ބޮލީވުޑް

"މިޝަން މަޖްނޫ"ގައި ސިދާރްތު އާއެކު ރަޝްމިކާ

ރަޝްމިކާ މަންޑަނާ އަކީ ސައުތު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ވަރަށް މަޝްހޫރު ބަތަލާ އެކެވެ. މިހާރު އޭނާ ވަނީ ބޮލީވުޑަށް ތައާރަފުވުމުގެ ދަތުރު ފަށާފަ އެވެ. ރަޝްމިކާ ބޮލިވުޑަށް ނުކުންނާނީ ސިދާރްތު މަލްހޯތުރާ ބަތަލުގެ ބައި ކުޅޭ ތުރިލާ "މިޝަން މަޖްނޫ" އިންނެވެ.

މި ފިލްމަކީ 1970 ގެ އަހަރު ތަކުގައި ހިނގި ހަގީގީ ހާދިސާތަކެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. ޕާކިސްތާނުގެ ތެރޭގައި އިންޑިޔާއިން ހިންގި ވަރުގަދަ ޖާސޫސީ ކަންތައްގަނޑަކާ ގުޅިގެން ދެ ގައުމުގެ ގުޅުން އަބަދަށްޓަކައި ބަދަލުވާން ދިމާވި ހަގީގީ ސަބަބުތައް މި ފިލުމުގައި ދައްކައިދޭނެ ކަމަށް ރަޝްމިކާގެ ޓުވީޓެއްގައި ބުނެފައި ވެއެވެ.

ރޯނި ސްކްރޫވާލާ ޕްރޮޑިއުސްކުރާ މި ފިލްމާ ގުޅޭ ގޮތުން ރޯނީ ކުރި ޓުވީޓެއްގައި ބުނި އިންޑިޔާއަށް އެހެން ގައުމުތަކުން ކުރިމަތިކުރާ ބިރުތަކާ ދެކޮޅަށް ހަނގުރާމަކުރުމަށް ފަރުދާގެ ފުރަގަހުގައި ފޮރުވި ތިބެގެން ވެސް އެތައް ހާސް ހީރޯ އެއް މަސައްކަތް ކުރެ އެވެ. އެމީހުންގެ މަސައްކަތް އާންމުގޮތެއްގައި ނިމިގެން ދަނީ އެއްވެސް މީހަކަށް އެކަން ނޭނގި އެވެ.

ރޯނީ ބުނި ގޮތުގައި "މިޝަން މަޖްނޫ"ކިޔައި ހާމަކޮށްދޭނީ އެފަދަ ބަތަލުންގެ ގުރުބާނީ އެވެ.

ޕަރްވޭޒް ޝެއިޚް އާއި އަސީމް އަރޯރާ އަދި ސުމިތު ބަތީޖާ ލިޔެފައިވާ މި ތުރިލާ ޑައިރެކްޓްކުރާނީ މުޅިން އަލަށް ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތަށް ނުކުންނަ އެޑް ފިލްމްމޭކާ ޝާންތާނޫ ބަގްޗީ އެވެ.

ބޮލީވުޑް ދަތުރު ފެށޭތީ އުފަލުން ހުރި ރަޝްމިކާ ބުނީ ހިންދީ ސިނަމާއަށް ވަދެ މި ދަތުރު ފެށޭތީ އޭނާ އިންތިހާއަށް އުފާވެފައި ހުރި ކަމަށެވެ. ސައުތު އިންޑިޔާގެ މީހުންގެ ހިތްތައް އަތުލާފައިވާ ރަޝްމިކާގެ އުންމީދަކީ މުޅިން އާ އޯޑިއަންސެއްގެ ހިތްތައް ފަތަހަ ކުރުމެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި "މިޝަން މަޖްނޫ" ކަހަލަ ރީއްޗަށް ލިޔެފައިވާ ސްކްރިޕްޓެއް އޭނާއަށް ހުށަހެޅުނު ކަމީ ވެސް އޭނާ ވަރަށް ޝުކުރުވެރިވާ ކަމެކެވެ.

"މިޝަން މަޖްނޫ"ގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ 2021 ގެ ފެބްރުއަރީމަހު އެވެ.