ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

"މިސްކިތު ދަރުސްތަކަށް ހުއްދަ ދެވޭނެ ދުވަހެއް ނޭންގެ"

މިސްކިތްތަކުގައި އިލްމުވެރިން ބާއްވަމުން އައި ދަރުސްތަކަށް އަލުން ފުރުސަތު ދެވޭނެ ވަކި ދުވަހެއް އަދި ނޭންގޭ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރި ކަމަށްޓަކައި މިސްކިތުގައި ޖަމާއަތް ހެދުންވެސް ހުއްޓާލިއެވެ. އަދި މިސްކިތްތައް ބަންދުވެސް ކުރިއެވެ. ނަމަވެސް ކޮވިޑް ކޭސްތައް ފެންނަ މިންވަރު މަދުވުމުން މިސްކިތްތައް ހުޅުވާލިއެވެ. އަދި ޖަމާއަތުގައި ނަމާދު ކުރަންްވެސް ހުއްދަ ދިނެވެ.

ނަމަވެސް މިސްކިތްތަކުގައި އިލްމުވެރިން ބާއްވަމުން އައި ދަރުސްތަކަށް އަދި ފުރުސަތު ދީފައެއް ނުވެއެވެ. ބައެއް އިލްމުވެރިން މިއަދު ވަނީ މިސްކިތްތަކުގައި އަލުން ދަރުސްތައް ބޭއްވުމުގެ ހުއްދަ ދިނުމަށް ގޮވާލާފައެވެ. އެ އިލްމުވެރިން ވަނީ މިސްކިތުގައި ދަރުސްތައް ބޭއްވޭނެ ގޮތް ވުމަކީ ދިވެހި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންތައް ކަމަށް ވިދާޅުވެފައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އިވެންޓްތަކާއި ހަރަކާތްތައް ބޭއްވުމުގައި އަމަލު ކުރަންޖެހޭ ގައިޑްލައިން މިހާރު ނެރެފައިވާ ކަމަށެވެ. އަދި މިސްކިތްތަކުގައި ދަރުސް ދެއްވާ ބޭފުޅުންވެސް އެ ބޭފުޅުން އެކަން ކުރައްވާނެ ގޮތެއް އެޗްޕީއޭއަށް ހުށައެޅުމުން ބަލަން ޖެހޭ ކަންކަމަށް ބެލުމަށް ފަހު ހުއްދަ ދޭނީތޯ ނުވަތަ ނޫންތޯ ނިންމާނެ ކަމަށެވެ. އެފަދަ ކަންކަމަށް ހުއްްދަ ދޭނެ ވަކި ތާރީހުތަކެއް ކަނޑައަޅާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމަށްޓަކައި ހިންގަމުންދިޔަ ކާފިއުވެސް ވަނީ އުވާލާފައެވެ. ރާއްޖެއިން ފުރަތަމަ ކޮވިޑް ކޭހެއް ފެނުނީ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ. މާލެއިން ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މާލޭގައި އެކި ވަގުތު ކާފިއު ހިންގަން ފެށިއެވެ. ނަމަވެސް ކޮވިޑްގެ ކޭސްތައް މަދުވާން ފެށުމުން ލުއިދޭން ފެށިއެވެ. އަލުން މާލޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުންނެވެ. ނަމަވެސް މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ދަށްވަމުންނެވެ. އެހެން ކަމުން ކުރިން އަޅާފައިވާ ގިނަ ފިޔަވަޅުތައް މިހާރު ވަނީ އުވާލާފައެވެ.