ބޮލީވުޑް

ޑޭވިޑް އާއި ގޯވިންދާގެ މައްސަލައަށް ހައްލެއްނެތް

އެކްޓަރު ގޯވިންދާ އާއި ޑައިރެކްޓަރު ޑޭވިޑް ދަވަން އަކީ އެއް ޒަމާނެއްގައި ބޮލިވުޑްގެ އެންމެ ކާމިޔާބު އެކްޓަރު-ޑައިރެކްޓަރު ޖޯޑެވެ. މި ދެ ފަންނާނުން ގުޅިގެން އުފެއްދި 17 ފިލްމަކަށް ބޮޑެތި ކާމިޔާބީތައް ލިބިފައި ވެއެވެ.

ނަމަވެސް މި ދެ މީހުންގެ މެދުގައި ބޮޑެތި މައްސަލަތަކެއް ޖެހި އެކުގައި ފިލްމީ މަސައްކަތް ކުރުން ވަކި ހިސާބަކުން ވަނީ ހުއްޓާލާފަ އެވެ. ޑޭވިޑް އާ ޖެހުނު މައްސަލައިގެ ވާޙަކަ ގޯވިންދާ އެންމެ ކުރިން ނުދައްކަ އެވެ. ނަމަވެސް ދެ މީހުން މައްސަލަޖެހި މުޅިން ވަކިވިތާ އެތައް އަހަރެއް ފަހުން އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ގޯވިންދާ ވަނީ މި ވާހަކަތައް ހިއްސާ ކޮށްފަ އެވެ.

ޑޭވިޑް އާއި ގޯވިންދާ އާ ޖެހުނު މައްސަލައަކީ ޑޭވިޑް އުންމިދުކުރާ ގޮތަށް ގޯވިންދާ އަށް ކަންތައްތައް ނުކުރެވުން ކަމަށް އިންޑިޔާގެ ނޫސްތަކުން ވަރަށް ކުރިންސުރެ ބުނެފައި ވެއެވެ. މިއީ ހަގީގަތުގައި ވެސް އެކަން ވީގޮތްކަން ގޯވިންދާގެ ވާހަކަތަކުން ސާބިތުވެ އެވެ.

"އޭނާގެ ދަރިފުޅު (ވަރުން ދަވަން) އާއެކު 17 ފިލްމު އުފައްދާފައި އޭނާ (ޑޭވިޑް) އަށް މަށާ އެ ސުވާލު ކުރެވިދާނެ. އަހަންނަކަށް ހިއެއް ނުވޭ އޭނާގެ އަމިއްލަ ދަރިފުޅު ވެސް އޭނާއާއެކު 17 ފިލްމުގައި މަސައްކަތް ކުރާނެހެނެއް. ސަބަބަކީ އެއީ އޭނާގެ ދަރިފުޅު ވީމަ،" ގޯވިންދާ ބުނެފައި ވެއެވެ.

ގޯވިންދާ އެންމެ ބޮޑަށް ރުޅިއައީ އޭނާގެ ސެކްރެޓަރީ ކައިރީގައި ގޯވިންދާ އޭ ކިޔައިގެން ޑޭވިޑް ދެއްކި ވާހަކަ ތަކެއް އަޑު އިވިގެންނެވެ.

"އަހަރެން އަޑުއެހިން ޑޭވިޑް ބުނި އަޑު ޗީޗީ (ގޯވިންދާ އަށް ލޯބިން ކިޔާ ނަން) މާ ގިނައިންނޭ ސުވާލު ކުރަނީ. ގޯވިންދާ އާއެކު އިތުރަށް މަސައްކަތް ކުރާކަށް ބޭނުމެއް ނޫނޭ. އޭނަ ކައިރީ ބުނާށޭ ކުދިކުދި ރޯލުތައް ދެން ކުޅެލާށޭ ސެކްރެޓަރީ ކައިރީ ބުނި އަޑު. މި ވާހަކަތައް އިވިފައި އަހަންނަށް ލިބުނީ ބޮޑު ޝޮކެއް. އަދި ޑޭވިޑް އާއެކު އެއްވެސް އިތުރު ފިލްމެއް ނުކުޅެން އަހަރެން ނިންމީ،" ގޯވިންދާ ބުންޏެވެ.

ޑޭވިޑް އާއި ގޯވިންދާ އެންމެ ފަހުން އެކުގައި ބައިވެރިވީ 2007 ގައި ރިލީޒްކުރި "ޕާޓްނާ"ގަ އެވެ. މި ފިލްމުގައި ސަލްމާން ޚާން ވެސް މުހިއްމު ބައެއް އަދާކުރި އެވެ.

މި ހިޓް ޖޯޑުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި 1990 ގައި ރިލީޒްކުރި (ސްވަރުގް"، "ރާޖާ ބާބޫ" (1994)، "ކޫލީ ނަންބަރު 1 (1995)، "ސާޖަން ޗަލޭ ސަސުރާލް (1996)، "ހީރޯ ނަންބަރު 1 (1997) "ބަޅޭ މިޔާން ޗޯޓޭ މިޔާން (1998)، އަދި 1999 ގައި ރިލީޒްކުރި "ހަސީނާ މާން ޖާއޭގީ" ފާހަގަ ކޮށްލެވެ އެވެ.