އިދިކޮޅު ފަރާތްތައް

"އިދިކޮޅު ފިކުރުގެ މީހުން ވަކިކުރުމަކީ ލާއިންސާނީ އަމަލެއް"

އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާ މުވައްޒިފުން ވަޒީފާތަކުން ވަކިކުރަމުން ގެންދިއުމަކީ ލާއިންސާނީ އަމަލެއް ކަމަށާ އެކަން ކުށްވެރިކުރާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން މިހެން ބުނެފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ މުވައްޒިފެއްގެ ގޮތުގައި ހުރި ޕީޕީއެމްގެ ކައުންސިލް މެންބަރު ސޫދާ އަބްދުﷲ ވަޒީފާއިން ވަކިކުރުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

މި ސަރުކާރުގެ ވެރިން ވެރިކަމަށް އައީ ވަޒީފާގެ ބިރުވެރިކަން ނައްތާލުމަށާއި ވަކި ސިޔާސީ ކުލައަކަށް ވަކި ފިކުރަކަށް ތާއީދުކުރާ މީހުންނަށްވެސް ވަޒީފާގެ ރައްކާތެރިކަން އޮންނާނެ ކަމުގެ ވައުދާއެކު ކަމަށާ ނަމަވެސް ވެރިކަމަށް އައިސް އިދިކޮޅު ފިކުރުގެ މުވައްޒިފުންނަށް ބިރުދައްކާ ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނަށް ތާއީދު ނުކުރި ނަމަވެސް ސަރުކާރުން ހިތްހަމަނުޖެހޭ މުވައްޒިފުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށްވެސް އެ ބަޔާނުގަައި ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ މުވައްޒިފުންގެ ވަޒީފާގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް ގޮވާލާފައެވެ.