މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަގައި މިދިއަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ މާލެ ސަރަހައްދަށް ކަަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިން ބުނެފި އެވެ.
އެ އިދާރާ އިން ބުނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 ޖެހުމާ ހަމައަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ރިކޯޑް ކުރެވިފައި ވަނީ މާލެ ސަރަހައްދަށެވެ. އިއްޔެ ކުރި ވިއްސާރާގައި ބޯކޮށް ވާރޭ ވެހި މާލޭގެ ބޮޑު ބައެއްގައި ފެން ބޮޑުވެފައިވާއިރު ރޭ ވެސް އިރާކޮޅުން ފެށިގެން ފަތިސް ވުމާ ހަމައަށް މާލެއަށް ކެރިކަނޑާ ނުލައި ވާރޭ ވެހުނެވެ.
މުސޫމާބެހޭ އިދާރާގެ ރިކޯޑްތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދަށް 65 މިލިލީޓަރުގެ ވާރޭ ވެހިފައި ވެއެވެ. ދެން އެންމެ ގިނައިން ވާރޭވެހުނީ ނ. އަތޮޅަށެވެ. އެއީ 61.8 މިލިލީޓަރަށެވެ. ވ. އަތޮޅަށް 56.7 މިލިލީޓަރަށަށް ވާރޭ ވެހުނެވެ.
މާލެ ސަރަހައްދު ހިމެނޭ ގޮތަށް އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުނު އިރު ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ބުނީ މޫސުން ގޯސްވެ ރޭ ވިއްސާރަކޮށް ވާރޭ ވެހުނު ނަމަވެސް އެއްވެސް ރަށަކަށް ގެއްލުމެއްވީ ކަމުގެ ރިޕޯޓެއް ނެތް ކަމަށެވެ.
އެ އިދާރާއިން އެހެން ބުނި އިރު އިއްޔެ އާއި ރޭ ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އާންމު ދިިރިއުޅުމަށް ދަތިވި އެވެ. އަދި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ފުށް ގުދަނާ ހިސާބުން ޕަންޕް ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ކުރި އެވެ
މޫސުމާބެހޭ އިދާރާއިން ބުނީ މިއަދާއި މިރޭވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ފޯކާސްޓް ކުރެވިފައިވާ ކަމަށެވެ.
އެ އިދާރާގެ ވެދާ ފޯކާސްޓްގައިވާ ގޮތުން އުތުރާއި މެދު އަތޮޅު ތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ އެވެ.
މޫސުން ގޯސްވެ ކުރި ވިއްސާރާގައި ރާއްޖޭގެ ބައެއް އަތޮޅު ތަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ކަމަށެވެ.
ރާއްޖޭގައި މިހާރު ކުރިޔަށް ދަނީ އިރުވައި މޫސުމެވެ. އާންމު ގޮތެއްގައި ހުޅުނގު މޫސުން ނިމި އިރުވައި މުސޫމުގެ މުލަ ނަކަތާއި ދެވަނަ ނަކަތް، ފުރަހަޅާގައި ވިއްސާރަ ކުރެއެވެ. ފުރަހަޅަ ނަކަތް ފަށާނީ މާދަމާ އެވެ. އެ ނަކަތް އޮންނާނީ ޖަނަވަރީ ފަސްވަނަ ދުވަހާ ހަމައަށެވެ.