ޑްރަގާ ގުޅުން ހުރި މައްސަލަ އެއްގެ ތަހުގީގަކަށް ދެ ވަނަ ފަހަރަށް އެކްޓަރު އަރްޖުން ރާމްޕާލް މުމްބައިގެ ނާކޮޓިސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހާޒިރުކޮށްފި އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ވެސް އަރްޖުން އެންސީބީއަށް ހާޒިރުކޮށް ސުވާލު ކޮށްފައި ވެއެވެ. އަދި ނޮވެމްބަރު 9 ވަނަ ދުވަހު އެންސީބީ އޮފިޝަލުން އަރްޖުންގެ ގެޔަށް ވަދެ އެ ގެ ބަލާ ފާސްކޮށް ބައެއް އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައި ވެއެވެ.
އެ ފަހަރު އަރްޖުންގެ ލޯބިވެރިޔާ ގަބްރިއެލާ ޑެމިޓްރިއަޑެސް ވެސް އެންސީބީ އަށް ހާޒިރުކޮށް ހަ ގަޑިއިރު ވަންދެން ސުވާލު ކުރި އެވެ. އަދި ގަބްރިއެލާގެ ބޭބެ އަގިސިލާއޮސް ހައްޔަރުކޮށްފައި ވެއެވެ.
އަރްޖުންގެ ގެ ބަލާ ފާސްކުރިއިރު އެ ގެއިން މަނާ ބޭސްތަކެއް ފެނިފައިވާ ކަމަށް އެންސީބީ އޮފިޝަލުން އިންޑިޔާގެ ނޫސްތަކަށް ބަޔާން ދީފައި ވެއެވެ. އަދި އަރްޖުން، 47، ހާޒިރުކުރީ އެ ބޭސްތައް އޭނާގެ އަތުގައި ހުރީ ކީއްވެތޯ ސުވާލު ކުރުމަށް ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.
އެންސީބީއަށް ހާޒިރުކޮށް ސުވާލު ކުރި ފަހުން މީޑިއާ އާ ވާހަކަ ދައްކަމުން އަރްޖުން ބުނީ އޭނާގެ އަތުގައި އެ ބޭސްތަކުގެ ޑޮކްޓަރު ޕްރިސްކްރިޕްޝަން އޮތް ކަމަށާއި އެ ބޭސް ސިޓީ އެންސީބީ އޮފިޝަލުންނާ ހަވާލުކޮށްފައި ވާނެ ކަމަށެވެ. އަރްޖުންގެ ގެއިން ފެނުނީ ޓްރެމެޑޯލް ކިޔާ ވަރަށް ބާރުގަދަ ޕެއިންކިލާ އެކެވެ. އެ ބޭހަކީ ޕްރިސްކްރިޕްޝަނާ ނުލައި ވިއްކުން އިންޑިޔާގައި މުޅިން މަނާ ބޭހެކެވެ.
އަރްޖުންގެ ލޯބިވެރިޔާގެ ބޭބެ ހައްޔަރުކޮށް ފާސްކުރިއިރު އޭނާ އަތުން މަސްތުވާ ތަކެތި ފެނިފައި ވެއެވެ. އޭނާ ހައްޔަރުކުރީ އެހެންވެ އެވެ. ނަމަވެސް މިހާރު އޭނާ ވެސް ހުރީ ބެއިލްގެ ދަށުން މިނިވަން ވެފަ އެވެ.
ބޮލީވުޑް ތަރިންނަށް އަމާޒުކޮށް އެންސީބީން ޑްރަގް ތަހުގީގު ފަށައިގެން އުޅެނީ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ ގުޅިގެން ކުރަމުން ދިޔަ ތަހުގީގަކަށް ލިބެމުންދާ މައުލޫމާތާ ގުޅިގެންނެވެ. އެގޮތުން ބޮލިވުޑް ވަރަށް ގިނަ ތަރިން އެންސީބީ އަށް ހާޒިރުކޮށް އެމީހުންނާ ސުވާލުކޮށްފައި ވެއެވެ. އަދި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އާއި އޭނާގެ ކޮއްކޮ ޝޯވިކް ހައްޔަރުކޮށް ސުވާލު ކޮށްފައި ވެއެވެ.
ނަމަވެސް މި ދެ މީހުންގެ އެއްވެސް ކުށެއް މިހާތަނަށް ފެނިފައިނެތް ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ. މިހާރު ރިއާ އާއި ޝޯވިކް ވެސް ވަނީ ބެއިލް ބަހައްޓައިގެން މިނިވަން ވެފަ އެވެ.