ބޮލީވުޑް

އަނެއްކާވެސް "ދަމް ލަގާކޭ ހައިޝާ"ގެ ތަރިންގެ އާފިލްމެއް

Oct 23, 2015

މިއަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން އެންމެ ތަފާތު ފިލްމަކަށް ނިކުތީ އާޔުޝްމާން ކުރާނާ އާއި ބޫމީ ޕަޑްނޭކަރް ލީޑްރޯލުން ފެނިގެންދިޔަ "ދަމް ލަގާކޭ ހައިޝާ" އެވެ.

މިފިލްމުގައި ފެނިގެންދިޔަ މިދެތަރިންގެ ކެމިސްޓްރީ ވަރަށް ފުރިހަމަކަމަށް ބުނެ ގިނަބަޔަކު ތައުރީފުކޮށްފައިވާއިރު، މިދެތަރިންނަށް އަނެއްކާވެސް މިވަނީ ލޯބީގެ ފިލްމެއް ކުޅުމުގެ ފުރުސަތު ލިބިގެން ގޮސްފަ އެވެ.

އަދި ނަމެއް ދީފައިނުވާ މިފިލްމަކީ "ތަންނޫ ވެޑްސް މަންނޫ ރިޓާންސް"ގެ ޑައިރެކްޓަރު ޕްރޮޑިއުސްކޮށް ސަމީރް ޝަރްމާ ޑައިރެކްޓްކުރާ ފިލްމެކެވެ.

ދެވަނަ އަށް ކުޅޭ ފިލްމުގައި ވެސް އާޔުޝްމާން އާއެކު އެކްޓްކުރަން ފުރުސަތެއް ލިބުން އުފަލުން ހުރި ބޫމީ ވަނީ ސަމީރް ޑައިރެކްޓްކުރާ ފިލްމު ކުޅޭކަން ޔަގީންކޮށްދީފަ އެވެ.

"ދަމް ލަގާކޭ ހައިޝާ" އިން ބޫމީ ފެނިގެންގޮސްފައިވަނީ ޕްލަސް ސައިޒްގެ އަންހެން ކުއްޖެއްގެ ރޯލުންނެވެ. މިހާރު ބަރުދަން ބޮޑުތަން ބޫމީ ލުއިކޮށް، ހަށިގަނޑަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާއިރު އޭނާ ދެކޭ ގޮތުގައި ދެވަނަ އަށް ކުޅޭ ފިލްމަކީ ކުޅެން ވަރަށް އުނދަގޫވާނެ ފިލްމެކެވެ.

އިތުރަށް މިފިލްމާއި ބެހޭގޮތުން ވާހަކަދައްކަމުން ބޫމީ ވަނީ މިފިލްމަކީ ޕަންޖާބީ ލޯބީގެ ވާހަކައެއް ކަމަށާއި އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފެށޭނެ ކަމަށެވެ.

އާޔުޝްމާން އާއި ބޫމީގެ ފުރަތަމަ ފިލްމުހާ ރީތި ލޯބީގެ ފިލްމަކަށް އަލަށް މިދެތަރިން ކުޅޭ ފިލްމުވެސް ވެގެންދާނެ ކަމަށް ބެލުންތެރިން އުންމީދުކުރެ އެވެ.

ސަމީރް މީގެކުރިން ޑައިރެކްޓްކޮށްފައިވާ "ލަވް ޝަވްތޭ ޗިކަން ކުރާނާ" އެކަންޏެވެ. ނަމަވެސް އޭނާ ވަނީ "ދިލްވާލޭ ދުލްހާންޔާ ލޭ ޖާއެނގޭ" އާއި "ދިލް ތޮ ޕާގަލްހޭ"ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ. އަދި ފިލްމު "ސްވަދޭސް" އަކީ ވެސް ސަމީރް ލިޔެފައިވާ ވާހަކައެކެވެ.