ދިވެހި ޕްރިމިއާ ލީގްގައި މިއަދު ހަވީރު، ދަ ގުރާންޑޭ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުޅުނު މެޗު 1-1 އެއްވަރު ވެގެން ނިމިއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ގުރާންޑޭއިންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 60 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަލީ އިފާޒު (އިފައްޓޭ) އެވެ. އޭނާ ލަނޑު ޖެހީ އުޒްބެކިސްތާންގެ އަކްރޯރް އުމާޒަނޯވް ދިން ފުރުސަތަކުންނެވެ. ސަސްގެ އޭރިއާ ބޭރުގައި ހުރެފައި، އަކްރޯވް ބޯޅަ ދިނީ، އެ ބޯޅައަށް ގްރާންޑޭގެ ކުޅުންތެރިޔަކު އަރާނެ ކަން އެނގިގެންނެވެ. ސަސްގެ ޑިފެންޑަރުންނަށް ރަނގަޅަށް ސަމާލު ނުވެވި ތިއްބައި އިފައްޓޭ އޭރިއާ ތެރެއަށް ވަދެ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލި އެވެ.
އޭގެ ފަހުން ނަތީޖާ ފުޅާ ކުރަން ގުރާންޑޭއަށް ޕެނަލްޓީ އެއް ލިބުނެވެ. އެ ޕެނަލްޓީ އަކީ ސަސްގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު އަހްމަދު އައިހަމް، ގުރާންޑޭގެ އުޒްބެކިސްތާންގެ ފޯވަޑް އޮޓަބެކް ހައިދަރޯވްއަށް ކުރި ފައުލާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ޖަހަން ދިޔައީވެސް އޭނާ އެވެ. އާނެ ފޮނުވާލި ޕެނަލްޓީ އޭނާއަށް އެއް ގައުމަކަށް ނިސްބަތްވާ ސަސްގެ ކީޕަރު މިރުޒޯހިދު މަމަކްތަނޯވް ދިފާއު ކުރި އެވެ.
ސަސްއިން ނަތީޖާ ހަމަހަމަ ކުރީ އޭގެ އެއް މިނެޓް ފަހުންނެވެ. ސަސްގެ ޖަޕާންގެ މިޑްފީލްޑާ އަޓުޝޫޝީ ޔޮނެޒަވާއަށް ލިބުނު ބޯޅަ އޭނާ ދީނީ އޭރިއަ ތެރެއަށް ވަން ޔޫސުފް ޖުނައިދު އަށެވެ. ޖުނައިދު މަސައްކަތް ކުރީ ދަ ގުރާންޑޭގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު އެ ބޯޅަ ގޯލްގެ ތެރެއަށް ޖެހުމަށެވެ. އެހެންނަމަވެސް އޭނާ އަތުން ބޯޅަ ގެއްލި ދެން ބޯޅަ ލިބުނީ އަޓުޝޫޝީ އަށެވެ. އޭނާ ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.