ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޑީސީ

އެޗްޑީސީ ކޮވިޑް ފެސިލިޓީ ނިމޭނީ އޮކްޓޫބަރަށް

ހުޅުމާލޭގައި ހަދަމުންދާ ކޮވިޑް ފެސިލިޓީގެ މަަސައްކަތް އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އޮރެންޖް ހިޔާ ކޮވިޑް ފެސިލިޓީގެ ނަމުގައި ފެސިލިޓީ ހަދަމުންދަނީ އެޗްޑީސީން ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ކުރިން ބޭނުން ކުރަމުން އައި އިމާރާތެއްގަ އެވެ.

އެ އިމާރާތް ކޮވިޑް ފެސިލިޓީއަކަށް ބަދަލުކުރަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރުމާއި ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ކަމަށް އެޗްޑީސީން ބުނެ އެވެ.

"ފެސިލިޓީގެ 41 ޕަސެންޓް މަސައްކަތް މިހާރު ނިމިފައި. ކުރިއަށް ދަނީ ޕާޓިޝަން މަސައްކަތާއި ޕެބްރިކޭޝަން މަސައްކަތާއި ކުލަލުމާއި ސީލިންގްގެ މަސައްކަތް." އެޗްޑީސީން ބުންޏެވެ.

އެޗްއީއޯސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގްް ވިދާޅުވީ އޮރެންޖް ހިޔާ ފެސިލިޓީއަށް ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ބޭނުންކުރާ ގިނަ ސާމާނު ވެސް އެތަނުގައި ބޭނުން ކުރާނެ ކަމަށެވެ. ނަޒްލާ ވިދާޅުވީ އިތުރަށް ބޭނުންވާ ސާމާނާއި އެތަނަށް ދާއިމީ ސްޓާފުން ހޯދުމުގެ މަސައްކަތް ވެސް މިވަގުތު ކުރަމުންދާ ކަމަށެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2512 މީހުންނެވެ. މިހާތަނަށް 75،253 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 20 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 222 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ. އެންމެ ފަހުން މީހަކު މަރުވީ މިދިޔަ ބުދަ ދުވަހު އެވެ. އެއީ ފުވައްމުލަކުން މަރުވި ދޮށީ އުމުރުގެ ފިރިހެނެކެވެ.