އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކު މަރުހަލާތަކަކަށް ބަހާލައިގެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުންކުރުން މަނާކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މިދިއަ ޖުލައި މަހުގެ ތެރޭގައި އެ ގާނޫނު މަޖިލީހުން އެންމެ ފުރަތަމަ އިސްލާހުކޮށްފައި ވަނީ، އަންނަ ޖެނުއަރީ މަހުން ފެށިގެން، އެފަދަ ޕްލާސްޓިކް ރާއްޖެ އެތެރެ ކުރުން މަނާ ކުރާ ގޮތަށެވެ.
ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށާއި ވިޔަފާރިތަކަށް އަސަރުކޮށްފައިވާއިރު އަންނަ އަހަރު ޕްލާސްޓިކްގެ ގިނަ ބާވަތްތައް އެއްފަހަރާ އެތެރެކުރުން މަނާކުރުމުގެ ބަދަލުގައި، އެކި މަރުހަލާތަކަށް ބަހާލައިގެން އެކި މުއްދަތުތަކުގައި ސިންގަލް-ޔޫސް ޕްލާސްޓިކް މަނާކުރުމުގެ ފުރުސަތު ދިނުމަށް، މަޖިލީހުން ވަނީ މިމަހު އިތުރު އިސްލާހެއް ގެންނަން ފާސްކޮށްފައި އެވެ.
މިއަދު ތަސްދީގު ކުރެވުނު އިސްލާހުގައިވާ ގޮތުން، ސިންގަލް-ޔޫޒް ޕްލާސްޓިކުގެ ލިސްޓައަކާއެކު، އެކި މަރުހަލާ ތަކަކަށް ބަހާލައިގެން، އެތަކެތި އެތެރެކުރުން މަނާކުރުމުގެ އިހުތިޔާރު ރައީސަށް ލިބިވަޑައިގަންނަވާނެ އެވެ.
އަދި، އެތަކެތީގެ، ލިސްޓެއް ތައްޔާރުކޮށް އޭގައި ހިމެނޭ ތަކެތި ބޭނުންކުރުން މަނާކުރާނެ ތާރީހާ އެކު އަންނަ އަހަރުގެ ކުރިން ގެޒެޓުގައި ޝާއިއު ކުރަން ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި އަދި ބޭނުންކުރުން 2023 ގެ ނިޔަލަށް ހުއްޓާލުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއިން ވަނީ "ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" އެއް އެކުލަވާލާފައެވެ. މީގެ އިތުރުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގެ "ޖަޒީރާ ދިރިއުޅުން" ބައިގެ "ކުންޏަކީ ވަސީލަތަކަށް ހެދުން" މި ދާއިރާގެ ދަށުން އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު މަދުކުރުމުގައި އަމަލުކުރާނެ ސިޔާސަތުތައް ވަނީ ކަނޑައަޅާފައެވެ.