ބޮލީވުޑް

ޝާހްރުކްގެ "ޕަޓާން"ގައި ޑިމްޕަލް ބައިވެރިވެއްޖެ

ޝާހްރުކް ޚާންގެ "ޕަޓާން" ރަސްމީކޮށް އިއުލާން ނުކުރިޔަސް ފިލްމުގެ މަސައްކަތް މިހާޜު ވަރަށް ބާރަށް ކުރިޔަށް އެބަދެ އެވެ. ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މުމްބައިގައި ކުރިޔަށްދާ ފިލްމުގެ ޝޫޓިންގްގައި ޑިމްޕަލް ކަޕާޑިއާ ވެސް މިހާރު ދަނީ ބައިވެރިވަމުންނެވެ.

ފިލްމެއް ރަސްމީކޮށް އިއުލާން ނުކޮށް ޝޫޓިން ބާރަށް ކުރިޔަށް ގެންދާތީ ފޭނުންގެ މެދުގައި މި ފިލްމަށް އޮތް ޝައުގުވެރިކަން އިންތިހާއަށް ވަނީ އިތުރުވެފަ އެވެ. ސަބަބަކީ މިއީ މިގޮތަށް ފިލްމެއްގެ މަސައްކަތް ކުރާ ފުރަތަމަ ފަހަރު ކަމަށް ވެފައި ފިލްމާ ގުޅޭ ސުޕަސްޓާރުން އިތުރުވަމުންދާ ކަމުގެ ހަބަރުތައް ލިބެމުން ދާތީ އެވެ.

ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމުގެ ނަމަކީ "ޕަޓާން" ނަމަވެސް މި ފިލްމުގެ އެއްވެސް ހަބަރެއް މިހާތަނަށް ރަސްމީ ސިފައެއްގައި އިއުލާން ކޮށްފައެއް ނެތެވެ. ނަމަވެސް ޔަގީންވާ ކަމަކީ ޝާހްރުކް މި ފިލްމުގެ ޝޫޓިންގް ކުރިޔަށް އެބަ ގެންދާ ކަމެވެ. އަދި ވަރަށް އަވަހަށް ދީޕިކާ ޕަދުކޯން އާއި ޖޯން އެބްރަހަމް ވެސް ފިލްމުގައި ބައިވެރިވާނެ ކަމެވެ.

ޑިމްޕަލް އާއި ޓީވީ އެކްޓަރު ގޯތަމް ރޯޑޭ، ޝާޖީ ޗައުދަރީ ވެސް ފިލްމުގައި ބައިވެރިވާއިރު މެހެމާނެއްގެ ރޯލުން ސަލްމާން ޚާން ވެސް ފެންނާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. ސަލްމާން މި ފިލްމުގައި ކުޅެނީ އޭނާގެ "ޓައިގާ ފްރެންޗައިސް" ގައި ކުޅޭ ޓައިގާ ކެރެކްޓާ އެވެ.

ކުރިން ފިލްމުގެ ޝޫޓިންގައި ޝާހްރުކް އެކަނި ބައިވެރިވަމުންދިޔަ ނަމަވެސް މިހާރު ޑިމްޕަލް ވެސް ވަނީ ޝޫޓިން ފަށާފަ އެވެ.
ދާދިފަހުން ވަނީ ޑިމްޕަލް ހޮލީވުޑަށް ތައާރަފްވި ފިލްމު "ޓެނެޓް" ރިލީޒްކޮފަ އެވެ. ކްރިސްޓޮފާ ނޮލާންގެ މި ފިލްމަށް ކްރިޓިސް އާއި ބެލުންތެރިން ބޮޑު ތަރުހީބެއް ދީފައިވާއިރު ހުރިހާ އެންމެން ވެސް ޑިމްޕަލްގެ އެކްޓިން މޮޅުކަމުން އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައި ވެއެވެ.

ޝާހްރުކް އާއި ޑިމްޕަލް މީގެ 28 އަހަރު ކުރިން އެކުގައި ފިލްމެއްގައި ބައިވެރިވި އެވެ. އެއީ ހެމާ މާލިނީ 1992 ގައި ޑައިރެކްޓްކުރި "ދިލް އާޝްނާ ހޭ" ގައެވެ. މި ފިލްމަކީ ޓީވީ އެކްޓަރެއްގެ ގޮތުގައި ސިލްސިލާތައް ކުޅެމުންދިޔަ ޝާހްރުކް ބޮލީވުޑަށް ވަނުމުގެ ގޮތުން ކުޅުނު ފުރަތަމަ ފިލްމު ވެސް މެއެވެ.

ޝާހްރުކްގެ "ޕަޓާން"ގައި ޑިމްޕަލް ބައިވެރިވުމާ ގުޅޭ ގޮތުން އިންޑިޔާގެ ނޫހަކަށް މައުލޫމާތު ދިން މީހަކު ބުނެފައިވަނީ "ޓެނެޓް"ގައި ޑިމްޕަލް ކުޅުނު ރޯލަށްފަހު އޭނާއަށް ފިލްމީ ފުރުސަތުތައް ލިބޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. އަދި "ޕަޓާން"ގެ ސްކްރިޕްޓް ޑިމްޕަލް އަށް ވަރަށް ކަމުގޮސްގެން އެ ފިލްމަށް އާނއެކޭ ބުނީ ކަމަށެވެ.

މި ފިލްމުގައި ޑިމްޕަލް ކުޅެނީ ރޯ (ރިސާޗް އެންޑް އެނަލިސިސް ވިންގް) އޮފިސަރެއްގެ ރޯލެވެ. ޝާހްރުކްގެ މިޝަންގައި އޭނާ އަށް އެހީތެރިވެދެނީ ޑިމްޕަލްގެ ކެރެކްޓާ އެވެ.

މުމްބައީގައި މިހާރު ކުރިޔަށްދާ ޝޫޓިންގްގައި ޑީމްޕަލް ބައިވެރިވާނީ 20 ދުވަހަށެވެ. ސަބަބަކީ ޑިމްޕަލް މިހާރު ކުޅެމުންދާ ވެބް ސީރީޒް "ޓާންޑަވް"ގެ ޝޫޓިންގްގައި ބައިވެރިވާން ޖެހޭތީ އެވެ.

"ޕަޓާން" ގައި ޖޯން ކުޅެނީ ނުބައިބައި ބޮސްގެ ރޯލެވެ. މި ފިލްމަކީ ޔާޝް ރާޖް ފިލްމްސްގެ "ސްޕައި ޔުނިވާސް" ގެ ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ.

ސަލްމާން އޭނާގެ "ޓައިގާ" ފިލްމުތަކުގައި ކުޅެފައިވާ ކެރެކްޓާގައި މި ފިލްމުގައި ބައިވެރިވާއިރު ރިތިކް ރޯޝަން "ވޯ" ގައި ކުޅުނު ކަބީރްގެ ކެރެކްޓާގައި ފެންނާނެ ކަމަށް ވެސް އިންޑިޔާގެ ނޫސް ތަކުން ވަނީ ބުނެފަ އެވެ.