޭގެ ފަހުން ކިތަންމެ ފަހަރަކު އަހަރެން ބަލަން ހުންނަން، މަންމަ ކައިރީ އަހަރެން އެވާހަކަދެއްކިން، ޕޮލިހަށް ރިޕޯޓުކުރަން ޚިޔާލުވެސް ދިނިން، އެކަމަކު މަންމަ އެއްބަހެއްނުވި، ކެންމެންގެ ދިރިއުޅުމުގެ ތެރެއަށް އަހަރެމެން ވަނުން ރަނގަޅެއްނުވާނޭ މަންމަ ބުނީ، ދޮރޯށިކައިރިން ފެންނައިރަށް އަހަންނަށް އެނގުނު ކެން ވަކިކުރަން، ލައިކްވާން ފެށީ ކީއްވެކަމެއް ނޭނގެ، ހަމަ ކަމުދާންފެށީ، ވާހަކަދައްކާލަން ބޭނުންވެފަހުރީ، އެކަމަކު ކެން ހީވަނީ ބިރުން ފިއްލަން ދުއްވައިގަންނަން ރެޑީގަ ހުންނަހެން، އެހެންވެ ވަރަށް ވިސްނާފަ އެދުވަހު ކައިރިއަށް އައީ، ކައިފްއާ ފްރެންޑްސްވީ ކެންގެ ބޭބެކަން އެނގޭތީ، އަހަރެން ގާތް ރައްޓެއްސެއްގެ ގޮތުގައި ދުށް އެކަކު އެއީ..."
"އެހެންވީމަ ސިމްޕަތީ ފީލްވެގެން ދޯ ވާހަކަދެއްކީ." ކެންޒާ ބުނެލިއެވެ.
"ނޯ... ނޯވޭ... އޭރު ވެސް ފީލްވާ ގޮތް އެނގޭ، ލައިކްވަނީ އެހެންމީހުންދެކެ ލައިކްވާ ވަރަށްވުރެ ބޮޑަކަށް އެނގޭ، ޕްރެކްޓިސް ނިންމާފަ އަންނައިރު ކެން ނުކުމެ ހުންނަން ބޭނުންވޭ، ކޮންމެ ދުވަހަކު ދުށުމަށް ހިތް އެދޭ، އެއީ ސިމްޕަތީއެއްނޫން، އޭރު ހިތަށް އަރާ އަވަހަށް ބޮޑުވާނެނަމައޭ، ވަޒީފާއަށް ދާން ބޭނުންވެފަހުރީ، ހިތަށް އަރަނީ އޭރުންނޭ ކެން ސަލާމަތްކުރެވޭނީ، އެކަމަކު އެއަށްވުރެ ބޮޑަށް އަހަރެން އުފާވަނީ ކެން ހޯދަން ދާކަށް ނުޖެހޭނެއޭ، ކެން އުޅޭނީ އަހަންނާއި މަންމައާއެކުއޭ ހިތަށް އަރާފަ... ހެ ހެ ހެ..." ލައިތު ހީނގަތެވެ. ޅަފުރާގައި އޭނާގެ ޚިޔާލުތައް ހުރި ގޮތް ހަނދާންވެފައެވެ.
"އަހަރެން ވެއިޓް ކުރިން... ފޯނެއް އޮތް ނަމައޭ އެ ދުވަހު ހިތަށް އެރި، އަހަރެންގެ ފުރަތަމަ ކްރަޝްތީ، އެކުވެރިކަމަށްވުރެ ފުން ޖަޒުބާތުތަކެއް ހިތުގައި އުފެދެންފެށީ، އެ ދުވަހު ހަވީރަށް ރެޑީވެލައިގެން ހުންނައްޗޭ ބުނީމަ، ހިތަށް އެރީ ރައިޒަންއަށް ވެސް އަހަރެންދެކެ ލައިކްވެވިއްޖޭ، ބައްދަލުވެ ބުނަން އެއުޅެނީ އެވާހަކަބާއޭ، ފޯނުން ރައިޒަންގެ މަންމަ ހުންނަގޮތް އަހަންނަށް ދެއްކުމަށްފަހު، މަންމައާ ބައްދަލުކޮށްލަން ދާންވާނޭ ބުނީމާ ވެސް އެކަހަލަ އެތައް އެއްޗެއް ޚިޔާލަށް ވަން، ވަރަށް ޑިސެޕޮއިންޓްވި ރައިޒަން ނައީމަ، ދެރަވެސްވި... އޭގެ ފަހުން އެއްކޮށް ގެއްލުނީ، ޕްރެކްޓިސް ނިންމާފަ އަންނަތަނެއް ވެސް ނުފެނޭ، ވީގޮތެއް ނޭނގޭތީ ހިތަށް އަރުވަންވީ އެއްޗެއް ވެސް ނޭނގުނު، މަލާމާތެއް ކުރަން ނޫނީ ފިރިހެން ކުއްޖަކު އަހަންނަށް ބަލައެއްނުލާނެ، އެކަހަލަ މަޤްޞަދެއްނެތި ހިތްހެޔޮކަމާއެކު އަހަރެންނާ ވާހަކަދެއްކި ހަމައެކަނި ފިރިހެންކުއްޖާ ތީ، އެހާ ބޮޑަށް ލައިކްވެވުނީ އެ ސަބަބާ ހުރެ، ލައިފްއަށް ރައިޒަން ކަހަލަ ފިރިހެންކުއްޖަކު އައުމަކީ ނަސީބަކަށްވާނޭ ވިސްނުނީ... މިހިސާބަށް އާދެވި، ތީ ރައިޒަންކަން ނޭނގޭއިރު ވެސް، އަހަރެން ހިތަށް އަރާ އޭނާ ކޮބާބާއޭ، މިހާރު ހުންނާނީ ކިހިނެއްބާއޭ؟ އުޅެނީ ކޮންކަހަލަ ދިރިއުޅުމެއްބާއޭ؟... ދެމީހުން އޭރުއްސުރެ އެކުގައި އުޅުންނަމަ، ދެމެދުގައި އޮތް ގުޅުމަށް ވާނީ ކިހިނެއްބާއޭ... ލޯބިވެރިއެއްގެ ގޮތުގައި ރައިޒަން އަހަރެން ބަލައިގަނެފާނެބާއޭ؟"
"ދުރުވިޔަސް، ރައިޒަންގެ އަނތްބަކަށް ހެދި އަންހެންކުއްޖަކީ އޭނާ ކުޑައިރުއްސުރެ ބޭނުންވި އަންހެންކުއްޖާ، ހަމައެކަނި ނުވިކަމަކީ މަންމައާ ބައްދަލުކޮށްދިނުން، އެ ދުވަހު ވީގޮތް އެނގޭތަ؟ އަހަރެން ހުރީ ކެން ގޮވައިގެން އަހަރެމެން ގެއަށް އަންނަން ޕްލޭންކޮށްގެން، މަންމަ ގާތުން އޭގެ ކުރީރޭ ހުއްދަ ވެސް ހޯދިން... މަންމަ ވެސް ހުރީ އަހަރެންގެ ރަޙުމަތްތެރިއެއްގެ ގޮތުގައި އަންހެންކުއްޖަކު ގެއަށް ގެންނަން އެހީތީ ބައްދަލުކުރާހިތުން، އެކަހަލަ ކަމަކަށް ހުއްދައެހި ފުރަތަމަ ފަހަރު އެއީ، ވަރަށް ނާވަސްވެފަހުރީ، އެކަމަކު މަންމަ ވަރަށް ކޫލް، ގާލްފްރެންޑްއެއްހޭ އެހީމަ އަހަރެންނަށް ބުނާކަށް ނުކެރުނު، އޭރު އަހަރެމެން އުޅެނީ ރައްޓެހިވެގެންނޫންތާ ދޯ، ޚާއްޞަ އެއްޗެއް ތައްޔާރުކުރަންވާނޭ ބުނީ ވެސް މަންމަ... ހުރިހާކަމެއް ޕްލޭންކުރިން، ލިސްޓެއް ވެސް ތައްޔާރުކުރިން، ކެން ގޮވައިގެން އައިސް ކަންތައްކުރާނޭ ގޮތް ސްޓެޕްބައި ސްޓެޕް ލިޔުނިން، ސައިބުއިމަށްފަހު ކެންއަށް ކޮޓަރި ދައްކާލަން ވައްދަން ހުރީ، ދެން ކޮޓަރި ދައްކާލަން ކެން ގެނެސް، ލައިކްވާ ވާހަކަ ބުނާނިއްޔޭ ނިންމައިގެން ހުރީ..." ލައިތު އަނެއްކާ ވެސް ހީނގަތެވެ. މާބޮޑަށް ލޯބި ހިތުގައި އުތުރިގަތެވެ. ކެންޒާގެ އަތުގައި ހިފައި ގާތަށް ދަމާލުމާއެކު ކޯތާފަތުގައި ބޮސްދެމުން ލޯބިވެޔޭ ބުނެލިއެވެ.
"ދެން ކިހިނެއްވީ؟"
"އޭރު ލައިފް ވަރަށް ސިމްޕަލް، އަހަރެން ބޮޑުވީ މަންމަ ގާތުގައި ހުރެ، ބައްޕަ ހުންނަކަން އެނގޭ، އެކަމަކު އަހަރެމެންގެ ދިރިއުޅުމުގެ ބައެއްކަން ފީލްއެއްނުވޭ، ފިފްޓީން އިޔާސް ވީ ފަހުން ފުރަތަމަ ފަހަރަށް ބައްޕަ ހަމަލޮލަށް ދުށީ، އޭނާ އައީ އާސަހަރާއަށް އަހަރެން ގޮވައިގެންދާން، މަންމަ މަރުވި ދުވަސް އެއީ... އެތަނުން ނުކުމެ ފުރަތަމަ އައީ އަހަންނާއި މަންމަ އުޅުނު އެޕާޓްމެންޓަށް، އަހަރެން ބޭނުންކުރާ ހުރިހާ އެއްޗެއް ހިފައިގެން ނުކުތްގޮތަށް ބައްޕަ އަހަރެން ގެނައީ މިގެއަށް، ބައްޕަގެ ޢާއިލާއަކީ މީކަން އެނގުނީ އެހިސާބުން، ބައްޕަގެ ހަޤީޤީ އަނބިމީހާއާއި، އޭނާގެ ދަރީންނާ ބައްދަލުވީ އެދުވަހު، އަހަރެން ބޮޑުވި މާޙާއުލާއި، މަންމަ އަހަރެން ބޮޑުކުރި ސާދާ އުސޫލުތަކުން، އަހަރެން ހުރީ އެ އާދައިގެ ދިރިއުޅުމަށް ލޯބިޖެހިފައި، އަހަރެން ޓިއުޝަން ނިންމާފަ އަންނަންވާއިރަށް މަންމަ އެއްޗެހި ރެޑީކޮށްފަ ބަހައްޓާނަމޭ ބުނީ، އަހަރެން ޓިއުޝަނުން ގެއަށް އައިއިރު ވެސް މަންމަ ގެއަކަށް ނާދޭ، އެއްވެސް އެއްޗެއް ތައްޔާރުކޮށްފައެއްނޫން ހުރީ... މަންމަގެ ފޯނަށް އަހަރެން ގުޅިން، އެއްވެސް ޖަވާބެއް ނުދޭ، ކެން ހޯދަންދާވަރަށްވުރެ އަހަރެން ހުރީ މަންމަ ނައިސްގެން ހާސްވެފަ، މަންމަނެތިސް އެއްވެސް ކަމެއް ފުރިހަމަނުވާނެ... މަންމައަށް ގުޅަނިކޮށް ފޯނު ނެގީ ފިރިހެނެއް، އޭރު އިރުއޮއްސުމާ ކައިރިވެފަހުރީ، އެމީހާ ބުނީ ބަލާ އެބަ އަންނަން ކަމުގައި، ފެންވަރާ ތައްޔާރުވެގެން ހުރުމަށް، މަންމަ ކޮބާތޯ އެހުމުން އެ ސުވާލަށް ޖަވާބެއް ނުދޭ، ހާސްވެ ބިރުގަތީދެން، މަންމައަށް ކަމެއްވިއްޔޭ ހިތަށް އެރީ... އެޕާޓްމެންޓުގެ ބެލް އެޅީ އަހަރެން ރެޑީވެގެން އިންނަތާ އިރުގަނޑެއްވީފަހުން، ދޮރުހުޅުވާލިއިރު ހުރީ މިގޭ ކާރު ދުއްވަން އުޅޭ ނަސީމު، އޭރު އެއްވެސް ކަމެއް ނޭނގޭތީ، ހީކުރެވުނީ ފޯނުން ވާހަކަދެއްކީ އޭނާ ކަމުގައި، ކާރަށް އަރަން ބުނީމަ އަހަރެން ދެކޮޅު ހެދީ އެއީ ކާކުކަން ނޭނގޭތީ، ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލައި ނުކުތީ ރާއްޖޭގެ އެންމެން ދަންނަ ރޫމާން އަސަދު، އެއީ އަހަރެންގެ ބައްޕަކަން އެނގުނީ އެވަގުތު... ފޭރުނު ބައެއް ދިން ހަމަލާގައި މަންމަ މަރުވީ، އޭޓީއެމްއިން ފައިސާ ނަގައިގެން މަންމަ ނުކުތްތަން ބަލަން ތިބިކަމަށްވަނީ އެމީހުން، ހުރިހާކަމެއް ބަދަލުވީ... މިގެއަށް އައިސް ހަމަނޭވާނުލެވިގެން އުޅެނިކޮށް ފިޒާނާގެ އުނދަގޫ ޖެހުނީ، ބައްޕަ އަހަރެން ފޮނުވާލީ ސެހެރްގެ ފެމެލީ ކައިރިއަށް، ކެންގެ ހަނދާންވޭ، އެކަމަކު އެ ފީލިންގްސް މަޑުމަޑުން ފުހެވުނީ، އަލުން ބައްދަލުވާނޭކަމުގެ އުންމީދު ގެއްލުނީމަ، އަހަރެން ހުރީ ރާއްޖެ އަންނަން ފޫހިވެފަ... ނަސީބެއް އާދެވުނުކަން، ކެންއާ ބައްދަލެއްނުވީސް އެހެންނޫންނަމަ، ވަރަށް އަޖައިބުވި ކެންކަން އެނގުނީމަ، ލޯބިލޯބި ޕެންޑާއަކަށްވެފަ ހުރީ، ބައްދާލާ ގޮތަށް ދޫކޮށްލާނުލާނަމޭ ހިތަށް އެރީ." ލުއި ހިނިތުންވުމަކާއެކު ލައިތު ބަލަން އިނީ މާނަވީ ގޮތަކަށެވެ. ދެން ގާތްވެލައި ކެންޒާގެ ތުންފަތުގައި ހޭކުނު "ޕޮޕްސިކަލް"ގެ އައިސްކުރީމްކޮޅު ސާފުކޮށްލަދިނީ އޭނާގެ ތުންފަތުންނެވެ. ލައިތުގެ މޫނުގައި ކެންޒާގެ ވައަތްތިލަ ޖައްސާލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ލުއި ބީހުމުން ދެ ހިތުގެ ހިނގުން އަވަސްވެލީއެވެ.
"ކޮޓެޖްއަށް ދާނަންތަ؟" ކެންޒާގެ ނިތްކުރީގައި ނިތް ޖައްސާލައިގެން އިނދެ ލައިތު އަހާލިއެވެ.
"ކޮންތަނެއް؟"
"ދަތުރުދިޔައީމެންނު..." ލައިތު ބުންޏެވެ. ކެންޒާ އެއްބަސްވިއެވެ. އަތޮޅުތެރޭގެ ހިތްފަސޭހަ މާޙައުލެއްގައި ދެ ޒުވާނުން އެކަނި ވަގުތު ހޭދަކޮށްލަން ކެންޒާގެ ނަފްސު އެދެއެވެ.
ޢާއިލާއާ ލައިތުގެ ޚިޔާލު ޚިއްޞާކުރިއެވެ. އިހުގެ ދިރިއުޅުމަށް އެނބުރި އައުމުގެ ކުރީން އަނބިމީހާއާއެކު ވަގުތު ހޭދަކުރަން ލައިތު ބޭނުންވެއެވެ. ދެމެދަށް އައި ތޫފާނުގެ ވައި ހިނދި، އާމަންވެފައި ވިޔަސް ކެންޒާއަށް ލިބުނު އަނިޔާތައް އެ ސިކުނޑީގައި ބިންވަޅުނެގިފައިވާކަން ލައިތަށް އެނގެއެވެ. އެ ހިތުގެ ޒަޚަމްތައް ލައިތުގެ ލޯބިން ފަސޭހަވުމުގެ އިތުރުން މާޒީގެ ހިތިކަން މާޒީއަށް ދޫކޮށްލާށެވެ. އޭގެ ބަދަލުގައި ލޯތްބާއި އުފާވެރިކަމުގެ ހަނދާންތަކަކަށް ކެންޒާއަށް ފުރުޞަތު ހުޅުވާދިނުމެވެ. ކެންޒާއާ ކައިވެނިކުރަން ނިންމައި މިންނާއާ ބައްދަލުކުރި ދުވަހު އެ މަންމަ އޭނާގެ ގާތުގައި ދެއްކި ވާހަކަ ލައިތު ހަނދާނެއްނުނެތެވެ. ކެންޒާ ބޮޑުވީ އެހެން ގޭގައި އަންހެން ދަރީން ބޮޑުވާފަދަ ގޮތަކަށްނޫންކަން މިންނާ ބުނީ ކީއްވެގެންކަން ލައިތު ރަނގަޅަށް ދެނަހުއްޓުވެ. ކެންޒާގެ ގޮތް އެ ދުވަހު އެ މަންމަ ލައިތަށް ކިޔާދިނެވެ. ކެންޒާ ބޮޑުވީ އެތައްކަމަކަށް ކެތްކުރަމުންކަމެވެ. ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް ކެންޒާ ނުބުނެ ހުރެދާނޭކަން މިންނާ އޮތީ ބުނެފައެވެ. އެހެންއެވީ ކުޑައިރުއްސުރެ އަމިއްލަ ޒަޚަމްތައް ފޮރުވަން ކެންޒާ އާދަވެފައި ހުރީމަކަން ބުނީ ވެސް ހަމަ މިންނާއެވެ. ކެންޒާގެ އަމިއްލަ ނަފްސާމެދު ވިސްނުމުގެ ކުރީން އޭނާ އެހެން މީހުންގެ އިޙްސާސްތައް ކުރިއަށްނެރޭނެކަން އެދުވަހު މިންނާ ބުންޏެވެ. ކަމެއް ބޭނުންވިޔަސް ބުނަން ނުކެރިފައި ކެންޒާ ހުރުމަކީ އާކަމަކަށްނުވާނޭކަން މިންނާ ވިސްނައިދިނެވެ. ކައިވެންޏަކީ ދެ މީހުން އެކުގައި ކުރާ ދިގު ދަތުރަކަށްވާއިރު، އެ ރާސްތާގައި ހީނުކުރާ އެތައް އަޑިގުޑަންތަކެއް ހުރެދާނޭކަމާއި، އެކުގައި ފެށި ދަތުރު އެހިސާބުން ކުރުކޮށް ނުލުމަށް މިންނާ އެދުނެވެ. އަދި ކޮންމެ ކަމެއް ދިމާވީ ނަމަވެސް ކެންޒާއާއެކު އުޅެވޭތޯ ލައިތު މައްސަކަތްކޮށްދިނުމަށް މިންނާ އެ ދުވަހު އެދުނެވެ. އެ މަންމަގެ ހެޔޮ ދުޢާ ދުނިޔޭގެ އެއްވެސް އެއްވެސް އެއްޗަކަށްވުރެ ލައިތަށް އަގުބޮޑެވެ. އޭނާ އެ ދުވަހު އެ މަންމައަށް ވީ ވަޢުދުގައި މުޅި އުމުރަށް ހިފަހައްޓާނެއެވެ. ދުވަހަކުވެސް ކެންޒާއާ ވަކިވުމުގެ ޚިޔާލެއް އޭނާ ނުކުރެއެވެ. ދެމީހުން ވަކިވެއްޖެނަމަ ލައިތުގެ ދިރިއުޅުން ފުރިހަމައެއްނުވާނެއެވެ. އެ ހުސްކަން އަބަދަށް ދެމިއޮންނާނެއެވެ. ކެންޒާދެކެ އަބަދުވެސް ލޯބިވާ އޯގާތެރި ފިރިއެއްގެ ގޮތުގައި ފަހުވަގުތާ ހަމައަށް އޭނާ ހުންނާނެއެވެ.
ޖެހިގެން އައި ދުވަހު ފުރުމުގެ ހުރިހާކަމެއް ހަމަޖެހުނެވެ. މެންދުރު ކައިގެން ލައިތާއި ކެންޒާ ދަތުރަށް ތައްޔާރުވިއެވެ. އެ ދެޒުވާނުން އެނބުރި އަންނާނީ އެއްމަސްފަހުންކަން ހުރިހާ މެންބަރުންނަށް ވެސް އެނގެއެވެ. ވަދާޢުގެ ސަލާމްކުރަން ގޭޓު ކައިރިއަށް އެންމެން އެއްވެ ތިއްބެވެ. ސަރަފީނާ ތަކުރާރުކޮށް ކެންޒާގެ އަތުގައި ފިރުމަމުން ބަލައިގެން އުޅުމަށް އެދުނެވެ. ލައިތު ގާތު ކެންޒާއަށް ބެލުމަށް ކަސްތޫރީ ހަނދާންކޮށްދިނެވެ. ލައިތާއެކު ގެއިން ނުކުތުމުގެ ކުރީން ފަރުޒީނުގެ ގައިގާ ކެންޒާ ބައްދާލިއެވެ. ލާންޗު އޮތް ދިމާއަށް އެ ދެ ޒުވާނުން ގޮވައިގެން ދިޔައީ ޔާދިންއާއި ސެހްރާނެވެ.
* * * * *
ރަށަށް ލައިތުގެ ދެމަފިރިން ފޭބިއިރު އެމީހުން ބަލައި ގަފޫރު ހުރީ އައިހެވެ. އޭނާ ދުއްވަން ގެންގުޅޭ ބޮޑު ޕިކަޕުގައެވެ. ކައިވެނީގެ ތަހުނިޔާ ދެމިފިރިންނަށް ކިޔަން ގަފޫރު އަވަސްވެލިއެވެ. އޭނާއަށް ހުރިހާ ޚަބަރެއް ފޯރުކޮށްދިނީ އަސަދެވެ. އެ ދެކުދީންނަށް އެއްވެސް ކަމެއް ދަތިވިޔަ ނުދިނުމަށް އަސަދު އޮތީ ގަފޫރު ކައިރީ ބުނެފައެވެ. އަދި ގޭގައި ގެސްޓުން ތިބިނަމަ ރަށުގައި ހުރި އަސަދުމެންގެ އެހެން ގެސްޓްހައުސްއަކަށް އެމީހުން ބަދަލުކުރުމަށް ވެސް ބުންޏެވެ. އެ ދެމަފިރިން އެއްމަސް ވަންދެން ތިބޭނޭކަމާއި އެ ދުވަސްތަކުގައި އެމީހުންނަށް އުނދަގޫވެދާނޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް އަސަދު އޮތީ ބުނެފައެވެ. ހުރިހާ ގޮތަކުން "ޕްރައިވެސީ" އެ ދެމަފިރިންނަށް އޮތީ އަސަދު ފަހިކޮށްދީފައެވެ. ހަނީމޫނަށްތޯ އެ ރަށަށް އައީ ގަފޫރު އަހާލީ ލާނެތް ގޮތަކަށެވެ. ލުއި ހިނިތުންވުމަކާއެކު ކައިރީގަ ހުރި އަނބިމީހާއަށް ބަލާލަމުން ލައިތު ބޯޖަހާލިއެވެ.
(ނުނިމޭ)